މައިންނަކީ ދަރިން ދެކެ އެންމެ ލޯބިވާނެ މީހުން ކަމަށް ޒަމާނުއްސުރެ ގަބޫލު ކުރެވިފައި އޮތް ނަމަވެސް ކޮންމެ މަންމަ އަކީ ދަރިންނަށް އެހައި ހެޔޮ މީހުންނަކަށް ނުވެއެވެ. ހިތާމަވެރި މިހާދިސާ އިން ވެސް އެކަން އެނގެއެވެ.

އެމެރިކާގެ އަންހެނެއް ކަމަށްވާ އުމުރުން 39 އަހަރުގެ އޭޝްލީ އައުޒެން މިވަނީ އޭނާގެ ތިން ދަރިންގެ ގަޔަށް ބަޑި ޖަހާ ތިން ދަރިން ވެސް މަރާލާފައެވެ.

ފުލުހުން ބުނާ ގޮތުގައި އޭޝްލީ އޭނާގެ ތިން ދަރިން މަރަލީ ނިއު އޯލިއަންގެ ޕާކަކަށް އަންގާރަ ދުވަހު ހެނދުނު ގޮސް އެޕާކް ތެރޭގައެވެ. ހެނދުނު ގަޑި ކަމުން މިހާދިސާ ހިނގި ވަގުތު މަންޒަރު ފެންނަ ހިސާބުގައި އެއްވެސް މީހަކު ނެތެވެ.

އޭޝްލީ މަރާލީ އޭނާގެ 11 އަހަރުގެ ދަރިފުޅު ޕެރިޝް އާއި 9 އަހަރުގެ ދަރިފުޅު އެލެނޯގެ އިތުރުން ހަތް އަހަރުގެ ދަރިފުޅު ލިންކޮން އެވެ.

އޭޝްލީ އޭނާގެ ތިން ދަރިން މަރާލުމުގެ ހަފްތާއެއް ކުރިން ދަރިންގެ ބައްޕަ ކައިރިން ވަނީ ވަރިވެފައެވެ.

އޭޝްލީ ވެސް ވަނީ ތިން ދަރިން މަރާލުމަށް ފަހު އަމިއްލަ އަށް މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭޝްލީ އޭނާގެ ތިން ދަރިން މަރާލި ސަބަބު ދެނެގަތުމަށް ތަޙްޤީޤު ކުރިއަށްދާ ކަމަށާއި އެކަމާއި ގުޅޭ ހެކިތައް މިހާރު ހޯދަމުންދާ ކަމަށެވެ.

ފުލުހުން އޭޝްލީގެ ގެ ފާސްކުރުމުގެ ތެރޭގައި ވަނީ ބައެއް ހަތިޔާރު ވެސް އެގޭގެ ތެރެއިން ފެނިފައެވެ.

ބަޑި ގެންގުޅުމުގައި މާބޮޑު ހިފެހެއްޓުމެއް ނޯންނަ އެމެރިކާގައި މިފަދަ ހާދިސާތައް ހިނގުން ވަނީ އާއްމު ވެފައެވެ. ނަމަވެސް ބަޑި ގެންގުޅުން ކޮންޓްރޯލް ކުރާނެ ޤާނޫނުތަކާއި ޤަވައިދުތައް ހަދަން އެމެރިކާގެ ކަމާބެހޭ މުއައްސަސާތައް ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު