މަތިންދާބޯޓެއް ކައިރިއަށް ހޮނުއަޅާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވުމުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަަށް ހުއްޓިއްޖެއެވެ.

މަތިންދާބޯޓުން ދަތުރުކުރަމުން އަންނަ އިރު، ގިނަ ބަޔަކަށް އެންމެ ބިރުވެރި ކަމަކަށް އޮންނަނީ ވިއްސާރާގައި ދަތުރުކުރާއިރު ކޮޅިގަނޑެއްގައި ޖެހި، އެހެން ނޫނީ ވައިގަދަވުމުގެ ސަބަބުން މަތިންދާބޯޓު ތަޅުވާލުމެވެ. މީގެ އިތުރުންވެސް މިކަހަލަ ހާލަތެއްގައި ބޯޓު ކައިރިން ހޮނު އަޅާ މަންޒަރު ފެނުމުންވެސް ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދެއެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ފޮޓޯ އިން ފެންނަގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނިއުޒިލޭންޑެ ކްރިސްޓްޗާޗް ގައެވެ. އަދި މިހާދިސާ ހިނގާފައިވާ އެމިރޭޓްސްގެ މަތިންދާބޯޓަކަށެވެ.

އެމިރޭޓްސްގެ މަތިންދާބޯޓު ކައިރިއަށް ހޮނު އަޅާ މަންޒަރު ފެނުމުން ގިނަ ފަރާތްތަކަށް ވަނީ އެކަން ވަރަށް ރީތި މަންޒަރަކަށްވެސް ވެފައެވެ. އެހެން ނަމަވެސް ގިނަ ފަރާތްތަކުން ބުނެފައިވަނީ އެ މަންޒަރު ފެނުމުން ގައިން ހީބިހި ނަގައިގެން ގޮސްފައިވާ ކަމަށެވެ. މި ފޮޓޯ ނަގާފައި ވަނީ އެ އެއާޕޯޓުގައި އެވަގުތު މަސައްކަތް ކުރަމުން އައި ޕައިލެޓެކެވެ.

އެ ޕައިލެޓް، ޑެނިއަލް ކޫރީ މީސްމީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އެބޯޓު ޖައްސައިގެން ޓެކްސީކުރަމުން ދަނިކޮށް ފޮޓޯ ނެގި ގަޑީ ހޮނު އެޅި މަންޒަރު ފޮޓޯ އަށް އެރީކަމަށެވެ. އެއާޕޯޓުގައި ތިބި އިތުރު ޕައިލެޓުން ބުނެފައިވަނީ އެދުވަހަކީ އެއީ އުޑުމަތި ބަނަ ވިއްސާރަ ދުވަހެއް ކަމަށެވެ.

މީސްމީޑިއާގައި މި ފޮޓޯ ދައުރުވަމުން އަންނައިރު ގިނަ ފަރާތްތަކުން ބުނެފައިވަނީ މިކަހަލަ ފޮޓޯތަކަކީ ވަރަށް މަދުންކަހަލަ ގޮތަކަށް ނެގޭނެ ފޮޓޯއެއް ކަމަށެވެ.