ޕާކިސްތާންގެ ޒުވާން އަންހެނުންނަށް މަޖުބޫރުކޮށްގެން ޗައިނާ ފިރިހެނުންނާއި ކައިވެނި ކުރުވާ، އެތައް ބަޔަކު ގިނަ އަދަދެއްގެ ފައިސާ ހޯދަމުން ގެންދާ ކަމަށް ކަމާގުޅޭ ރިޕޯޓެއް ބުނެފިއެވެ.

"އޭޕީ" އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި އަހަރު ވެސް ޕާކިސްތާންގެ 629 އަންހެނުން ވަނީ ޗައިނާ ފިރިހެނުންނަށް "ވިއްކާލާފައެވެ." މި މައްސަލަ މިހާރު ވަނީ ޕާކިސްތާންގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް އައިސްފައެވެ. ޕާކިސްތާންގެ އޮފިޝަލުން މިހާރު ގެންދަނީ އިންސާނީ ވަގުފާރީގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ އަހަރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ފުރަތަމަ މި މައްސަލަ އައުމުން ވަނީ މައްސަލަ ތަޙްޤީޤު ނުކުރަން ނިންމާފައެވެ. އެއީ ޗައިނާ ބައެއްގެ މައްސަލަ ޕާކިސްތާނުން ތަޙްޤީޤު ކުރަން ފެށުމުން ޗައިނާ އާއި ގުޅުން ގޯސްވެދާނެތީއެވެ.

މިހާރު ތަހްޤީޤަށް އެނގިފައިވާ ގޮތުގައި ޗައިނާ ފިރިހެނުންނަށް ޕާކިސްތާން އަންހެނުން ހޯދައިދޭ އެޖެންޓުން ޗައިނާގައި ވެސް އަދި ޕާކިސްތާންގައި ވެސް ތިބެއެވެ. އެފަދަ ބައެއް މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ޕާކިސްތާން އަންހެނަކާއި ކައިވެނި ކުރަން ބޭނުންވާ ޗައިނާ މީހުން އެޖެންޓުންނާއި ފައިސާ ހަވާލު ކުރުމުން އެމީހަކު ހިތްހަމަޖެހޭ ސިފަތަކެއް ހުރި އަންހެނަކު ހޯދައި ދެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޕާކިސްތާންގެ އަންހެނުން ކައިވެނި ކުރުވާ ޗައިނާ ފިރިހެނުންނަކީ މުސްލިމުން ކަމަށް ނުވާތީ އެފަދަ އަންހެނުންގެ ދިރިއުޅުމުގައި ގިނަ ތަކުލީފްތަކެއް ވަނީ އުފުލަން ޖެހިފައެވެ. ބައެއް މީހުންނަށް ދީން ދޫކޮށްލަން މަޖުބޫރު ކުރުވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

މައިންބަފައިންނަށް ފައިސާ ދީގެން ޒުވާން އަންހެނުން އެހެން ގައުމުތަކުގެ މީހުންނާއި ކައިވެނި ކުރުވުމަކީ އޭޝިއާގެ ގިނަ ގައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ. އަވައްޓެރި އިންޑިއާ މީހުންނާއި ދިވެހިން ވެސް ފައިސާ ދީގެން ކައިވެނި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމޭދާން

    ވަރަށް ވިޔާނުދާ އަމަލެއް.

    49
    10
    • ފަލަޑޭ ގެ ހިކިޑޭ

      ކޮން ބުރާންތިންނެއްތަ މި ޑިސްލައިކް ދެނީ

      9
      40