ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެކުވެރިން ތިބޭނެއެވެ. ނަމަވެސް ހަގީގީ އެކުވެރިއެއް ނުލިބުމުން ނުވަތަ އެކުގައި އުޅުނު އެކުވެރިން ލަނޑު ދިނުމުން މީހުންނާއި އެކަހެރިވެގެން އުޅެން ބޭނުންވާ މީހުންވެސް ތިބެއެވެ.

މިފަދަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ދުވަހަކުވެސް ދެން ރަނގަޅު ރަހުމަތްތެރިޔަކު ނުލިބޭނެއެވެ. އެހެންކަމުން އެފަދަ މީހަކާއި ދިމާވި ކަމުގައި ވިޔަސް މި މީހުންނަށް އެންމެ އެދެވޭ ގޮތެއްގައި އެކުވެރިކަމެއް ނުބޭއްވެއެވެ.

ހެޔޮއެދޭ ކަމަށް ހެދިގެން ދޯކާ ދޭން އުޅޭ ރައްޓެއްސެއް

ހެޔޮއެދޭ ރައްޓެއްސެއްނަމަ ތިމާ ނުހުންނަ ތަންތަނުގައި މީހުން ތިމާގެ ގޯސް ވާހަކަތައް ދައްކާ މީހަކުނަމަ އެކަމާއި މެދު ނުރުހުން ފާޅުކޮށް، އެކަމެއް ހުއްޓުވާނެއެވެ. ރަނގަޅު ރައްޓެހިންނަކީ ތިމާގެ "މަސް" ކާނޭ ބައެއް ނޫނެވެ. ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ އެވާހަކަ އެހެން މީހުންގެ ގާތުގައި ދެއްކުމުގެ ބަދަލުގައި އެމީހުން އެވާހަކަ ތިމާ މޫނުމައްޗައް ބުނާނެއެވެ.

މިއީ ރަނގަޅު ރަހުމަތްތެރިން ދެނެގަންނާނޭ އެންމެ ފަސޭހަ އެއް ގޮތެވެ. ނަމަވެސް ވިސްނައިގެން އުޅޭށެވެ. ބައެއް މީހުން ތިމާ ހައްދާލާފައި އިތުބާރު ހޯދުމުގެ ބޭނުމުގައި މިފަދަ ކަންކަން ވަރަށް ގަދައަށް ރާވައިގެންވެސް ކުރެއެވެ. ނަމަވެސް، ވިސްނައިގެން ހުރެއްޖެނަމަ އެފަދަ މީހަކު ކައިރީ އުޅޭނަމަ އެނގޭނެއެވެ.

އެންމެ ކައިރީގައި އުޅޭ ރައްޓެހިންގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެގެން ދާކަމީ އަހަރެމެން ދިވެހިންގެ ތެރައަށްވެސް އާ ވާހަކަ އަކަށް ނުވާނޭކަން ޔަގީނެވެ.