ދުނިޔޭގެ އެންމެ މަޤުބޫލު މީސްމީޑިއާ މަންސަ (ޕްލެޓްފޯމް) ފޭސްބުކް ބޭނުންކުރަމުން އައި އާންމު އެތައް ބަޔެއްގެ ސިއްރު މަޢުލޫމާތު އިނގިރޭސިވިލާތުގެ ކުންފުނި ކެމްބްރިޖް އެނަލިޓިކާއިން ނަގާފައިވާކަން ފަޅާއެރުމާއި ގުޅިގެން ފޭސްބުކްގެ ބާނީ، މާކް ޒަކަބާގް މަޢާފަށް އެދިއްޖެއެވެ.

87 މިލިއަނެއްހައި މީހުންގެ ރައްކާކުރެވިފައިވާ ސިއްރު މަޢުލޫމާތު ފޭސްބުކް މެދުވެރިކޮށް ނެގިކަމަށް ބެލެވިފައިވާއިރު، އެ ޢަދަދު އެއަށްވުރެވެސް އިތުރުވުން އެކަށީގެންވާ ކަމަށް މިކަން ފަޅާއަރުވާލި، ކެމްބްރިޖް އެނަލިޓިކާގައި ކުރިން މަސައްކަތްކުރި ކްރިސްޓޮފާރ ވައިލީ ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ކުރިއަށްދާ ތަޙުޤީޤުގައި މިއަދު އެމެރިކާގެ ސެނެޓަށް ހާޒިރުކޮށް ބޭއްވި އަޑުއެހުމުގައި މާކް ބުނެފައިވަނީ، ފޭސްބުކުން ޢާންމުންގެ ސިއްރު މަޢުލޫމާތަށް ރައްކާތެރިވާން ޖެހޭ މިންވަރަށް ރައްކާތެރި ވެވިފައިނުވާކަމަށް އެއްބަސްވާކަމަށާއި އެކަމަށް މަޢާފަށް އެދޭކަމަށެވެ.

"އެއީ އަހަރެންގެ ކުށެއް. އަހަންނަށް މަޢާފުކުރޭ. ފޭސްބުކްގެ ވެރިޔަކީ އަހަރެން. އެ މީސްމީޑީއާ މަންސަ އުފެއްދި މީހަކީ އަހަރެން. އެތަނުގައި ހިނގާ ހުރިހައި ކަމެއްގެ ޒިންމާ އަހަރެން ނަގާނަން،" މާކް ބުންޏެވެ.

ފޭސްބުކުން ޢާންމުންގެ ހުއްދައާއި ނުލައި އެފަރާތްތަކުގެ މަޢުލޫމާތުތައް ބޭރުވެފައިވާ މައްސަލައަށް އިއުތިރާފް ވެފައިވާއިރު، އެ މަޢުލޫމާތުތައް ރަޝިޔާއާއި ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކަށްވެސް ފޮނުވާފައި ހުރެދާނެ ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. މި މައްސަލަ ފަޅައި އަރުވާލި ވައިލީ ބުނެފައިވަނީ، މީހުންގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރި ޕްރޮގްރާމް އުފެއްދި ޕްރޮފެސަރު އެތައް ފަހަރެއްގެ މަތިން ރަޝިޔާއާއި އިނގިރޭސިވިލާތާއި ދެމެދުގައި ދަތުރުކޮށްފައިވާތީ އެ މަޢުލޫމާތު ރައްކާކުރެވިފައި ހުރީ ރަޝިޔާގައި ކަމަށް ބެލެވޭ ކަމަށެވެ.

ފޭސްބުކް މެދުވެރިކޮށް މަޢުލޫމާތު އެއްކުރި ޕްރޮގްރާމް އުފެއްދި ޕްރޮފެސަރު އެލެކްސެންޑާރ ކޯގަން ވަނީ އެ ޕްރޮގްރާމްއިން ލިބުނު ހުރިހާ މަޢުލޫމާތެއް ކެމްބްރިޖް އެނަލިޓިކާއަށް ވިއްކާލައިފައި ކަމަށްވެއެވެ. އެ މަޢުލޫމާތުތައް ފަހުން ބޭނުންކުރެވިފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު 2016 ވަނަ އަހަރު، ޑޮނަލްޑް ޓްރަމްޕްއަށް ކާމިޔާބު ކޮށްދިނުމުގައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޭ ތީ އިޒުރޭލަށް ޖާސޫސް ކޮށްދޭ އެޖެންޓެއް،އިންވެސްޓަރުން މި ބުނަނީ ވަގުތުން ކަލޭ އިސްތިއުފާ ދޭން.