ބޮލީވުޑްގެ މަޝްހޫރު ތަރި، ވަރުން ދަވަންގެ ފޭނަކު އެނާގެ ލޯބިވެރިޔާ، ނަތާޝާ ދަލާލް އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނަތާޝާއަށް ހަމަލާދީ އޭނާ މަރާލާނެ ކަމަށް ބުނެފައިވަނީ، ވަރުން އާއި ބައްދަލުކުރަން އޭނާ ދިރިއުޅޭ ގެ ކައިރިޔަށް ދިޔަ އޭނާގެ އަންހެން ފޭނެކެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުގައި އެ އަންހެންމީހާ ނަތާޝާއަށް މަރުގެ އިންޒާރު ދިނީ، ވަރުން އާއި ބައްދަލުކުރަން ގޮސް އެކަން ކާމިޔާބުވާގޮތް ނުވުމުން ނުރުހުންވެގެންނެވެ.

މުމްބާއީގައި ހުންނަ ވަރުންގެ ގެ ކައިރިޔަށް އޭނާ ދެކިލުމަށް ދިޔަ ފޭނުންގެ ތެރޭގައި ހުރި އެ އަންހެން މީހާ އެކި ފަހަރު މަތިން ވަރުން އާއި ބައްދަލުކުރަން ދިއުމުންވެސް ވަރުން އާއި ދިމާވާގޮތް ނުވުމުން އަމިއްލަ ނަފްސަށްވެސް އަނިޔާ ދިނުމަށް މަސައްކަތް ކުރި ކަމަށް ވެއެވެ. ނަމަވެސް އެވަގުތު އެ ސަރަޙައްދުގައި ތިބި މީހުން ވަނީ އެކަން ހުއްޓުވާފައެވެ.

ވަރުންގެ ފަރާތުން މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކި މީހަކު ނޫސްތަކުގައި ބުނެފައިވަނީ، އެ އަންހެން މީހާ ހިތްހަމަ ނުޖެހުނީ ގިނައިރުތަކެއް ވަންދެން ވަރުންގެ އިންތިޒާރުގައި ހުރުމުންވެސް ވަރުން އާއި ދިމާވާގޮތް ނުވުމުންނެވެ. މިގޮތަށް ދިމާވީ ވަރުން، އޭނާގެ އަލަށް ނެރޭ ފިލްމެއްގެ ޕްރޮމޯޝަން މަސައްކަތްތަކެއްގައި އުޅެމުން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

އަދި އާންމު ގޮތެއްގައި ވަރުން ދިރިއުޅޭ ގެ ކައިރިޔަށްދާ ފޭނުންނާއި ބައްދަލުކޮށް އޭނާ ސެލްފީނަގާ ހަދާއިރު، ފޭނެއްގެ ފަރާތުން ވަރުންގެ ލޯބިވެރިޔާއަށް މަރުގެ އިންޒާރެއް ލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވަރުންގެ ފަރާތުން މީޑިއާގައި ވާހަކަ ދެއްކި ފަރާތުން ބުނެފައި ވެއެވެ.

ވަރުންގެ ލޯބިވެރިޔާ ނަތާޝާއަށް ހަމަލާ ދޭނެކަމަށް ބުނެ ވަރުންގެ ފޭނަކު ނަތާޝާއަށް މަރުގެ އިންޒާރު ދިން މައްސަލަ މިހާރު ވަނީ މުމްބާއީގެ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ނަތާޝާއަށް މަރުގެ އިންޒާރު ދިން މީހާ އާއި މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިވާ ކަމެއްވެސް ނޭނގެއެވެ.

ވަރުން އާއި ނަތާޝާ ލޯބީގެ ގޮތުން ގުޅި އެކަން ހާމަކޮށްފައި ވަނީ ދާދި ފަހުންނެވެ. ނަމަވެސް އެ ދެމީހުންނަކީ ކުޑައިރުގެ ދެ ރަހުމަތްތެރިން ކަމުން، މީގެ ކުރިންވެސް އެކުގައި ވަރަށް ގިނައިން ފެނިފައި ވެއެވެ. ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ނަތާޝާ އާއި ވަރުން ވަރަށް އަވަހަށް ކައިވެނިކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑު ފެތުރިފައިވާއިރު، އެދެމީހުން ދާދި ފަހުން ވަނީ އެކުގައި ޗުއްޓީއެއްވެސް ހޭދަކޮށްފައެވެ.