ޖެނިފާ އެނިސްޓަން އާއި ޑޭވިޑް ޝުއިމާ ނޭނގޭ ބަޔަކު މަދުވާނެއެވެ. ދުނިޔޭގައި މިހާތަނަށް އެންމެ މަޝްހޫރުވެގެންދިޔަ އަދި މިހާރުވެސް ގިނަ ޒުވާނުންގެ އެންމެ މަގުބޫލު އެއް ސީރީސް ކަމަށްވާ ’ފްރެންޑްސް‘ ގެ ދެތަރިން ކަމަށްވާ ޖެނިފާ އާއި ޑޭވިޑް އަކީ ސީރީސްގައިވެސް ބޮޑު ސަމާލުކަމެއް ހޯދާފައިވާ ދެތަރިންނެވެ. ދެތަރިންގެ މެދުގައި އޮތް ލޯބީގެ ގުޅުމަށް އަދިވެސް ބަދަލެއް ނާދެއެވެ.

ކްލޯޒާ މެގަޒިންއިން ހާމަކުރާގޮތުގައި 52 އަހަރުގެ ޖެނިފާ އާއި 54 އަހަރުގެ ޑޭވިޑް ފްރެންޑްސްގެ ރީޔޫނިއަންއަށްފަހު އުޅެނީ ވަރަށް އެކީގައިއެވެ. ގިނަ ވަގުތު ދެ ތަރީން އެކީގައި އުޅޭކަމަށް މީޑިޔާގައި އަޑުފެތުރިފައިވާއިރު މިއީ މި ތަރީންގެ ފޭނުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެކެވެ.

މީސްމީޑިޔާގައި ދެތަރީން އެކީގައި ފެނިގެންދާތީ ފޭނުން އެކި ވާހަތައް ދައްކަމުންދާއިރު މި ދެތަރީންގެ މެދުގައި ކުރީގައިވެސް ފޮރުވިފައިވާ ހާއްސަ ގުޅުމެއް ވާކަމަށް އަޑުފެތުރިފައި ވެއެވެ. އެ ގުޅުމަކީ ސީރީސްގެ ތެރެއިން އެހާވަރަކަށް ނުފެނޭ ގުޅުމަކަށް ވި ކަމުގައިވިޔަސް ހަގީގާތް އަބަދު ފޮރުވިފައި ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ފާއިތުވި މަހު ޑޭވިޑް ވަނީ އޭނާގެ ގެ ހުންނަ އަވަށުން ޖެނިފާ ދިރިއުޅޭ އަވަށަށް ގޮސްފައެވެ. ޑޭވިޑް މިހާރު ދިރިއުޅެނީވެސް ޖެނިފާގެ ގޭގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ފްރެންޑްސްގެ ޝޫޓިން ފެށުމުގެ ކުރިން 1994 ވަނަ އަހަރު ދެތަރިން ވަނީ އެކަކު އަނެކަކާއި މެދު ހާއްސަ ގުޅުމެއް ވާކަން ބުނެފަ އެވެ.

ފްރެންޑްސް ތަރިން
ފޮޓޯ: ގޫގުލް

ފްރެންޑްސްގެ ރިހާސަލްގެ ތެރެއިންނާއި ލިބޭ ބްރޭކް ތަކުގައިވެސް ދެތަރިން އުޅެނީ އެކީގައި ކަމަށްވެއެވެ. އަދި އެކީގައި ދެތަރިން ވަގުތު ހޭދަކުރަން އަބަދުވެސް ބޭނުންވާކަން ވަނީ ހާމަވެފަ އެވެ.

ޖެނިފާ އާއި ޑޭވިޑް އެއްފަހަރުވެސް ރައްޓެހިވެގެންއުޅޭކަން މީޑިޔާއަށް ހާމަކޮށްފައި ނުވެއެވެ. ޖެނިފާ ވަނީ މިހާތަނަށް ދެ ކައިވެންޏެއް ކޮށްފަ އެވެ. އެއީ 2000 ވަނަ އަހަރުން 2005 ވަނަ އަހަރަށް ބްރެޑް ޕިޓް އާއި ކުރި ކައިވެންޏާއި 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް ޖަސްޓިން ތެރޯކްސް އާއި ކުރި ކައިވެންޏެވެ.

ޑޭވިޑް ވެސް ވަނީ ކައިވެންޏެއް ކޮށްފަ އެވެ. ޑޭވިޑް ކައިވެނިކޮށްފައި ވަނީ (2010-2017) ޒީއީ ބަކްމެން އާއި އެވެ. މި ކައިވެންޏަށް އޭނާ އަށް ވަނީ އަންހެން ކުއްޖެއްވެސް ލިބިފަ އެވެ.