އިނގިރޭސިވިލާތުގެ ސުރޭ ގައި 10 ދަތް ނެގުމަށްފަހު ލޭ މަނާނުވި ބަލިމީހެއްގެ މަރާ ގުޅިގެން ޑެންޓިސްޓަކު 1 އަހަރަށް ސަސްޕެންޑުކޮށްފިއެވެ.

ޓުޝާރް ޕަޓޭލް ނަމަކަށް ކިޔާ މި ޑެންޓިސްޓު ވަނީ ބަލިމީހާއަށް ފަރުވާ ދިނުމުގައި ގިނަ އަދަދެއްގެ ގޯސްތަކެއް ހަދާފައި ކަމަށާއި، އޭނާ އަކީ އެކަމަށް ޤާބިލު މީހެއް ނޫން ކަމަށް ސިއްހީ ޕެނަލަކުން ވަނީ ނިންމައި، އޭނާ 1 އަހަރު ދުވަހަށް ސަސްޕެންޑު ކޮށްފައެވެ.

ހިރުގަނޑުގެ މައްސަލަ ހުންނަ ބަލިމީހަކު އޭނާގެ ބަލި އިތުރަށް ގޯސްވެ، އަނގައިގެ މަތީ ހުރިހާ ދަތްތައް އުފުރަން ޖެހުމުން، ޑެންޓިސްޓު ޕަޓޭލް އޭނާގެ ފަރުވާގެ ކަންކަމާ ހަވާލުވާން ޖެހުނެވެ. އެއް ހަފްތާ ތެރޭގައި 2 ސެޝަނަކުން ޑޮކްޓަރު ވަނީ ބަލިމީހާގެ 10 ދަތް ނަގާފައެވެ. ދަތް ނެގުމުގެ ކުރިން ބަލިމީހާ ޑޮކްޓަރު ކައިރީގައި އޭނާ ލޭގެ ޚާއްސަ ބޭހެއް ކަމަށްވާ 'ވަރަފަރިން' ކާ ވާހަކަ ބުންޏެވެ. އެއީ ލޭ އަންނާތީ ވަރަށް މަދުން ނޫނީ ނުފެންނަ ލޭގެ ޚާއްސަ ހާލަތަކަށް އޭނާ ގަވާއިދުން ކާން ޖެހޭ ބޭހެކެވެ.

ހުރިހާ ދަތެއް ނަގައި ނިންމާފައި ގަޑިއިރުތަކެއް ނުވަނީސް، މުޅި އަނގައިން ލޭ މަނާނުވެގެން ބަލިމީހާ އޭނާގެ ގޭތެރެއަށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ ގިނަ އިރުތަކެއް ނުވަނީސް ބަލިމީހާ ވަނީ މަރުވެފައެވެ. އޭނާގެ މަރާ ގުޅިގެން 'ޖެނެރަލް ޑެންޓަލް ކައުންސިލް' ޖީޑީސީ އަށް ޑެންޓިސްޓާއި ގުޅޭ މައްސަލައެއް ހުށަހެޅި، ބަލިމީހާ މަރުވުމުގައި އޭނާގެ އިހުމާލު އޮތް ކަމަށް ނިންމައި، ފިޔަވަޅު އަޅަން މިދިޔަ ހަފްތާގެ ތެރޭގައި ނިންމުނެވެ.

އޭނާގެ ބެލުމުގެ ދަށުން އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ބަލިމީހަކު މަރުވެފައި ވާތީ ޕަޓޭލް ހުރީ ވަރަށް ދެރަވެފައެވެ. "ބަލިމީހާގެ މަރަކީ އަސްލުވެސް ވަރަށް ހިތާމަވެރި ކަމެއް. އަހަރެން އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަން. އަހަރެން އަބަދުވެސް މަސައްކަތް ކުރަންމުން އަންނަނީ ބަލިމީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެވޭކަން ކަށަވަރު ކުރަން. އެކަމަކު ޖީޑީސީ ގެ ނިންމުމަށް އަހަރެން ފުރިހަމަޔަށް އިހުތިރާމް ކުރަން. އެމީހުން ފާހަގަކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް އަހަރެންގެ މަސައްކަތް ކުރިއަށް އޮތްތާ ބައްޓަން ކުރާނަން." ޕަޓޭލް ބުންޏެވެ.