މަހެއްގެ ބަނޑުތެރެއިން ބޮޑު ޕްލާސްޓިކް ގަނޑެއް ނަގާ ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލު ކަން ހުއްޓިއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑީއޯ އިން ފެންނަ ގޮތުގައި މީހަކު މަހުގެ ބަނޑު ފަޅައި ޕްލާސްޓިކް ގަނޑެއް ނަގައެވެ. އިންސްޓަގްރާމުގައި ޔާސްމިން ސްކޮޓް ނަމަކަށް ކިޔާ އެ މީހާ ލާފައިވާ 1 މިނަޓުގެ އެ ވީޑިއޯ ވަނީ ގިނަބައެއްގެ ސަމާލު ކަމަށް އައިސްފައެވެ.

އޭނާ ބުނެފައިވަނީ މަސްބާނަން ނުކުމެ އުޅެނިކޮށް ބޭނުނީ އެންމެ މަހަކާއި 2 ބޯވަ ކަމަށެވެ. އެވަރުން ފުއްދައިގެން ނިންމައި، މަހުގެ ބަނޑު ސާފު ކުރަން އުޅުމުގެ ތެރެއިން ގޯސް ކަމެއް ފާހަގަ ކުރެވިގެން ބަލާލިއިރު ބަނޑުގެ ތެރެއިން ގިނަ އަދަދެއްގެ ޕްލާސްޓިކް ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް މިކަހަކަ ކިތަންމެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެހެން ނަމަވެސް އަހަރުމެން ގިނަ މީހުންނަކަށް އަދިވެސް ޕްލާސްޓިކް މޫދަށް އުކާނުލައި ނުތިބެވެއެވެ.

މޫދަށާއި ކަނޑަށް ޕްލާސްޓިކް އެޅުން ވެފައި އޮންނަނީ އަބަދުވެސް ނުހުއްޓިފައި އޮންނަ ކަމަކަށެވެ. އެކަމުގެ ސަބަބުން ކަނޑުގެ ދިރުން މަރުވާކަންވެސް ވަރަށް ގިނަ ބަޔަކަށް އެނގެއެވެ. ކަނޑަށް ނުވަތަ މޫދަށް ޕްލާސްޓިކް ކޮތަޅެއް އުކާލުމުން އެ ކޮތަޅު މޫދު އަޑިޔަށް ގޮސް މުރަކައިގައި ހިފައެވެ. އޭގެ ސަބަބުން މުރަކަ ނެތިގެން ދާނެ ކަމަކީ ހުރިހާ އެންމެނަށްވެސް އިނގޭ، އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. އެންމެންވެސް ގަބޫލު ކުރާނެ އެއް ހަގީގަތަކީ އިންސާނުންގެ ސަބަބުން ދުނިޔޭގެ އެކި ދިރުންތައް މަރުވެގެން ދާ ކަމެވެ.