ހަށިގަނޑުގެ އެކި ތަންތަނަށް 15 ފަހަަރަށް ބަޑި ޖެހި ނަމަވެސް، މީހަކު މި ވަނީ ސަލާމަތްވެފައެވެ. ފިލަޑެލްފިއާ އަށް ނިސްބަތްވާ އެ މީހާގެ ގަޔަށް ބަޑި ޖެހުމުން، ފަރުވާއަށް ހޮސްޕިޓަލަށް ގޮސްފައި ވަނީވެސް އަމިއްލައަށެވެ.

އެ ސިޓީގެ ފުލުހުން ބުނީ، އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ މަގުމަތިން ކަމަށެވެ.

އޭނާގެ ގަޔަށް ބަޑި ޖެހި ސަރަހައްދުން ފުލުހުންނަށް ބުލެޓާއި އެއްޗެހިވެސް ވަނީ ފެނިފައެވެ. ނަމަވެސް އެ ސަރަހައްދުން ފުލުހުންނަށް އަނިޔާވި މީހާވެސް ބަޑި ޖެހިމީހާވެސް ފެނިފައެއް ނުވެއެވެ.

އަނިޔާވި މީހާ ވަގުތުން ދިޔައީ އަމިއްލައަށް ހޮސްޕިޓަލަށެވެ.

ފުލުހުން ބުނީ، އެތައް ފަހަރަކު އެ މީހާގެ ގަޔަށް ވަަޒަން އެރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އަމިއްލައަށް ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހާގެ ހަށިގަނޑުގެ ކަނާތު ފަޅިއަށް ފަސް ވަޒަން އަރާފައިވާއިރު، ، އޭނާގެ މޭގަނޑާއި ދިމާލުން މައްޗަށް ތިން ވަޒަން އަރާފައި ވެއެވެ. އަދި އޭނާގެ ކަނާތު ކޮނޑަށާއި، ކަރަށް އަދި ކަނާތަށް ހަތަރު ވަޒަން އަރާފައި ވެއެވެ.

އޭނާއަށް ފަރުވާދެމުން އަންނަ ހޮސްޕިޓަލުން، މިހާރު ދަނީ އޭނާގެ އޮޕަރޭޝަން ކުރަމުންނެވެ.

އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާގެ ހާލަތު ކްރިޓިކަލްއެވެ. ނަމަވެސް އޭނާ ސަލާމަތްވާނެ ކަމަށް ބެލެވޭ ކަަމަށް ހޮސްޕިޓަލުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ އޭނާގެ ގަޔަށް ބަޑިޖެހި މީހާ ދެނެގަތުމަށް، ސީސީޓީވީ ފޫޓޭޖްތައް ބަލަމުންނެވެ.