ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ފުރަތަމަ ދަރިފުޅު އާޗީގެ ރަސްމީ ދެ ފޮޓޯއެއް ޝާހީ އާއިލާ އިން އިއްޔެ އާއްމު ކޮށްފިއެވެ.

އުމުރުން ދެމަސް ދުވަހުގެ އާޗީއަށް ރަސްމީކޮށް ނަން ކިޔުމަށް ބޭއްވި ހަފްލާއަށް ފަހު އާއްމު ކުރި އެއް ފޮޓޯ އިން ފެންނަނީ އާއިލާގެ މެންބަރުންނެވެ. ދެވަނަ ފޮޓޯ އިން ފެންނަނީ އާޗީ އާއި އެކު ޕްރިންސް ހެރީ އާއި މޭގަން އެވެ.

މޭގަން އާއި ހެރީ އަށް ފުރަތަމަ ދަރިކަލުން ލިބިވަޑައިގެންނެވީ މިދިޔަ މެއި މަހު އެވެ.

އިއްޔެ އާއްމު ކުރި އާއިލާގެ ފޮޓޯގައި މޭގަންގެ މަންމަަ ޑޯރިއާ ވެސް ހުއްޓެވެ. ޑޯރިއާ މިވަގުތު އިނގިރޭސިވިލާތުގައި ހުރީ މާމަ ދަރިކަލުންގެ އަރިހަށް ޒިޔާރަތް ކުރާ ކުރު ޗުއްޓީއެއްގައެވެ. ފޮޓޯ އިން ދެން ފެންނަނީ ޕްރިންސް ޗާލްސް އާއި ކެމިލާ، ޕްރިންސް ވިލިއަމް ކޭޓް އަދި ޕްރިންސެސް ޑަޔާނާގެ ދައްތަ ސާރާ އާއި ލޭޑީ ޖޭން ފެލޯސް އެވެ.

އިއްޔެ ޝާހީ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އާއްމުންގެ ފަރާތުން މޭގަން އާއި ހެރީ އަށް އަދި ތުއްތު އާޗީ އަށް ދެމުން ގެންދާ ސަޕޯޓަށް ޝުކުރު އަދާކުރާކަމަށާއި އާއްމުންގެ ހެޔޮ ދުޢާ އަބަދުވެސް ލިބެމުން އަންނާތީ އުފާ ކުރާ ކަމަށެވެ.

އާޗީ އަށް ނަން ކިޔުމުގެ ހަފްލާ ވެސް ބާއްވާފައި ވަނީ ޝާހީ އާއިލާގެ އެހެން މެންބަރުންގެ އެފަދަ ހަފްލާތައް ބާއްވާ ގޮތާއި ހިލާފަށް ވަރަށް އާދައިގެ ގޮތަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން އާއި ހެރީ ބޭނުން ވަނީ އާދައިގެ ދިރިއުޅުމެއްގައި އާޗީ ގެންގުޅޭށެވެ.