ބޯ ބޭލުމަށްފަހު، ކެންސަރަށް ފަރުވާކުރާ ކުދިންނަށް އިސްތަށިގަނޑު ހަދިޔާކުރި އިންޑިއާގެ އަންހެން ފުލުހަކަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

ތިއްސޫރު ޑިސްޓްރިކްޓުގެ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ އުމުރުން 46 އަހަރުގެ އަޕަރްނާ ލާވާކުމާރު ބޯ ބޭލުމަށްފަހު، ބުރިކޮށްލި އިސްތަށިގަނޑު ހިފައިގެން ހުރި ފޮޓޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އޭނާ އެ އިސްތަށިގަނޑު ހަދިޔާކޮށްފައި ވަނީ ކެންސަރު ޖެހިގެން ފަރުވާ ހޯދާ ކުދިންނަށް "ވިގު" ހަދައިދޭ ޖަމިއްޔާއަކަށެވެ.

މިކަމާއި ގުޅޭގޮތުން އޭނާ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ، މިއީ ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހިފައިވާ ކުދިންނަށް އެހީވުމުގެ ކުޑަ މިންވަރެއް ކަމަށާއި، ހަށިގަނޑު ގުނަވަންތައް ހަދިޔާ ކުރާ މީހުންވެސް ގިނަ އަދަދަކަށް އުޅޭއިރު އެފަދަ މީހުންނަށް ޝުކުރު ހައްޤު ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ގިނަ ބަޔަކު އިސްނެގުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ގުޅުން އިތުރުވެގެންދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބޯ ބޭލިކަމުގައި ވީނަމަވެސް އަހަރެއް ނޫނީ ދެވަރަކަށް އަހަރުގެ ތެރޭގައި އަލުން އިސްތަށިގަނޑު ދިގުވެދާނެ. ބޭރުފުށުން ހުންނަ ސިފައަކަށްވުރެ ހެޔޮހިތުން އެހެން މީހަކަށް ކޮށްދެވޭ ކަމެއް ނުވަތަ ރައްދުކުރެވޭ ބަހެއްގެ ރީތިކަން މާ ބޮޑު. އަހަރެންގެ ނަޒަރުގައި ހަޤީޤީ ހީރޯއިންނަކީ ގުނަވަންތައް ހަދިޔާކުރާ މީހުން،" ނޫހެއްގައި ވާހަކަ ދައްކަމުން އަޕަރްނާ ބުންޏެވެ.

އަޕަރަނާގެ މި ނަމޫނާއަށް އެތައް ބަޔަކު ހިއްވަރުދީ ވާހަކަ ދައްކަމުންދާއިރު، އޭނާ މީގެ ކުރިންވެސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށް އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެގޮތުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދެއްކިގެން މޯޗަރީގައި އޮތް މީހަކު ނެރެދިނުމަށް، އަތުގައި ހުރި ރަން އުޅާތަކެއް އާއިލާއަކަށް އޭނާ ހަދިޔާކުރި ކުރުމަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ.

އަޕަރްނާއަކީ ދެކުދިންގެ މަންމައެކެވެ. އޭނާގެ ފިރިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ. އެހެން ނަމަވެސް ދިރިއުޅުމަށްޓަކައި ހިއްވަރާއި އެކު މަސައްކަތް ކުރަމުން، އެހީއަށް ބޭނުންވާ ނިކަމެތިންނަށް އަޅާލުމަށް އޭނާ ދައްކައިދޭ ނަމޫނާއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުންދެއެވެ.