މިހާރަކަށް އައިސް ރާއްޖޭގައިވެސް ސައިކަލު މަޑި ދަށުންނާއި ކާރުތަށް ހަލާކުކޮށްލައިގެން އޭގެ ތެރޭގައި ހުންނަ އެއްޗެހި ވަގަށް ނެގުން ވަނީ އާއްމު ކަމަކަށް ވެފައެވެ. މިއީ އިނގިރޭސި ވިލާތުގެވެސް ހާލަތު ކަމުގައި ވާއިރު، އެ ގައުމުގެ މީހަކު މިވަނީ އޭނާގެ ވޭނުން ވައްކަން ކުރުން ހުއްޓުވުމުގެ ގޮތުން މޮޅު ކަމެއް ކޮށްފައެވެ.

އުމުރުން 61 އަހަރުގެ ރޭން ޓޭލާ އަކީ ކަރަންޓުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އެ މަސައްކަތް ކުރުމަށް ބޭނުން ކުރާ ސާމާނު ޓޭލާ ރައްކާ ކޮށްފައި ހުންނަނީ އޭނާ ދުއްވާ ވޭނު ތެރޭގައެވެ. ނަމަވެސް، 2 އަހަރު ތެރޭގައި އެ ވޭނުގެ ތެރެއިން ކަރަންޓާއި ގުޅުން ހުރި އެކި އެކި ސާމާނު ވަނީ ވަގަށް ނަގާފައެވެ. އެތަކެތީގެ އަގު 6000 އެމެރިކާ ޑޮލަރު (92،400 ރުފިޔާ) އަރާ އިރު، ޓޭލާ ނިންމީ މިކަން ހުއްޓުވުމުގެ ގޮތުން ކަރަންޓު ބޭނުން ކުރާށެވެ.

މިހާރު ވޭނުގެ ދޮރު ދަންވަރު ގަޑީގައި ހުޅުވަން މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް 1000 ވޯލްޓުގެ ކަރަންޓު ޖެހިގެން ދާނެއެވެ. އޭގެ އިތުރުން ވަގުން އުޅޭކަން އޭނާގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ވަރަށް ބާރު 3 އެލާމް ވެސް އަޅާނެއެވެ.

ޓޭލާ މިކަން ކުރި ހަބަރު އެ ޤައުމުގެ ފުލުހުންނަށް ލިބުމުން އެމީހުން ވަނީ އައިސް އޭނާގެ ވޭނު ރަނގަޅަށް ބަލާފައެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި ވަގުން ހުއްޓުވުމަށްޓަކައި އެގޮތަކަށް ކަންތައް ކުރުމަކީ ހުއްދަ ކަމެކެވެ.

މިވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައުރުވަމުން އަންނައިރު، ވޭނުން ވައްކަން ކުރި ބަޔަކަށްވެސް މި ހަބަރު އަޑުއިވިފައި އޮތުން ވަރަށް ގާތެވެ. އެހެންކަމުން ދެން ފަހަރަކުން މީހަކަށް އެ ވޭނުން ވައްކަން ކުރަން ނުކެރޭނެކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    އިނގިރޭސި ވިލާތުގައި މުދާ ހިމާޔަތްކުރަން ކަރަންޓް 1000 ވޯލްޓްގެ ކަރަންޓް ބޭނުންކުރުން ހުއްދަ! ރާއްޖޭގައި އަމިއްލަ މީސްމީހުން މުދާ ހިމާޔަތްކުރަން 200 ވޯލްޓްގެ ކަރަންޓް ބޭނުންކުރުން ހުއްދައެއްނޫން، އެހެންނު؟

    22
    • ރާވެރިބެ

      ނިކަން ދޮންމީހުން އުޅޭހެން އުޅެބަލަ

      6
      1