އެންމެ މަގުބޫލް އެއް ސްޓްރީމިން ޚިދުމަތް ދެމުން އަންނަ ނެޓްފްލިކްސް ޑައުން ވެއްޖެއެވެ.

ނެޓްފްލިކްސް ވެބްސައިޓާއި، ނެޓްފްލިކްސް އެޕްލިކޭޝަން އަދި ވެބްސައިޓް ބޭނުން ކޮށްގެން ސްމާޓް ޓީވީތަކުން ނެޓްފްލިކްސް ބޭނުން ކުރާ ފަރާތްތަކަށް ވެސް ވަނީ ޚިދުމަތް މެދުކެނޑިފައެވެ.

ބެލެވޭ ގޮތުގައި ނެޓްފްލިކްސް ޑައުން ވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެތައް ބަޔަކު ގޭގައި މަޑުކުރަން ޖެހިފައި ވާތީ ނެޓްފްލިކްސް ބޭނުން ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ނެޓްފްލިކްސް އަށް ބާރު ބޮޑުވުމުންނެވެ.

ވެބްސައިޓްތައް ޑައުންވެފައިވާކަން އަންގައިދޭ "ޑައުން ޑިރެކްޓާ" އިން އެނގޭ ގޮތުގައި ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ވެސް ނެޓްފްލިކްސް ބޭނުން ކުރުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. ނަމަވެސް މިހަރު ބައެއް މީހުންނަށް ނެޓްފްލިކްސް ބޭނުން ކުރެވެމުންދާ ކަމަށް ވެސް ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވެއެވެ.

ނެޓްފްލިކްސް އިން ބުނީ ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނެޓްފްލިކްސް އިން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން އެތައް ބަޔަކު ނެޓްފްލިކްސްގެ ޚިދުމަތް ބޭނުން ކުރަމުން ގެންދާތީ ޚިދުމަތް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ.

ނެޓްފްލިކްސް އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކުރުމުން ޚިދުމަތް ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުން ސްޓްރީމް ކުރާއިރު ވީޑިއޯ ކޮލެޓީ ވެސް ދަށްކޮށްފައެވެ. އެއީ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހަދައި ދިނުމަށް ގެނައި ބަދަލެކެވެ.

ނެޓްފްލިކްސްގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ އިންޓަނެޓް ބޭނުން ކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ސަބަބުން ބައެއް ގައުމުތަކުގައި އިންޓަނެޓް ސްޕީޑް ލަސްވެފައިވާ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ކުރަމުންނެވެ.