އިންޑިއާގައި ފިޔާގެ އަގު މި ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންވެ ގިނަ ބަޔަކު ފިޔާ އަގުހެޔޮކޮށް ހޯދުމަށް މަސައްކަތް ކުރެއެވެ. އެކަން ބައެއް މީހުންނަށް ކާމިޔާބެއް ނުވެއެވެ.

މިހާލަތަށް މިހާރު ގޮސްފައިވާއިރު، ކައިވެނީގެ ހަފްލާތަކަށް މިހާރު ހަދިޔާއެއްގެ ގޮތުގައި ގެންދަނީވެސް ފިޔާއެވެ. އެކަން އިންޑިއާތަކުގެ ސަމާލުކަންވެސް ވަނީ ލިބިފައެވެ.

އެގޮތުން އިންޑިއާގެ ޓަމިލް ނެޑޫގައި ކުރިއަށްދިޔަ ކައިވެނީގެ ހަފްލާއަކަށް، ރަހުމަތްތެރިން ގެންދިޔައީ ފިޔާއެވެ. ކައިވެނީގެ ހަދިޔާއަކަށް ފިޔާ ގެންގޮސްފައި ވަނީ ފިރިހެން މީހާގެ ހަތަރު ރަހުމަތްތެރިންނެވެ.

އެ މީހުން ފިޔާއާ އެއްކޮށް ބޮކޭއެއް ހެދިއެވެ. އަދި އެއަށް 2.5 ކިލޯ ހުރި ފިޔާ އެޅިއެވެ. އޭގެ އަގު 500 ރުޕީސްއަށް އަރައެވެ.

އެ މީހުން ކައިވެނި ކުރި މީހުންނަށް ފިޔާ ދޭ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިންޑިއާގައި ފިޔާ އަގުބޮޑުވުމާއި ގުޅިގެން އެތަނުގެ ފޯނު ފިހާރައަކުން ވަނީ ގަންނަ ކޮންމެ ފޯނަކާއެކު ފިޔާ ކިލޯއެއް ލިބޭނެ ގޮތް ހަދާފައެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 150 ރުޕީސް އާއި 160 ރުޕީސްއާ ދެމެދުގެ އަގެއްގައެވެ. އެއީ ރާއްޖޭގެ ރުފިޔާއިން ބަލާނަމަ 32 ރުފިޔާއެވެ. ބައެއް ހިސާބުތަކުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު 200 ރުޕީސްއަށްވުރެ އަރާފައި ވެއެވެ.