ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި، ބުރުޒުމަގުގައި ހުރި ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކޮށްފައިވާ ކަމަށް މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ކުރި ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕް، ދެ އައިފޯނު އަދި އެހެނިހެން ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރި ކަމަށް އިއްޔެ ފަތިހު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

އެ ރިޕޯޓާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާ އާއި ޑޮލަރުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 24 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.