މިހާތަނަށް އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ ސިޓްކޮމްގެ ޝަރަފު ހޯދި "ފްރެންޑްސް"ގެ އައު އެޕިސޯޑުތަކެއް "ފްރެންޑްސް ރީޔޫނިއަން"ގެ ނަމުގައި މިމަހުގެ 27 ވަނަ ދުވަހު މިވަނީ އެޗްބީއޯ މެކްސްއިން ސްޓްރީމް ކުރަން ފަށާފައެވެ.

މި އައު އެޕިސޯޑުގެ މައިގަނޑު ކާސްޓުންގެ "ފްރެންޑްސް" އިން ފެނިގެންދިޔަ ޖެނިފާ އެނިސްޓަން، ލީސާ ކުޑްރޯ، ކޯޓްނީ ކޮޒް، މެޓް ލީ ބްލޭންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ ފެނިގެންދެއެވެ. މި ތަރިންނާއި އެކު ގެސްޓު ފަންނާނުންގެ ގޮތުގައި ބައެއް ތަރިން ބައިވެރި ވެފައިވެއެވެ.

އޭހެ ތެރޭގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ޑޭވިޑް ބެކަމް، ކިޓް ހެރިންޓަން އަދި މަލާލާ ޔޫސުފް ޒާއީ ފަދަ މަޝްހޫރު ބައެއް މީހުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރީޔޫނިއަން އެޕިސޯޑުން ފެނިގެން ގޮސްފައިވާ ތަރިންނަށް ވަނީ ބޮޑު އަގެއް ދީފައެވެ. 17 އަހަރު ފަހުން ގެނެސްދިން ރީޔޫނިއަން އެޕިސޯޑުން ފެނިގެން ގޮސްފައިވާ ތަރިންނަށް އެޕިސޯޑަކަށް 2.5 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަހަރުތަކެއް ވަންދެން ނެޓްފްލިކްސްއިން އެންމެ ގިނަ ބަޔަކު ބަލާ ޝޯއެއްގެ ގޮތުގައި ފްރެންޑްސް ފާހަގަ ވެފައިވެއެވެ.

ޒީ އެންޓަޓެއިންމެންޓް ވީޑިއޯ ސްޓްރީމިންގް ސާވިސްއިން ދައްކަން ފެށި ރީޔޫނިއަން އެޕިސޯޑް ލޯންޗް ކުރި ދުވަހު ވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

1994 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން ދިޔަ ހުރިހާ ރަހައެއްް އެކުލެވޭ ފްރެންޑްސް ޝޯ ނިންމާލައިފައިވަނީ 10 ސީޒަނަށް ފަހު 2004 ވަނަ އަހަރުއެވެ.