އާއްމު ގޮތެއްގައި ދެމަފިރިން ކައިވެނިކޮށްގެން ހަނީމޫން އަށް ގޮސް އަންނާނީ ވަރަށް އުފާވެގެން ހުރެއެވެ. ނަމަވެސް އިންޑިއާގެ ގިނަ ބަޔަކަށް މިގޮތަށް ހަނީމޫން އަށް ގޮސް އުފާވެރި ކަމާއިއެކު އެނބުރި އައުން މިވަނީ މާޒީގެ ކަމަކަށް ވެފައެވެ.

ދާދި ފަހުން އެ ގައުމުގައި ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި އަލަށް ކައިވެނި ކޮށްގެން ހަނީމޫންތަކަށް ގައުމުން ބޭރަށް ދާ ގިނަ މީހުން އެނބުރި ގައުމަށް އަންނަނީ ވަރި ވެގެންނެވެ. މިކަމުގެ އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައި ވަނީ ދެމަފިރިންގެ ދެމެދުގައި ގާތް ގުޅުމެއް ނެތުމެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް އިންޑިއާގައި ޒުވާން ކުދިން ކައިވެނި ކުރާނީ އެމީހުން ލޯބިވާ، ނުވަތަ ބޭނުންވާ މީހަކާއިވެސް ނޫނެވެ. އެ މީހުން ގިނަ ފަހަރަށް ކައިވެނި ކުރަން ޖެހޭނީ އާއިލާ އިން ދެވާ މީހަކާއެވެ. ކައިވެނީގެ ކުރިން ދެމީހުން ދިމާނުވެ، ސީދާ ހަނީމޫން އަށް ދިއުމުން އެ ގުޅުން އާލާވާނެކަމީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ދާދި ފަހުން އެ ގައުމުގެ ދެމަފރިން އިންޑޮނޭޝިއާގެ ބާލީ އަށް 10 ދުވަހުގެ ހަނީމޫން އަކަށް ގޮސް 3ވަނަ ދުވަހު ކައިވެނި ރޫޅާލަން ނިންމައި، ދެމީހުން ވަނީ ވަކިން އެނބުރި އިންޑިއާ އަށް ގޮސްފައެވެ. ހަނީމޫންތަކަށް ދާ މީހުން ވަރިވާ މިންވަރު އިތުރުވާކަން ގާނޫނީ ވަކީލުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

އިންޑިއާ ނޫނަސް، ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަރި ވެފައި ވަނީ މުޖުތަމައުގައި ޖެހޭ ބޮޑެތި މައްސަލަތައް ފެށުމަށް މެދުވެރިވާ ކަމަކަށެވެ. އެއީ ވަރީގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާތީއެވެ.