ރަހީނުކޮށްފައިވާ އަންހެނަކު އޭނާ ރޭޕް ކުރަން އުޅުނު ފިރިހެން މީހާއަށް ހިތުން ނުފިލާވަރުގެ ލަނޑެއް ދިނުމަށްފަހު ސަލާމަތްވެއްޖެއެވެ.

އެމެރިކާގެ ސައުތް ކެރޮލައިނާގައި ހިނގި އެ ހާދިސާގައި އަންހެން މީހާއަށް ވަޅިން ބިރުދައްކައިގެން ޖިންސީ ގޯނާ ކުރަން އުޅުނު 61 އަހަރުގެ ޑެނިސް ސްލޭޓަން އާއި އޭނާ ވަނީ ކުރިމަތިލައި، އޭނާގެ ގަޔަށް ވަޅިޖެހުމަށްފަހު، ރަހީނުކޮށް ބަހައްޓާފައިވާ ގެއިން ނިކުމެ ފިލާފައެވެ. އޭރު އެ އަންހެން މީހާގެ ގައިންވެސް ލޭ ފައިބަމުން ދިޔައިރު، އޭނާ ހުރީވެސް ބަރަހަނާ ހާލުގައެވެ.

އެ މައްސަލައިގައި އަންހެން މީހާ ރަހީނުކުރި ސްލޭޓަން އަކީ މީގެ ކުރިންވެސް ޖިންސީ ގޯނާގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން ސްލޭޓަން އެ އަންހެން މީހާ ރަހީނުކޮށްފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު، ގްރީންވިލް ސިޓީގެ ޕެޓްރޯލް ޝެޑެއްގެ ކައިރިން އޭނާގެ ކާރު މަޑުކޮށްފައި އެ އަންހެން މީހާ ގެއަށް ގެނެސްދޭނެ ކަމަށް ބުނެއެވެ.

އަންހެން މީހާގެ ގެޔަށް ގެންގޮސްދިނުމުގެ ބަދަލުގައި، ވަޅިން ބިރުދައްކައިގެން، ސްލޭޓަން އެ އަންހެން މީހާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ގެންދިޔުމަށްފަހު އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށް، ޖިސްމާނީ ގޮތުންވެސް އޭނާއަށް އަނިޔާ ދީ، އޭނާ މަރާލާނެ ކަމަށްބުނެ ވެސް ބިރުދައްކާފައިވާ ކަމަށް ގްރީންވިލްގެ ފުލުހުން އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ބިރުވެރިކަމުގެ ތެރޭގައިވެސް، އަންހެން މީހާ ވަނީ ސްލޭޓަން އާއި ކުރިމަތިލައި، އޭނާގެ ގައިގައި ދަތްއަޅައި، ވަޅި އަތުލުމަށްފަހު ދިފާއުގައި ހަމަލާދީ ސަލާމަތްވެފައެވެ.

ސްލޭޓަން އެ މައްސަލައިގައި އެމެރިކާގެ ބައެއް ނޫސްތަކަށް ކިޔާދިން ގޮތުން އެ އަންހެން މީހާ އޭނާއަށް ކޮށްފައިވަނީ ލާއިންސާނީ އަނިޔާތަކެކެވެ.

"ވަރަށް އަނިޔާވި. ވަރަށް ލާއިންސާނީ ގޮތަކަށް އޭނާ އަހަންނަށް ހަމަލާދިނީ" ސްލޭޓަން ބުންޏެވެ. ސްލޭޓަން ފެނިފައިވަނީ އޭނާގެ ގޭ ތެރޭގައި ލެއާ ތަތްތެޅިފައި އޮތްވައެވެ. އޭނާ ވަނީ އިމަޖެންސީގައި ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައެވެ.

ސްލޭޓަންގެ އަނިޔާތަކަށް ފަރުވާހޯދަން ސާޖަރީތަކެއް ހެދުމުން، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ނަމަވެސް، އޭނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ގޭ ބަންދަށް ދޫކޮށްލާފައެވެ. އެ މައްސަލައިގައި ސްލޭޓަންގެ މައްޗަށް މިހާރު ވަނީ މީހަކު ރަހީނުކުރުމުގެ ތުހުމަތާއި، މީހަކަށް ޖިންސީ އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި ދަޢުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު