އޭނާގެ ފޮޓޯއެއް ނަގަން ކެމެރާ ފްލެޝްކުރާތަން ފެންނަ ކޮންމެ ފަހަރަކު އިނގިރޭސިވިލާތުގެ އަމީރު، ހެރީ އަށް މަންމަގެ މަރުގެ ހަނދާންތައް އާވާ ކަމަށް އޭނާ ބުނެފިއެވެ.

މިކަން އަމީރު ހާމަކޮށްފައިވަނީ ދާދިފަހުން އޭނާ އެފްރިކާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން އިނގިރޭސި ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ވޭލްސްގެ އަމީރާ، އަދި ހެރީގެ މަންމަ މަރުވެފައިވަނީ 1997 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިސް އަށް ކުރެއްވި ދަތުރުފުޅެއްގައި މީޑިއާ މީހުން އޭނާގެ ފަހަތުން ދުއްވާފައި ދިޔަ ގަޑިއެއްގައި، ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ.

"މި އާއިލާއަށް އަހަރެން ނިސްބަތްވެ، އަދި މި ހައިސިއްޔަތުން، މި މަޤާމުގައި، އަހަރެން ހުންނަން ޖެހޭއިރު، ކެމެރާއެއް ފެންނަ ކޮންމެ ފަހަރަކު، ފޮޓޯ ނަގާ އަޑު އިވޭ ކޮންމެ ފަހަރަކު، ފޮޓޯ ނަގާއިރު ފްލެޝްވާ ކޮންމެ ފަހަރަކު އަހަރެންގެ ހަނދާންތައް އެ ދިމާލަށް ދޭ. އެގޮތުން ބަލާއިރު މަންމަ ޙަޔާތުގެ އެންމެ ހިތާމަވެރި ހަނދާންތަކާ ހަމަޔަށް ދެވެނީ، އުފާވެރި ހަނދާންތަކުގެ ބަަދަލުގައި." އަމީރު ހެރީ ކިޔާދިނެވެ.

އިނގިރޭސި ޓީވީ ޗެނަލް، 'އައިޓީވީ' އަށް ދިން އިންޓަވިއުގައި އެ ޗެނަލުން ވަނީ ހެރީ ކައިރީގައި އަދިވެސް މަންމަގެ މަރާ ގުޅިގެން އޭނާ އަށް ހިތްދަތިކަން ގެނުވާތޯ ނޫނީ މިހާރު އެކަމާ ހިތަށް ހަމަޖެހުން ލިބިފައިވޭތޯ ސުވާލުކުރިއެވެ. ހެރީ ބުނީ އޭނާ އަށް އަދިވެސް މަންމަގެ މަރާ ގުޅިގެން ހިތަށް ހަމަޖެހުން ނުގެނެވޭ ކަމަށެވެ. އަމީރު ހެރީ އާއި އަނބިކަނބަލުން މެގަންގެ ދަތުރުގެ ކޮންމެ ފިޔަވަޅަކަށް ކެމެރާ އެމީހުންނާ އަމާޒުވެފައި ހުރެއެވެ. ހެރީ ބުނީ އެކަމުގެ ސަބަބުން އޭނާ އަށް ތަފާތު އިހުސާސްތަކެއް ކުރުވާ ކަމަށެވެ.

ހެރީ އާއި މެގަންގެ 10 ދުވަހުގެ އެފްރިކާ ދަތުރުފުޅުގައި ދަތުރުކުރެއްވީ، ދަރިފުޅު އާޗީ ގޮވައިގެންނެވެ. އެ ދަތުރުފުޅުގައި އެމީހުން ވަނީ އެފްރިކާގެ އެކި މަންޒިލްތަކަށް ތަފާތު 13 ފްލައިޓެއްގައި 5000 މޭލަށް ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބުޝް

  މަންމަ މަރާލީ މާމާ، މަންމަ މުސްލިމަކަށް ވެދާނެ ބިރު އޮތުމުން.

  39
  6
 2. މުހައްމަދު

  އަހަރެންގެ ދުޢާ އަކީ ޕްރިންސް ހެރީއަށް ދުނިޔޭގައި އަވަސް ގޮތަކަށް އިސްލާމީ ނޫރު ފެނިގެން ދިއުން. ހުދު ހެރީގެ މަންމައަށް ވެސް އެދީނުގެ ނޫރު ނުލިބުން ކަމުގައި ވިޔަސް އެދެނީ ހެރީއަށް އެނަސީބު ލިބި ދެދުނީޔެގެ ބާއްޖަވެރިއެއް ކަމުގައި ވުން. އަހަރެން ވަރަށް ސަޕޯޓް ކުރަން ޑަޔާނާ އެންޑް އޭނަގެ ދެދަރީންނަށް

  42
  1