ބޮލީވުޑްގެ 'ކަޕްލްސް' ތަކުގެ ތެރެއިންވެސް ކުޅަދާނަ ފަންނާނު އަނުޝްކާ ޝަރްމާ އާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޮލީގެ ލޯބީގެ ހަޔާތަކީ އެ ދެމީހުންގެ ފޭނުން އަބަދާއި އަބަދު ދައްކަމުން އަންނަ ވާހަކައެކެވެ. ބިޒީކޮށް އުޅެމުން ދުރުގައި ވިޔަސް އެތައް ދުވަހެއް ވަންދެން ދެމީހުން އެއްކޮށް އެ ދައްކައިދެމުންދާ ލޯބީގެ ރީތި މިސާލުން އެތައް ބަޔަކު ދަނީ އެ ވާހަކަ ދައްކަމުންނެވެ.

ދާދި ފަހުން އަނުޝްކާއާއި ވިރާތު ވަނީ ނިއުދިއްލީގައި ހުންނަ ބްރިޓިޝްގެ ހައި ކޮމިޝަނުގައި ބައްދަލުކޮށްފައި ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެފިއެވެ.

A picture of Virat Kohli and Anushka Sharma at British High Commission in New Delhi.
އަނުޝްކާ އާއި ވިރާތު ނިއުދިއްލީގެ ބްރިޓިޝް ހައި ކޮމިޝަނުގައި

މައުލޫމާތު ލިބޭ ގޮތުގައި، އަނުޝްކާ މިވަގުތު ދަނީ ވަރުން ދާވަން އާއިއެކު ފިލްމެއް ޝޫޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ވިރާތު ދަނީ 11 ވަނަ 'އިންޑިއަން ޕްރިމިއާރ ލީގް' ގެ މަސައްކަތުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، އަނުޝްކާ ވަނީ އޭނާގެ ޝޫޓިންއިން ދެ ދުވަހުގެ އޮފެއް ނަގާ، އޭނާގެ ފިރިމީހާ ވިރާތު ކައިރިއަށް ނިއު ދިއްލިއަށް ދަތުރުކޮށްފައެވެ.

ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ގޮށް ޖަހާލައިފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގައެވެ. މި ދެމަފިރިންގެ މާމުއި ހަނދުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ޔޫރަޕްގައެވެ.