ގިނަ ބަޔަކު ހެއްވާލައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ޓޮމް އެންޑް ޖެރީ" ވުޖޫދަށް އައިތާ 80 އަހަރު ވެއްޖެއެވެ.

ބުޅާލަކާއި މީދަލެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި ހަސަދަވެރިކަމާއި ލޯބި ދައްކުވައިދޭ މި ޓީވީ ޝޯ އަކީ ގިނަ ބަޔަކު މިހާރުވެސް ރިޕީޓް ކޮށް ބަލަމުން އަންނަ ޝޯ އެކެވެ. އެހެންކަމުން މި ޝޯ ވެގެން ގޮސްފައިވަނީ ފާއިތުވި 80 އަހަރުގައި ގިނަ ބައެއްގެ ފޫހި ފިލުވައި މަގުބޫލު ކަން ހޯދަ ދީފައިވާ ޝޯ އަކަށެވެ.

ކޮންމެ އުމުރެއްގެ މީހެއް ކައިރީގައި "ޓޮމް އެންޑް ޖެރީ" އެ ބުނުމުން މޫނު މަތިން އުފާވެރިކަން ފެނިގެންދާނެ ކަމީ އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިކަން މިގޮތަށް ވެގެން ގޮސްފައި ވަނީވެސް މި ކާޓޫން ވުޖޫދަށް ގެންނަން ބުރަ މަސައްކަތް ކުރެއްވި މޭސްތިރިންގެ މަސައްކަތުންނެވެ. އެހެން ކަމުން އެބޭފުޅުންނަށްވެސް ޝުކުރު ހައްގެވެ.

"ޓޮމް އެންޑް ޖެރީ" ވުޖޫދަށް ގެނެސްފައިވަނީ 1940 ވަނަ އަހަރު ހަނާ އާއި ޖޯސެފް ބާބަރާ އެވެ. "ޓޮމް އެންޑް ޖެރީ" ގެ ކުރިން ޓޮމް އަށް ކިޔަނީ "ޖެސްޕާ" އެވެ. އަދި ޖެރީ އަށް ކިޔަނީ "ޖިންކްސް" އެވެ. މިއީ ވަރަށް މަދު ބަޔަކަށް އެނގޭ ކަމެކެވެ. "ޓޮމް އެންޑް ޖެރީ" ގެ އަސްލޫ ފޭނެއް ނަމަ މި ކަން އެނގޭނެވެ.

ގިނަ ބައެއްގެ މޫނު މަތިން އުފާވެރި ކަން ގެނެސްދީ، ފަނޑުވުމެއް ނެތް މަސައްކަތް އެތައް ޖީލަކަށް ދޫކޮށްލި ހަނާ އާއި ޖޯސެފް ދުނިޔޭގައި ނެތަސް އެމީހުންގެ ނަމެއް އެ ކާޓޫނު ދައްކަމުންދާ ހިނދެއްގައި ފަނޑުވެގެނެއް ނުދާނެ އެވެ. ހަނާ މަރުވެފައިވަނީ 2001 ވަނަ އަހަރުގައެވެ. އޭރު ހަނާގެ އުމުރުން 90 އަހަރެވެ. ޖޯސެފް މަރުވެފައިވަނީ އުމުރުން 95 އަަހަރުގައި 2006 ވަނަ އަހަރުއެވެ.

"ޓޮމް އެންޑް ޖެރީ" ކާޓޫނަށް ބަލާއިރު އޭގައި އުޅޭ ބުޅާ (ޓޮމް) އަބަދުވެސް އުޅެނީ މީދާ (ޖެރީ) އަތުނުވެގެން ކޮންމެވެސް ކަހަލަ ލަނޑެއް ދިނުމަށެވެ. އެހެން ނަމަވެސް ގިނަ ފަހަރު ޓޮމް ކުރާ ކަމަކުން ލަނޑު ލިބެނޭ ހަމަ ޓޮމް އަށެވެ. ޖެރީ އަބަދުވެސް ކޮންމެވެސް ގޮތަކަށް ސަލާމަތްވެއެވެ.