އެންމެ ދެ ދުވަހަށް ފަހު ބައްދަލުވި ދެ ރަހުމަތްތެރިން އެކަކު އަނެކަކު ފެނުމުން އުފަލުން ބައްދާލައި، އުފާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފެނިފައި އެތައް ބައެއްގެ ހިތްތައް އެކުދިން ދަމައިގެންފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ 2 އަހަރުގެ މެކްސްވެލް އާއި ފިނެގަންއަކީ އެ ކުދިން ވިހެއިންސުރެ އެކުގައި ވަގުތު ހޭދަ ކުރާ ކުދިންނެވެ. މިހެންކަމުން، މިކުދިންގެ ރަހުމަތްތެރިކަމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައެވެ. އެކަން މިހާރު ދައުރުވަނުން އަންނަ ވީޑިއޯ އަށް ބަލައިލުމުން ސާބިތުވާނެއެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި މި ދެކުން ދެ ދުވަހަށް ފަހު މަގުމަތިން ފެނުމުން ވަނީ އެކަކު އަނެކަކާއި ދިމާލަށް ދުއްވައިގަނެ ބައްދާލާފައެވެ. އަދި އެއަށް ފަހު މެކްސްވެލް ވަނީ ފިނެގަން އަތުގައި އޮތް ކުޅޭ ކުޅޭ ކާރާއި ދިމާލަށް އިނގިލި ދިއްކޮށް، ދެމީހުން އެކުގައި ކުޑަ ރޭހެއްވެސް ޖަހާފައެވެ.

އެ ކުދިންގެ މައިންބަފައިން އެ ގައުމުގު ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ގޭގައި އުޅޭ އިރު އަބަދުވެސް، އެކުދިންގެ "ބެސްޓް ފްރެންޑް" ކޮބައިތޯ އާއި އާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ކިޔައެވެ.

"މި ދެކުދިން އެކުގައި އުޅޭތާ މިހާރު ވަރަށް ދުވަސްވެއްޖެ. ހުރިހާ ކަމެއްވެސް އެއްކޮށް ކުރާނީ. މި ފެންނަ ވީޑިއޯގައި ދެމީހުން މާ ފޯރި އަރާފައި އެތިބީ އެންމެ ދެ ދުވަސް ފަހުން ބައްދަލުވިކަމަށްޓަކައި" ފިނެގަންގެ ބައްޕަ އިތުރަށް ބުނެފައި ވެއެވެ.

މިކުދިންގެ ވީޑިއޯ ބަލާފައި އެކުދިން އެކުގައި ތިބޭއިރު ވަރަށް "ކިއުޓް" ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު