އެމެރިކާގެ ޓެކްސަސްގެ ފުލުސް އޮފިސަރަކު، ވަގެއް ކަމަށް ހީކޮށް އޭނާގެ ފިރިހެން ދަރިފުޅުގެ ގަޔަށް ބަޑިޖަހައިފިއެވެ.

ފުލުހުންގެ އިމަޖެންސީ ހޮޓްލައިނަށް މިދިޔަ ހޮނިހިރު ދުވަހު މީހަކު ފޯނުކޯލެއް ކޮށްފައި ވަނީ އޭނާގެ ގޭގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާފައިވާ ކަން ރިޕޯޓު ކުރުމަށެވެ. އެމީހާ ބުނެފައިވަނީ އޭނާ އަކީ އޮފް-ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއް ކަމަށާއި، ވަގެއް ކަމަށް ހީކޮށް، އޭނާގެ އަތުން ނޭނގި އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ގަޔަށް ބަޑިޖެހިފައިވާ ކަމަށެވެ.

ޓެކްސަސް ސްޓޭޓުގެ 'ޑިސޮޓޯ ފުލުހުން' ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އޮފިސަރުން އެ ހާދިސާ ހިނގި ސީނަށް ދިޔައިރު، ހަމަލާގެ އަމާޒަކަށްވި ޒުވާނާގެ ކަނާއަތުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިއީ ނޭނގި ހިނގާފައިވާ ހާދިސާއެއް. އެކްސިޑެންޓެއް. ނަސީބަކުން އެ ކުއްޖާގެ ހަށިގަނޑަށް ދާއިމީ ގެއްލުމެއް ލިބޭ ވަރުގެ، އަދި ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނުލިބޭ." ޑިސޮޓޯ ފުލުހުންގެ ތަރުޖަމާނު، ޝެލްޓޯ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުންޏެވެ. ފުލުސް އޮފިސަރަކުގެ އަތުން ހިނގި އެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އެއްވެސް މީހަކާ ދެކޮޅަށް ފުލުސް އޮފީހުގައި މައްސަލައެއްވެސް ހުށަހަޅާފައެއް ނުވެއެވެ.

ނޭނގި ހިނގި ބަޑި ޖެހުމުގެ ހާދިސާ އާއި ގުޅިގެން، އެ ހާދިސާގައި ހިމެނޭ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރަން ޓެކްސަސްގެ ފުލުހުން އުޒުރުވެރިވެއެވެ. ޑިސޮޓޯ ފުލުސް އޮފީހުން ބުނާ ގޮތުން އެ މައްސަލައިގައި އެމީހުން އަމަލު ކޮށްފައިވާނީ، އެގޮތަށް ހިނގާ އެފަދަ އެހެން މައްސަލަތަކުގައިވެސް އެޤައުމުގެ ފުލުހުން ޢަމަލުކުރާ އުސޫލުގެ ދަށުންނެވެ.

އެމެރިކާގެ ޓެކްސަސް އަކީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބަޑި ގެންގުޅުމުގެ ހުއްދަދޭ ސްޓޭޓެކެވެ.