ދުނިޔޭގެ އެންމެ ބޮޑު ގައުމު ކަމުގައިވާ ރަޝިޔާގެ ވެރިރަށް މޮސްކޯގައި އަންހެނަކު އޭނާ ދިރިއުޅޭ ކުޑަ ފްލެޓު ތެރޭގައި 130 ބުޅާ ގެންގުޅެނިކޮށް ފަޅާ އަރައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މީގެ ހަތަރު އަހަރު ކުރިން އަންހެން މީހާގެ ކައިވެނި ރޫޅިގެން އުޅުނު ދުވަސްވަރު އޭނާ ވަނީ މަގުމަތީގައި އުޅުނު މާބަނޑު ބުޅަލެއް އޭނާގެ ފްލެޓައް ވައްދާފައެވެ. އަދި އެއީ އޭނާ ގެންގުޅުނު ފުރަތަމަ ބުޅަލެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެ ބުޅަލުގެ ފަރާތުން އެއް ކޮޓަރީގެ އެ އެޕާޓްމަންޓު ތެރޭގައި ބުޅަލުގެ އާބާދީ އިތުރުވާން ފެށިއެވެ. 4 އަހަރުތެރޭ އެ ކޮޓަރީގައި 130 ބުޅާ އޮތްއިރު މިކަން ފަޅާ އެެރީ އޭނާގެ އަވަށްޓެރިންނަށެވެ.

އަވަށްޓެރިންނަށް ބުޅާތައް ގޮވާ އަޑު ނުއިވުނު ނަމަވެސް އަންހެން މީހާގެ އެޕާޓްމެންޓުން އެމީހުންނަށް ވަރަށް ނުބައި ވަހެއް ދުވަން ފެށިއެވެ. މިއާއިއެކު ހުރިހާ އަވަށްޓެރިން އެއްކޮށް ނުބައި ވަހުގެ ފަހަތުގައިވާ ސަބަބެއް ހޯދަން ދިޔައިރު މުޅި ކޮޓަރި ތެރޭގައި ހުސް ބުޅާ އޮތުމުން އެމީހުންނަށް ވަނީ ސިހުމެއް ލިބިފައެވެ.

މިހާރު އަންހެން މީހާގެ ބައެއް ބުޅާތައް ބަހާލި ނަމަވެސް އަދިވެސް އެތާ ތެރޭގައި 80 ބުޅާ އެބައޮތެވެ. އަދި އެ ހުރިހާ ބުޅާތައް ނަގާނެ ބަޔަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ.

އެ އަންހެން މީހާ ބުޅާ ދެކެ ލޯބިވި ނަމަވެސް އެހައި ގިނަ އަދަދަކަށް ބުޅާ ތިބުމުން އޭނާ އަށް އެވަރަށް އަޅައެއްވެސް ނުލެވެއެވެ.