ވައިގެ މަގުން ދަތުރުކުރުމަކީ ބައެއް މީހުންނަށް ވަރަށް ފޫހި ކަމަކަށް ވެއެވެ. ނަމަވެސް ބޯޓުގެ ތެރޭގައި ދިމާވާ ކަމަކުން އެއީ ހަނދާނުން ފިލާނުދާނެ ވަރުގެ ކަމަކަށް ވެދެއެވެ.

އެގޮތުން މިފަހަރު ގިނަބައެއްގެ މިފަދަ ދަތުރެއް ފަޅުފިލުވާލަ ދިނީ ބުޅަލެކެވެ.

ނިއުޔޯކް ޕޯސްޓުން ބުނި ގޮތުގައި މި އާދަޔާ ހިލާފު ހާދިސާ ހިނގާފައި ވަނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޓެކްސަސްގެ ޑަލަސް އިން ކެލިފޯނިއާގެ ސެން ފްރެންސިސްކޯއަށް ދަތުރުކުރަމުން ދިޔަ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގަައެވެ.

އެގޮތުން ފްލައިޓް ދަތުރު ކުރަމުން ދަނިކޮށް ބުޅަލެއް އެ ބޯޓު ތެރޭގައި ހިނގަން ފެށުމުން އެ ފްލައިޓުގައި ހުރި ފަސިންޖަރެއް ކަމަށްވާ ޑޭވިޑް ހިސްލޮޕް ފޯނުން އެ މަންޒަރު ނެގިއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ފްލައިޓް އެޓެންޑެންޓް ވަނީ އެ ބުޅާ ހޯދުމުގައި ހަރަކާތްތެރިވެފައެވެ. ހޯދަން އެގޮތުން ތިރިވެ، ފަސިންޖަރުންގެ ސީޓުތަކުގެ ދަށުންވެސް އެ ބުޅާ ފެނޭތޯ ބަލާފައި ވެއެވެ.

ފަހުން ފެންނަނީ ފްލައިޓް އެޓެންޑެންޓް އެންމެ ފަހުން އެ ޖަނަވާރު ހިފަހައްޓައިގެން ހުންނަ ތަނެވެ.

"އެއްވެސް މީހަކު ބުޅަލެއް ގެއްލިގެން އުޅޭތަ؟" މިގޮތަށް އަހާލައެވެ.

ފަހުން އެ ފްލައިޓް އެޓެންޑެންޓްގެ އަތުން ފުންމާލުމުގެ ކުރިން އެ ބުޅާ ހަރުކަށިކޮށް ގޮވާ އަޑު އިވެއެވެ. އެހެންކަމުން އެ ބުޅަލަކީ މާ އޮޅު އެއްޗެއް ނޫންކަން ވީޑިއޯއިން އެނގެ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފްލައިޓް އެޓެންޑެންޓް ކައިރިއަށް މީހަކު އަންނަތަން ފެނެއެވެ.

އަދި އޭނާ ބުޅާ ގެންދާތަން ފެނިގެން ދެއެވެ. އެއީ އެ ބުޅަލުގެ ވެރިފަރާތް ކަމަށް ބެލެވެއެވެ.