ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން 141,500ރ ވަގަށް ނެގި މީހަކު 121,665ރ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

2018 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ ކ.މާލެ، ޑޭލައިޓް، ހުސެއިން ރަޝީދުގެ މައްޗަށެވެ.

މިގޮތުން 2018 ވަނަ އަހަރުގެ މާޗު 25 ވަނަ ދުވަހުގެ 17:34 ހާއިރު، ރީފްސައިޑް ފިހާރަ ކުރިމަތީ ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑި ހުޅުވާ، އެ ސައިކަލުގެ މަޑިދަށުގައި އޮތް ސިޓީ އުރައަކުން ހުސެއިން ރަޝީދު ވަނީ 141,500ރ ވަގަށް ނަގާފައެވެ. އެހެންވެ، ދައުލަތުން ވަނީ އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގާ އިބްތިދާއީ އަޑުއެހުމުގައި ހުސެއިން ރަޝީދުގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކި:

  • ހުސެއިން ރަޝީދުގެ ތަހުގީގު ބަޔާން
  • ސައިކަލުގެ ވެރިފަރާތް
  • ސައިކަލުގެ ވެރިފަރާތަށް ފައިސާ ދިން މީހާ
  • ހުސެއިން ރަޝީދު ދިރިއުޅުނު ގެ ބަލާ ފާސްކުރަން ދިޔަ އޮފިސަރުން
  • ހުސެއިން ރަޝީދު ހައްޔަރުކުރި އޮފިސަރު
  • ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރުން
  • ވީޑިއޯ އެންޑް އިމޭޖް އެނަލަސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު

މި މައްސަލައިގާ ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މައްސަލައިގާ ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން ހުސެއިން ރަޝީދު ވަނީ ކަނޑައެޅޭ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެކަމަކު، ދައުލަތުން ވަނީ އެފަދަ ބަދަލެއް ގެންނަން ޖެހޭ ހާލަތެއް ނެތްކަން ފާހަގަކޮށްފައެވެ.

މިފަދަ ވައްކަމުގެ ކުށަށް ކަނޑައެޅޭ ގާނޫނީ އަދަބީ އެއް އަހަރާ 7 މަހުގެ ޖަލު ހުކުމެކެވެ. އަދި، އާންމުކޮށް އަދަބު ލުއިކޮށްދެނީ ކުށަށް އިއުތިރާފުވާ މީހުންގެއެވެ.

މި މައްސަލައިގާ ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ގާނޫނުން ހުސެއިން ރަޝީދަށް ލިބިދޭ ޖަލު އަދަބު 121,665ރ ގެ ޖޫރިމަނާއަކަށް ބަދަލުކޮށް، އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވެސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް އަންގާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ގާޒީ އަލީ ނަދީމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސެންޓިމެންޓި

    ޝަރުއީ ނިޒާމު މިހާރު އޮންނަގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާނީ އޭނާކުރި ކުށަށް ކަނޑައަޅާ އަދަބު. ކްރިމިނަލް ކޯޓުން ޖޫރިމަނާ ކުރި އަދަދު އެއީ ވަގަށްނެގި ފައިސާގެ ބަދަލެއްނޫން. އެއީ ކުށުގެ އަދަބަކަށް ކަނޑައެޅި އަދަދެއް. ވަގަށްނެގި ފައިސާ ހޯދުމަށް ފައިސާގެ ވެރިފަރާތުން ދާންޖެހެނީ ސިވިލްކޯޓަށް. ސިވިލްކޯޓުގައި ދަޢުވާކުރުމުން މަދަނީ ބަދަލު ދިނުމަށް ޙުކުމް ކުރާނީ ސިވިލްކޯޓުން.

    • ޒިއަކް

      ވާނުވާ ނުބަލާތީ ނޭނގެނީ.. ހުކުމް އެއްކޮށް ކިއުއްވިންތޯ؟؟ ޖޫރިމަނާއަކީ ގިނަ ފަހަރަށް ޖިނާއީ ހުކުމަކާއެކު އަންނަ އަދަބެއް.. އަދި ޖޫރިމަނާ ދައްކަންޖެހޭނީ ވަގަށް ނެގި ފައިސާގެ އިތުރުން… މި މައްސަލައިގަ ވަގަށް ނެގި ފައިސާ ފުލުހުން ހޯދާ ވެރިފަރާތާ ވަނީ ހަވާލުކޮށްފަ..

  2. މަގޭޚިޔާލު

    ޖުރިމަނާއަކީ ކުށުގެ އަދަބު ނުވަތަ އަދަބުގެ ބައެއް. ވަގަށްނެގި ފައިސާ ހޯދުމަށް ފައިސާގެ ވެރިމީހާ ދާންޖެހޭނީ ސިވިލްކޯޓަށް.

  3. އަލީ

    އެއްވެސް އިތުބާރެއް އޮތް ކޯޓުތަކެއްނޫން ތިއީ.