މަރުގެ އިންޒާރުތައް ލިބެމުން އަންނަ ކަމަށާއި، ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް އީރާންގެ ރީތީގެ ރާނީއެއް ކަމަށްވާ ބަހާރީ ޒަރީ ބުނެފިއެވެ.

ބަހާރީ ފިލިޕީންސްގެ އެއާޕޯޓެއްގައި ހުންނަތާ މިހާރު ދެހަފްތާ ވެއްޖެއެވެ. އޭނާ ދަނީ އޭނާ އަށް ހިމާޔަތް ދިނުމަށް ފިލިޕީންސް ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް އޭނާ އަށް ހިމާޔަތް ދިނުމާއި މެދު ފިލިޕީންސް ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ.

ބަހާރީ ފިލިޕީންސަށް ދިޔައީ ދުބާއީ މަގުން މިމަހުގެ 17 ވަނަ ދުވަހު އެވެ.

ފިލިޕީންސްގެ އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ބަހާރީ ހައްޔަރު ކުރަން އިންޓަޕޯލް އިން މިހާރު ރެޑް ނޯޓިސް ވެސް ނެރެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރަން އިންޓަޕޯލްގައި އެދިފައި ވަނީ ކޮން ގައުމަކުން ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ބަހާރީ ބުނީ އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރަމުން ދަނީ އީރާން ސަރުކާރުން ކަމަށާއި އޭނާ ހައްޔަރު ކުރުމަށްޓަކައި އޭނާގެ ބޮލުގައި އީރާން ސަރުކާރުން ދޮގު އިލްޒާމްތަކެއް އަޅުވާފައިވާ ކަމަށެވެ.

"އަހަރެންނަށް މަރުގެ އިންޒާރުތައް ދެމުން އަންނަނީ ވެސް ސަރުކާރު އަޑީގައި އޮވެގެން. އަހަރެން އީރާނަށް ފޮނުވާލައިފިނަމަ ޖަލުގައި އަހަރެން މަރާލާނެ. އީރާން ސަރުކާރުން އަހަރެންގެ އަޑު ކަނޑުވާލަން އެންމެ ބޭނުންވާ އެއް ސަބަބަކީ އަހަރެން ފެޝަން ޝޯވ ތަކަށް އެރުން. ދެވަނަ ސަބަބަކީ އަހަރެން އީރާން ސަރުކާރުގެ ވެރިންނާއި ދެކޮޅު ވުން." ބަހާރީ ބުންޏެވެ.

ބަހާރީގެ ވާހަކަތަކާއި ގުޅިގެން އީރާން ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    މަންޖެ ފާރިސީންގެ އަތްދަށުވިއަޔާ ރަނގަޅީ

    3
    3