ދުނިޔޭގެ އުފާވެރި ވަގުތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރަމުންދާއިރު، ދުނިޔެއަކީ ވަގުތީ އުފާތައް ލިއްބައިދޭ ވަގުތީ އާލަމެއްކަން ހަނދާން ހުންނަނީ މަދު ބައެކެވެ. މި ހަޤީޤަތް ގިނަ ބައެއްގެ ހިތަށް ގެނެވެނީ، ދުނިޔޭގެ މި ބަދަލެއް ނުވާ ޤާނޫނާއި ކުއްލިއަކަށް ކުރިމަތިލާން ޖެހި، އަބަދަށްޓަކައި ހަނދާނުގައި ހަރުލާފައި ހުންނަވަރުގެ ކަމަކާއި ކުރިމަތިވުމުންނެވެ. އިމްތިހާނުގެ މި ވަގުތީ ގޯތީގައި، އެއްވެސް މީހަކަށްމެ އިންސާފެއް ލިބެން ނެތީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. މިއީވެސް އާއިލާއަކަށް ކުރިމަތިވި އެފަދަ ހާދިސާއެއްގެ ވާހަކައެވެ.

އެމެރިކާއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އައިވާ ސްޕްރޯ އާއި އޭނާގެ ކުޑަކުޑަ އާއިލާ، ޗުއްޓީ ދަތުރެއް ފެށީ އެކުގައި އާއިލާގެ އެންމެން އުފާވެރި ދުވަސްކޮޅެއް ހޭދަކޮށްލުމުގެ ފޮނި އުންމީދުގައި، އުފަލުންނެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދަތުރުގެ ވަކި ހިސާބަކުން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

އެމެރިކާ އާއި ކެނެޑާ ގުޅޭ ސަރަޙައްދުގެ ފަރުބަދަމަތީ ހިސާބެއްގައި އޮންނަ މޮންޓާނާ ގްލޭސިއާ ނޭޝަނަލް ޕާކު ކައިރިން ކާރެއްގައި ދަތުރުކޮށްފައި ދިޔަ މި އާއިލާއަށް ކުރިމަތިވި ކުއްލި ހިތާމައިގެ ވާހަކަ ގިނަ ބަޔަކު މިހާރު ވަނީ އަޑުއަހާފައެވެ. ފަރުބަދަމަތިން ވެއްޓުނު ހިލަތަކެއް އެމީހުން ދަތުރުކުރި ކާރުގެ މައްޗަށް ވެއްޓުނު ވަގުތު ފަހަތު ސީޓުގައި ހުރި އައިވާއަށް ލިބުނު އަނިޔާތަކުން މިންޖު ނުވެވި އޭނާ ދުނިޔެ އާއި ވަކިވެގެން ދިޔަ މި ހާދިސާ އިން އެތައް ބައެއްގެ ހިތަށް ހިތާމަވެރި އަސަރުތަކެއް ވަނީ ކުރުވާފައެވެ.

އެމެރިކާގެ ނޫސްތައް ބުނާގޮތުގައި އައިވާ މަރުވީ އާއިލާއާއި އެކު އޭނާ ޗުއްޓީ ހޭދަކޮށްލުމަށް ކެނެޑާއަށްދިޔަ މަގުމަތީގައި މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެ އާއިލާ ދަތުރުކޮށްފައި ދިޔަ ކާރުގެ މައްޗަށް ގާތްގަނޑަކަށް 12 އިންޗި ހުރި ހިލަތަކެއް ވެއްޓުނު ވަގުތު އޭނާ ހުރީ ފަހަތު ސީޓުގައި ކަމަށް ނޫސްތަކުގައި ބުނެފައިވާއިރު، ހާދިސާގައި ކާރުގެ ފަހަތުގެ ބިއްލޫރިގަނޑު އެކީގައި ވަނީ ތަޅައިގެން ގޮސްފައެވެ. މި ހާދިސާގައި ބޮޑަށް އަނިޔާ ލިބުނީ އައިވާގެ ބޮލަށެވެ.

އާންމުކޮށް މަދު ބަޔަކު ދަތުރުކުރާ އުސް، ފަރުބަދަ މަތީ ސަރަޙައްދެއްގައި ހިނގި މި ހާދިސާ އާއި އެކު އެ ސަރަޙައްދަށް ރެސްކިއު ހެލިކަޕްޓަރެއްގައި އޮފިޝަލުން ދަތުރުކުރިއެވެ. ނަމަވެސް ހޮސްޕިޓަލަށް ނުގެންދެވެނީސް އައިވާ މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބެނީހެވެ. ނޫސްތައް ބުނާގޮތުގައި، ރެސްކިއު ހެލިކަޕްޓަރަށް އައިވާ އެރުވިއިރު އޭނާ ގުނަމުން ދިޔައީ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅެވެ.

އުމުރުން 14 އަހަރުގެ އައިވާ މަރުވި ހާދިސާ ހިނގި ވަގުތު އޭނާ ދަތުރު ކާރުގައި އެއްބަނޑު އެއްބަފާ ކޮއްކޮ އަކާއި ބޭބެއެއްގެ އިތުރުން މަންމަ އާއި ބައްޕަވެސް ދަތުރުކުރިއެވެ. މި ނުރައްކާތެރި ހާދިސާގައި ސަލާމަތްވި އާއިލާގެ އެހެން މެމްބަރުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. އެމީހުންނަށް ސީރިއަށް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، އައިވާގެ ކުއްލި މަރާއެކު ހިތުން ފިލައިނުދާނޭ ބޮޑު ހިތާމައެއް ވަނީ ކުރިމަތުވެފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދަކީ މީގެ 23 އަހަރު ކުރިން 1996 ވަނަ އަހަރުވެސް މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާ ސަރަޙައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންސާފު ލިބެން ނެތީއޭ ޖަހާފަ އޮތީމަ ހައިރާންވޭ. ﷲ އިންސާފު ދެއްވާނެ ކޮންމެ މީހަކަށްވެސް.

  2. މަންޖެ

    ފަހަތު ސީޓުގައި ކޮޅަށް ކުރީތަ؟؟ މަތި ކަހާލެވޭ. ވައްތަރުގެ ކާރެއްތަ؟؟