މަޝްހޫރު ބޮލީވުޑްގެ ތަރި އަދި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ ހާލު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ޔޫއެސް އިން 9 މަސް ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު ރިޝީ އެނބުރި އިންޑިއާއަށް ދިޔައީ މިދިޔަ އަހަރު ސެޕްޓެމްބަރގައެވެ. މިއަދު އިންޑިއާގެ ގިނަ ނޫސްތަކެއްގައި އަންނަނީ ރިޝީ އަނެއްކާވެސް ބަލިވެގެން ދިއްލީ ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނު ކަމުގެ ހަބަރުތަކެއް ދައުރުވަމުންއެވެ.

އާއިލާގެ ގާތް ފަރާތަކުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިންޑިއާގެ ވެރިކަންކުރާ އަވަށް ކަމުގައިވާ ނިއު ދިއްލީގައި އެމީހުންގެ އާއިލަގެ ހަފްލާއެއް ކުރިއަށް ދިޔަވަގުތުގައި ކަމަށެވެ. އެ ހަބަރު ލިބުމާއި އެކު ރަންބީރުވެސް ވަނީ ދިއްލީއަށް ގޮސްފައެވެ.

ރިޝީ ބަލިވުމާއި ގުޅިގެން ގިނަބަޔަކު ދަނީ އެކަމާއި ހިތާމަކޮށް ވާހަކަދައްކަމުންނެވެ.

2018 ވަނަ އަހަރު އޮކްޓޯބަރ މަހު ރިޝީ ވަރަށް ބޮޑަށް ބަލިވެ ނިއުޔޯކްއަށް އިތުރު ފަރުވާއަށް ދިޔައެވެ. އަދި ރިޝީ ވަނީ އަނބިމީހާގެ އިތުރުން މީހަކު ކައިރީގައި ހުންނަން ބޭނުން ނުވާކަމަށް އެއިރު ބުނެފައެވެ.

ނަމަވެސް ރަންބީރު އާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް ނިއުޔޯކަށް ގޮސް ބައްޕައާއެކު ވަގުތު ހޭދަކޮށްފައި ވެއެވެ.

ރިޝީ ކަޕޫރަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ތަރިއެކެވެ. އަދި އޭނާގެ ދަރިފުޅުވެސް އަކީ ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު