ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ފަރުވާތެރިވާންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާބެފައިވަނީ ކަނޑުގެ ދިރުންތަކާއި ވެށީގެ ހިތްގައިމުކަމުގެ މައްޗަށް ކަމަށާއި އެހެންކަމުން އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށްޓަކައި އަދި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ފަރުވާތެރިވާންޖެހޭ އަދި ފަރުދީ ފެންވަރުގައި ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ތިމަވެށީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ ފަސް ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ " ބީޓް ޕްލާސްޓިކް ޕޮލިއުޝަން" އެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.