ދެކުނު ކޮރެއާގެ ޑޮމެސްޓިކް ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް ފްލައިޓްގެ އެމެޖެންސީ ދޮރު ހުޅުވީ އުނދަގޫތަކެއް ކުރިމަތިވެގެން ކަމަށް ދޮރު ހުޅުވި މީހާ ބުނެފިއެވެ.

އުމުރުން 30 އަހަރާއި ގާތް ކުރާ އެ ފިރިހެން މީހާ ފްލައިޓުގެ އެމަޖެންސީ ދޮރު ހުޅުވާފަިވަނީ ދެކުނު ކޮރެއާގެ ޑައެގޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ ވަގުތުގައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭރު ފްލައިޓް ދިޔައީ 700 ފޫޓޫ މަތިން ދަތުރު ކުރަމުންނެވެ.

ފްލައިޓްގެ ދޮރު ހުޅުވާލުމާއިއެކު ފްލައިޓްގެ ތެރެއަށް ވައި ވަދެ ބައެއް މީހުންނަށް ނޭވާ ލާން ދަތިވިއެވެ.

ފްލައިޓް ޖެއްސުމާއި އެކީ އޭނާ ވަނީ ދެކުނު ކޮރެއާގެ ފުލުހުން ކައިރީ އެކަން އޭނާ ކުރި ސަބަބު ކިޔާދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާ އަދާ ކުރަމުންދިޔަ ވަޒީފާގެ ގެއްލުމުން ވަރަށް ބޮޑަށް "ސްޓެރެސް" ވެފައިވާ ކަމަށާއި އެވަގުތު ނޭވާ ލާން އުނދަގޫވެގެން ބޭނުންވީ ވަގުތުން ދޮރު ހުޅުވައި ފުންމާލަން ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އޭނާ ވާހަކަ ދެއްކި ފުލުހުންގެ އޮފިސަރު ބުނެފައިވަނީ "ފްލައިޓް ޖައްސަން ދިން ވަގުތަށްވުރެ ގިނަ ވަގުތު ނަގާފައިވާތީ އާއި ފްލައިޓް ތެރޭގައި ހާސްވުމުން އޭނާ ފުންމާލަން އުޅުނު ކަމަށެވެ.

ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އޭސިއާނާ އެއާލައިންސްގެ އެއާބަސް އޭ321 މަރުކާގެ ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް އެމަޖެންސީ ދޮރު ހުޅުވާލި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން 9 މީހަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދީ ފަހުން ދޫކޮށްލާފައެވެ.