މަތިންދާ ބޯޓެއްގެ ތެރޭގައި "ޕުލްއަޕް" ޖައްސައި، ކްރޫންނަށް ނުކިޔަމަންތެރިވި ޕަސެންޖަރަކު ބާލަން ވެގެން ދާން އޮތް މަންޒިލަށް ނުގޮސް ކައިރީގައި އޮތް އެއާޕޯޓަކަށް ޖައްސައިފިއެވެ

މި މަތިންދާ ބޯޓަކީ އެމެރިކަން އެއާލައިންސްގެ މަތިންދާ ބޯޓެކެވެ. މި ބޯޓު ފުރާފައިވަނީ ފީނިކްސް އިން ބޮސްޓަން އަށެވެ. އެހެންނަމަވެސް މަންޒިލާއި ހަމައަށް ދެވުމުގެ ކުރިން މި މަތިންދާ ބޯޓު ވަނީ ކައިރީގައި އޮތް ކަންސަސް ސިޓީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.

ބޯޓު ތެރޭގައި ހުރި މަންޒަރު ދުށްމީހަކު ޑަބްލިއުބީޒީ އަށް މައުލޫމާތު ދެމުން ބުނީ، ބޯޓުން ބޭލުވި އެމީހާ ކުއްތާ ގޮވައިގެން އެރިއިރު ހުރީ މަސްތުހާލުގައި ކަމަށާއި ކްރޫ އިންގެ އެއްވެސް އިރުޝާދަކަށް އޭނާ ކިޔަމަންތެރި ނުވާ ކަމަށެވެ.

"މަތިންދާ ބޯޓަށް އެރުމާއި އެކީ ހިފައިގެން އައި ދަބަސް ކެބިން އަށް ލާފައި، ކެބިންގައި ހިފައިގެން އޭނާ ފެށީ "ޕުލްއަޕް" ޖައްސަން" މަންޒަރު ދުށް މީހަކު ބުންޏެވެ.

ބޯޓު ކްރޫއިން އޭނާ ހުއްޓުވަން އުޅުމުން ހުތުރު ބަހުން ވާހަކަ ދައްކައި ކްރޫ އަށް ނުކިޔަމަންތެރިކަން ވެސްވަނީ ދައްކާފައި ކަމަށް އޭނާ ބުންޏެވެ.

މިކަން މިހެންވުމުން މަތިންދާ ބޯޓުގެ ކެޕްޓަނުންނަށް މަޖުބޫރުވީ އެންމެ ކައިރީގައި އޮތް އެއާޕޯޓަށް ޖައްސައި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އޭނާ އެ ބޯޓުން ނެރުމަށެވެ. އެގޮތުން ބޯޓުގެ ކެޕްޓަނުންވަނީ ކަންސަސް އެއާޕޯޓަށް ބޯޓު ޖައްސައި ކަމާބެހޭ ފަރާތްތަކުގެ އެހީގައި ގަދަކަމުން އޭނާ އެ ބޯޓުން ނެރެފައެވެ.

އޭނާގެ އަމަލުތަށް މިގޮތަށް ހުރި އިރުވެސް އެއްވެސް ކަހަލަ ފިޔަވަޅެއް އޭނާ އަކަށް އަޅާފައެއް ނުވެއެވެ. އަދި އޭނާ ނެރުމަށްފަހު ބޯޓު ވަނީ މަންޒިލަށް ދާން ފުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު