އިންޑިއާގައި މިހާރަކަށް އައިސް އާއްމުވެފައިވާ ރޭޕް ކުރުމުގެ ކަންތައް ހުއްޓުވަން ފިރިހެނުން ގޭގައި ތިބުމަށް އަންހެނަކު މީސް މީޑިއާގައި ގޮވާލައިފިއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އުމުރުން ދުވަސްވެފައިވާ އަންހެނަކު ފެންނަނީ މަގުމަތީގައި ބޯޑެއް ހިފައިގެން ހުންނަ މަންޒަރެވެ. އަދި އެ ބޯޑުގައި "އަންހެނަކު ރޭޕް ކޮށްފި" އަދި "އޭނަ އެ އަންހެން މީހާ ރޭޕް ކުރީ" މިގޮތަށް ޖަހައިގެން އުޅޭ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

އެ އަންހެން މީހާ ހިފައިގެން ހުރި އެ ބޯޑުގައި ލިޔެފައިވާ އަންހެނަކު ރޭޕް ކޮށްފި ކައިރީގައި އޭނާ ވަނީ ނުބައި ފާހަގައެއް ލާފައެވެ. އަދި އޭނާ އެ އަންހެން މީހާ ރޭޕް ކުރީ ކައިރީ އޭނާ ވަނީ ހެޔޮ ފާހަގައެއް ލާފައެވެ. އެއިން އޭނާ ދޭހަ ކޮށްދޭން ބޭނުން ވެފައިވަނީ ފިރިހެނުން އަންހެނުން ރޭޕް ކުރާ ކަމާއި އެއީ އަންހެން މީހާގެ ކުށެއް ނޫން ކަމެވެ.

މި ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ފަރާތްތަކުން އަންނަނީ ޓްވިޓާފަދަ ބާރުގަދަ ވަސީލަތް ބޭނުން ކޮށްގެން މުޅި ދުނިޔެއަށް އެ މެސެޖް ފަތުރުވަމުންނެވެ. އެތަކެއް ބަޔަކު އެ ވީޑިއޯއަށް ތާއިދުކޮށްފައެވެ.

އެ ވީޑިއޯގައި އަންހެން މީހާވަނީ އަންހެނުން ގޭގައި ރޭގަނޑު 7 ގެ ފަހުން މަޑު ކުރަން ޖެހޭތޯ ވެސް ސުވާލު ކޮށްފައެެވެ. އަދި ހަމަ އެގޮތަށް އަންހެނުން ގޭގައި އެވަގުތު ތިބޭނަމަ ފިރިހެނުންވެސް ތިބެން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިހާރު ގިނަވެފައިވާ ރޭޕް ކަންތައް ހުއްޓުވަން އޭނާ ވަނީ ހުރިހާ ފިރިހެނުން ރޭގަނޑު 7 ގެ ފަހުން ގެޔަށްވަދެ ތަޅުލައިގެން ތިބުމަށް ގޮވާލާފައެވެ. އެގޮތަށް އެކަން ކުރެވިއްޖެނަމަ އަންހެން ކަނބަލުންނަށް ރޭޕްގެ ޝިކާރަކަށް ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މިފަދަ ވީޑިއޯއެއް އާންމުންގެ މީހަކު ހިއްސާކޮށްފައިވާއިރު އިންޑިއާ މިހާރު ވެފައިވަނީ ދުނިޔޭގެ ރޭޕް ކެޕިޓަލް ނުވަތަ ރޭޕް ކުރާ މީހުން ރަސްކަން ކުރަމުން އަންނަތަނަކަށެވެ. އިންޑިއާގައި ކޮންމެ ދުވަހަކު އެތަކެއް ބަޔަކުގެ އިއްފަތްތެރިކަން ފޭރިގަނެ، ރޭޕްގެ ޝިކާރައަކަށް ކުދިބޮޑު އެތައް ބަޔަކު ވެގެންދެއެވެ.