ފުރުމަށް ތައްޔާރުވަމުން ދިޔަ ފްލައިޓެއްގެ އެމަޖެންސީ ދޮރު ހުޅުވައި ބޭރަށް ފުންމާލި މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ލޮސް އެންޖެލެސް އިންޓަނޭޝަނަލް އެއާޕޯޓުން ސީޓެލްއަށް ފުރަން އޮތް ޑެލްޓާ އެއާލައިންސްގެ ފްލައިޓެއްގައެވެ.

މިމައްސަލައާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރު ކުރި ނަމަވެސް، އެމީހާގެ ވަނަވަރެއް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، ފްލައިޓު ނައްޓާލަން ތައްޔާރުވިތަނާ ގޮތަކަށް އެފިރިހެން މީހާ އިށީނދެގެން ހުރި ގޮނޑިން ތެދުވެގެން ކެބިން ކްރޫއިން ތިބޭ ތަނަށް ދިޔަ ކަމަށާއި އެތަނަށް ދިއުމަށްފަހު "ދެން ކިހިނެތް ހަދާނީ" އޭ ބުނި ކަމަށެވެ.

ކެބިން ކްރޫއިން ތިބި ތަނަށް އޭނާ ދިއުމުން އަނބުރާ ފޮނުވަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކެބިން ކްރޫއިންގެ ބަސް އަޑު ނާހާ ފްލައިޓުގެ ކުރީ ކޮޅުގައި ހުންނަ އެމަޖެންސީ ދޮރު ހުޅުވައި، އޭގައި ހުންނަ އެމަޖެންސީ ސިޑީ ހުޅުވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ފްލައިޓު ވަނީ ފުރުން ކެންސަލް ކޮށްފައެވެ. އަދި އެއެއާލައިނުން ބުނެފައިވަނީ ސީޓަލްއަށް ފުރަން ހަމަޖެހިފައިވާ އޮތް ފްލައިޓު، ފަސެންޖަރެއްގެ ސަބަބުން ފުރުން ލަސްވެފައިވާ ކަމަށެވެ.