ފަންސާސް މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަންނަ މި އަހަރުގެ ނިޔަލަށް އެެތެރެކުރެވޭ ގޮތް ހަދައިފި އެވެ.

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކުރިން ކަނޑައަޅައިފައިވާ ގޮތް މުރާޖާކޮށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން އިއްޔެ ކަނޑައަޅުއްވައިފައެވެ.

އެ ގަރާރުގައި މައިގަނޑު ދެ އައިޓަމަކަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން އެކެއް ޑިސެންބަރު 2022 އިން ފެށިގެން 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވީނަމަވެސް، އެ ތަކެތި ރާއްޖެއަށް އެތެރެކުރާ މަރުޙަލާގައި ސާމްޕަލްގެ ގޮތުގައި ނަގައިފައިވާ ބައެއް ކޮތަޅާއި އެހެނިހެން ގޮތްގޮތުން ނަގައިފައިވާ ސާމްޕަލްތައް ޓެސްޓުކުރުމުން، ގާތްގަނޑަކަށް ހުރިހާ ކޮތަޅެއްގެ ވެސް ބޯމިން 50 މައިކްރޯން އަށްވުރެ ތުނިކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުނެއެވެ.

އެހެންވެ ރާއްޖެއަށް ކޮތަޅު އެތެރެކުރާ ފަރާތްތަކުން އެ ކަންކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމާއި އެކަަމަށް ހޭލުންތެރި ކުރުވުމަށްޓަކައި، 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާވާނެ ތާރީޚަކީ 1 ޖަނަވަރީ 2024 ކަމަށް މިހާރު ވަނީ ހަމަޖައްސައިފައެވެ. އަދި އެ ތަކެތި ރާއްޖޭގައި ބޭނުންކުރުން މަނާވާނެ ތާރީހަކީ 1 ޖޫން 2024 ކަމުގައި ވެސް ވަނީ ހަމަޖައްސައިފަ އެވެ.

"މީގެއިތުރުން، ޕްލާސްޓިކް ޕެކެޓް ނޫން އެހެން ޕްލާސްޓިކުގައި ބަންދުކޮށްފައިވާ ސުޕާރީ ރާއްޖެއަށް އެތެރެކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، މި ބާވަތްތައް ހިމެނުމަށްޓަކައި، ޕްލާސްޓިކް ފެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ 1 ޖަނަވަރީ 2024 ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވާނެ ކަމުގައި ކަނޑައަޅުއްވައި، މި ބާވަތްތައް 1 ޖޫން 2024 ފެށިގެން ރާއްޖޭގައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅުއްވައިފައިވެއެވެ."

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިލޭ

    މިރާއްޖޭގަ ކޮންމެ ކަމަކީ އެވަގުތަކު އެކަމެއް ކުރަން ތިބޭ ބަޔަކު ހިތަށްއެރީމާ އެކަމެއް ކުރަން ފެންނަ ބޭނުންވާ ގޮތަކަށް ނިންމާލާ ފަސޭހަ ކަންކަން // އެކަމަކުން ކުރަން ބޭނުންވާ ކަމެއް ވިމާ ނިމުނީ //