އެއްގަމުގައި ނޭވާ ލައިގެން އުޅެވޭ މަހެއް އެމެރިކާގެ ޖޯޖިއާ އިން ފެނިއްޖެއެވެ. މި މަސް ފެނުނީ ޖޯޖިއާގެ ކުޅިއެއްގެ ތެރެއިންނެވެ.

ޖޯޖިއާގެ 'ވައިލްޑްލައިފް ރިސޯސެސް' އިން ހާމަކުރި ގޮތުން މިއީ އެ ސަރަޙައްދުން 'ނޮދަން ސްނޭކްހެޑް' މަހެއް ފެނުނު ފުރަތަމަ ފަހަރެވެ. އެ އިދާރާއިން މިހާރު ދަނީ އެ ވައްތަރުގެ މަސް އެ ކުޅިއަށާއި، އަދި ގުޅިފައިވާ ހިސާބުތަކަށް އިތުރަށް ފެތުރިފައިވޭތޯ ބަލަމުންނެވެ. ނޮދަން ސްނޭކް ހެޑް އަކީ އެންމެ ފުރަތަމަ އިރުމަތީ އޭޝިއާގެ ސަރަޙައްދަކުން ފެނުނު މަހެކެވެ.

މީގެ ކުރިން އެ ބާވަތުގެ މަސް ވަނީ ބައެއް ބޮޑެތި ސިޓީ ތަކުގެ މަސް މާރުކޭޓުތަކުގެ އިތުރުން، ރެސްޓޯރެންޓު އަދި ޕެޓު ފިހާރަތަކުގައިވެސް ވިއްކާފައެވެ. 2002 ވަނަ އަހަރު އެމެރިކާގެ 'ވައިލްޑްލައިފް ސާވިސް' އިން ވަނީ އެ މަހަކީ ގެއްލުންބޮޑު އެއްޗެއް ކަމަށް ލޭބަލްކޮށްފައެވެ. ނޮދަން ސްނޭކް މަހަކީ ޖައްވުގެ ސާފު ވައިގެ ނިޒާމުން ނޭވާ ލުމުގެ އުފާވެރިކަން ލިބިފައިވާ މަހެކެވެ. އެގޮތަށް ނޭވާ ލެވޭތީ، ބައެއް މަސްތައް އެއްގަމުގެ ސަރަޙައްދުތަކަށް އަރައިގެންނާއި އަދި ކައިރި ފެންގަނޑުތަކަށްވެސް ބަދަލުވެއެވެ. ނޫޅެވޭ ވަރަށް ފެންގަނޑު ތަޢައްޔަރުވެފަވާ ހާލަތްތަކުގައިވެސް މި ބާވަތުގެ މަހަށް 4 ވަރަކަށް ދުވަހު މަރުނުވެ، ސަލާމަތުން އުޅެވެއެވެ.

ދިގުކޮށް، ހަރުފައިގެ ސިފަތައް އެކުލެވިފަވާ އަދި ތޫނު ދަތެއް ހުންނަ މި މަހަކީ ކަނޑުމަހުގެ އިތުރުން އެއްގަމު ބައެއް ޖަނަވާރުތައް ޝިކާރަކުރުމުގެ ޤާބިލުކަންވެސްް ލިބިފައިވާ މަހެކެވެ. އެގޮތުން މީދަލަކީ ނޮދަން ސްނޭކްހެޑް އަށް މާ މީރު އެއްޗެކެވެ.

ނޮދަން ސްނޭކްހެޑް މަހަކީ ފެނުގައި އުޅޭ އެހެން މަސްމަހަށް އޮތް ބޮޑު ބިރެކެވެ. ފެންގަނޑު ތެރޭގައި ހުންނަ އެހެން މަސްމަހާ މެހީގެ އިތުރުން އެމީހުންގެ ކެއުންވެސް ނޮދަން ސްނޭކްހެޑް ކާލައެވެ.

މި ވައްތަރުގެ މަސް އިތުރަށް ފެތުރިގެން ހިނގައްޖެނަމަ ކަނޑުގެ ދިރުންތަކުގެ ނިޒާމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ކަމާ ބެހޭ މާހިރުން ދެކެއެވެ.