މޭގަން މާކެލް އަދި ފިރިކަލުން ޕްރިންސް ހެރީގެ ދެކަނބަލުންނާއި އިނގިރޭސި ޝާހީ އާއިލާގެ މެންބަރުންނާއި ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނޯންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕީޕަލް މެގަޒިންއާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވަނީ ހެރީ އަދި މޭގަން އާއި ޝާހީ އާއިލާގެ މެންބަރުންނާއި ދެމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށާއި މިގޮތަށް ހާލަތު އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

މޭގަން އާއި ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާ އާއި ދެމެދު އޮންނަ ގުޅުން ގޯސްވީ މިދިޔަ މަހު އެދެމަފިރިން ދިން ހާއްސަ އިންޓަވިއުއެއްގެ ތެރެއިން ދެކެވުނު ވާހަކަތަކެއްގެ ސަބަބުންނެވެ. އެ ޕްރޮގްރާމްގައި މޭގަން އާއި ހެރީ ވަނީ އެމީހުންގެ އާންމު ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކުގެ ވާހަކަ ބެލުންތެރިންނާއި ވަރަށް ގާތުން ހިއްސާކޮށްފައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ގިނަބައެއްގެ ސަމާލުކަން ލިބުނު އެ ޑޮކިއުމެންޓަރީ އަށްފަހު ހެރީގެ ބޭބެ ޕްރިންސް ވިލިއަމްސް ވަނީ އޭނާ އާއި ހެރީއާ ދެމެދު އޮތް ގުޅުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ބެހޭގޮތުން ހެރީ ދާފި ފަހުން އިނގިރޭސި މީޑިއާއަކާ ހަވާލާދީ ބުނީ އޭނާ އާއި ވިލިއަމްސް ދެމީހުން މިވަގުތު ދަތުރުކުރަމުންދަނީ ތަފާތު ދެ މަގަކުން ކަމަށެވެ.

ޝާހީ އާއިލާގެ މެންބަރުންގެ މެދުގައި ކަންތައްތައް މިހާ ގޯސްވެފައިވާއިރު ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ހެރީ އާއި ވިލިއަމްސް އާއި ދެމެދު މައްސަލަ ގޯސްވާން ފެށުމުގެ އަސްލަކީ އެދެމީހުންގެ ދެމެދުގައި ދެން ރަސަކަމަށް އަންނާނީ ކާކު ކަމާއި މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކެވެ.

ކަންމިހެން އޮތްއިރު މޭގަން އާއި ހެރީ އަދި ދަރިފުޅު އާޗާ މިއަހަރުގެ ކްރިމަސް ޗުއްޓީގައި އެއްވެސް ވަގުތެއް ޝާހީ އާއިލާ އާއި އެކު ހޭދަނުކުރާނެ ކަމަށާއި އެބޭފުޅުންގެ ޗުއްޓީ މިފަހަރު އޮތީ މޭގަންގެ މަންމަ ޑޯރިއާއި އެކުގައި ކަމަށް ވެސް މީޑިއާގައި އަޑުފެތުރެން ފެށުމުން މޭގަން އާއި ހެރީގެ ތަރުޖަމާން ވަނީ މިކަން ކަށަވަރު ވެސް ކޮށްދީފައެވެ.

ޝާހީ އާއިލާ އިން ކޮންމެ އަހަރަކު ވެސް ވަރަށް ކުލަގަދަކޮށް ކްރިމަސް ފާހަގަ ކުރެއެވެ. އެހެންކަމުން އެ ހަފްލާގައި މޭގަން އާއި ހެރީ ބައިވެރި ނުވާން ނިންމުމުން ބައެއް މީހުން ގެންދަނީ އަނެއްކާވެސް މޭގަން އާއި ޝާހީ އާއިލާގެ ގުޅުމާއި ބެހޭ ގޮތުން ސުވާލު ކުރަމުންނެވެ.