ފާއިތުވިދިޔަ 24 ގަޑި އިރަކީ އިސްރާއީލްގެ އަސްކަރިއްޔާ އަށް ވަރަށް ގިނަ ހަމަލާތަކެއް އަމާޒުވި 24 ގަޑި އިރު ކަމަށާއި އަދި މި ހަމަލާތަކުގައި ޔަހޫދީ އަސްކަރިއްޔާގެ 15 ސިފައިންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާއި ދެކޮޅަށް އެއްގަމުން ކުރަމުންދާ ހަނގުރާމައިގައި ހަމާސްގެ ހަމަލާތަކުގައި ޔަހޫދީ އިސްރާއީލްގެ 11 ސިފައިން ޒަހަމްވެފައިވާ ކަމަށެވެ. އަދި ލުބުނާން ބޯޑަރު ކައިރީގައި ހިޒްބުﷲ ޖަމާއަތުން ދިން ހަމަލާތަކުގައި ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާގެ 4 ސިފައިން ޒަހަމްވެފައިވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހީކުރި ގޮތާއި ހިލާފަށް ޣައްޒާގައި އެ އަސްކަރިއްޔާ އަށް ދަނީ ވަރުގަދަ ހަމަލާތަކެއް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ މުޖާހިދުންގެ ފަރާތުން އަމާޒުވަމުންނެވެ.

ހަމާސް ޖަމާއަތުގެ ހަމަލާތަކުގެ މޮޅު ކަމާއި ކޯޑިނޭޝަން އަށް ހަނގުރާމަތައް ދިރާސާކުރާ އެމެރިކާގެ ޖަމިއްޔާތަކުން ވެސް ވަނީ ތައުރީފް ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޔަހޫދީން 626 ސިފައިންގެ މީހުން ވަނީ މަރުވެފައެވެ. އަދި 3400 އަށް ވުރެ ގިނަ ޔަހޫދީ ސިފައިންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި އާންމުންގެ އަދަދު ވަނީ 35،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި މި ހަމަލާތަކުގައި ފަލަސްތީނުގެ 78،000 މީހުން ވަނީ ޒަހަމްވެފައެވެ.