ނިއުދިއްލީގައި އޮތް ޔުނިސެފްގެ އިވެންޓަކުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރުމަށްފަހު، ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ މިވަނީ އަލުން އެނބުރި މަސައްކަތްތަކައިގެން ބިޒީވެފައެވެ.

މިހާރު އޭނާއަށް ހަވާލުކުރެވިފައިވާ "ކުއަންޓިކޯ"ގެ މަސައްކަތްތަކައިގެންނެވެ. ނަމަވެސް މިހާރު އޭނާގެ މޫނުމަތި އިހުނަށްވުރެ ތާޒާ ވެފައި އުފާވެރި ކަމަށް ދައްކައެވެ.

މިގޮތުން ދާދި ފަހުން ޕްރިޔަންކާ މިވަނީ، "ގިއާ" ނަމަކަށް ކިޔާ ކުޑަކުޑަ އަންހެން ކުއްޖަކާއިއެކު އޭނާ ނަގައިފައިވާ ފޮޓޯއެއްވެސް އާންމު ކޮށްފައެވެ. މި ފޮޓޯގައި ޕްރިޔަންކާގެ އިތުރުން ގިއާގެ މޫނުމަތިންވެސް ނުހަނު އުފާވެރި ހިނިތުންވުމެއް ފެނިގެންދާއިރު، ޕްރިޔަންކާ ހުރީ ގިއާގެ ގައިގައި ބައްދާލައިގެންނެވެ.

މިހާރު މި ފޮޓޯ މީސްމީޑިއާގައި ދައުރުވާން ފަށައިފާވާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ޕްރިޔަންކާގެ ފޭނުން ދަނީ މި ފޮޓޯއަށް ތައުރީފުކޮށް ކޮމެންޓު ކުރަމުންނެވެ. އަދި އަބަދުވެސް ޕްރިޔަންކާއަކީ އޯގާތެރިއެއް ކަމަށާއި، މި ފޮޓޯއިންވެސް ކުޑަކުދިން ދެކެ އޭނާ ވާ ލޯބި ވަރަށް ރަނގަޅަށް ހާމަވެގެން ދާ ކަމަށް ފޭނަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ޚަބަރުތައް ބުނާ ގޮތުން، ޕްރިޔަންކާ ވަރަށް ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި، "ސެލެބްރިޓީސް" ވެސް ޕާފެކްޓް ނުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮންމެ ކަހަލަ މަޤާމެއްގައި ހުރި މީހެއް ނަމަވެސް ހިނިތުންވުމާއި އުފާވެރިކަން ހައްޤުވާނެ ކަމަށް އޭނާ ވަނީ ބުނެފައި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ވަރަށްފަހުން ވެސް ޕްރިޔަންކާ ވަނީ ފިލްމީ ދާއިރާގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި އޭނާގެ ހަންގަނޑުގެ ކުލަ އަލި ނޫންވީމަ ފިލްމެއް ގެއްލިގެން ދިޔަ ކަމަށްވެސް ބުނެފައެވެ. އަދި ކުޑައިރުވެސް ގަނާ (ބްލީ) ގެ ޝިކާރައަކަށް ވީ ކަމަށާއި އެހެންނަމަވެސް ކޮންމެ ކަހަލަ ކޮންމެ ހައިސިއްޔަތެއްގެ މީހެއް ނަމަވެސް އުފާވުމާއި ހިނިތުންވުން ހައްޤު ކަމަށް އޭނާ ބުނެފައިވެއެވެ.