އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ސްޕްރިން ޓާނާ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެއްމާބަނޑު ދެކުދިން ވިހެއުމާއި ގުޅިގެން ހައްޔަރުކޮށްފިައެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓާނާ ހިންގި "މުޑުދާރު އަމަލު" ފަޅައިއެރުމުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއަންހެން މީހާ 17 އަހަރުގެ ފިރިހެން ކުއްޖާ އަށް ޖިންސީގޯނާ ކުރަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށް މިހާތަނަށް ފުލުހުން ހިންގި ތަހުގީގުން އެނގިފައިވާ ކަަމަށާއި ފުލުހުން ހަމަކޮށްފައިވާ ގޮތުގައި އެފިރިހެން ކުއްޖާގެ އުމުރުން 15 އަހަރުން ފެށިގެން އެ އަންހެން މީހާ ވަނީ އެކުއްޖާއަށް ޖިންސީގޯނާ ކުރަން ފަށާފައި ކަަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ފިރިހެން ކުއްޖާ އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކަން ފެށުނު އިރު ޓާނާ އާއި އޭނާ އުޅެމުން ދިޔައީ އެއް ގެއެއްގައެވެ. އެހެން ނަމަވެސް އެދެމީހުން އެއްގެއެއްގައި އުޅެމުންދިޔަ ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެކުއްޖާ ބުނެފައި ވާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ އަންހެން މީހާ ވަނީ ގާތްގަނޑަކަށް 20 ފަހަރެއްގެ މަތިން އެކުއްޖާ އަށް ގޯނާ ކޮށްފައެވެ.

ޓާނާ އަށް ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އޭނާ ވަނީ އެދެކުދިންގެ ގިނަ އަދަދެއްގެ ފޮޓޯ ފޭސްބުކުގައި ހިއްސާކޮށްފައެވެ. އެހެން ނަމަވެސް އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އެއީ ކާކުގެ ދަރިން ކަމެއް ނޭންގޭ ކަމަށެވެ. އަދި އެފިރިހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ބުނެފައި ވެއެވެ. އަދި އެ އަންހެން މީހާ ބުނެފައި ވަނީ އަދަބުން ރެކުމަށްޓަކައި އެ 17 އަހަރުގެ ފިރިހެން ކުއްޖާ ދޮގު ހަދަމުން ދާކަމަށާއި އެކަމެއް ހިނގާފައި ވަނީ އެކުއްޖާގެވެސް އެއްވެސް ނުރުހުމަކާއި ނުލައި ކަމަށެވެ.

ޓާނާ އެއީ ކާކުގެ ދަރިންނެއްކަން އެނގިފައި ނުވާކަމަށް ބުނެފައިވީ ނަމަވެސް ހެދި ހުރިހައި ޑީއެންއޭ ޓެސްޓަކުންވެސް އެއީ 17 އަހަރުގެ ފިރިހެން ކުއްޖާގެ ދަރިން ކަމަށް ދައްކާ ކަމަށް ނޫސްތަކުން ވަނީ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު