ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ އިކްއެޑޯގެ އަންހެނަކު އޭނާ މަރުވި ޚަބަރު އާއިލާއަށް ލިބުނުތާ މަހެއްހާ ދުވަސް ފަހުން އާއިލާއަށް ފޯނު ކޮށްފިއެވެ.

އަލްބާ މަރޫރީ ނަމަކަށް ކިޔާ އަންހެން މީހާ ކޮވިޑް-19 ޖެހިގެން މަރުވިކަން ހޮސްޕިޓަލުން އާއިލާއަށް އެންގިތާ މަހެއްހާ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު މަރޫރީ ވަނީ އާއިލާ މީހުންނަށް ފޯނުކޮށްފައެވެ.

މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި މަރޫރީ މަރުވެއްޖެ ކަމަށް އާއިލާ އަށް ހޮސްޕިޓަލުން އެންގީ އޮޅިގެންނެވެ. މިހުރިހާ ދުވަހަކު އޭނާ އޮތީ ކޯމާއެއްގައެވެ. އޭނާ އާއިލާ އަށް ފޯނުކޮށްފައި ވަނީ ކޯމާ އިން ހޭއަރައި ހާލު ރަނގަޅު ވުމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މަރުވާ މީހުންގެ ޖަނާޒާގައި އާއިލާގެ އެއްވެސް މީހަކު ބައިވެރިވުމުގެ ފުރުސަތު އިކްއެޑޯއަކުން ނުދެއެވެ. އެހެންކަމުން މަރޫރީ "މަރުވި ފަހުން" އޭނާގެ ހަށިގަނޑު ބަލާލުމުގެ ފުރުސަތު ވެސް އާއިލާ މެންބަރަކަށް ލިބިފައެއް ނުވެއެވެ.

"އާއިލާ އެންމެނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެއް. އެންމެން ވެސް ހީކޮށްގެން ތިބީ މަރޫރީ މަރުވީ ކަމަށް ނިންމައިގެން. ނަމަވެސް މިހާރު ގެއަށް ދިރުން ލިބިއްޖެ. އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ލިބިއްޖެ." އާއިލާ މެންބަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

މަރޫރީ އަށް ފަރުވާ ދެމުން ގެންދާ ހޮސްޕިޓަލްގެ ޓީމެއް މިހާރު ވަނީ މަރޫރީގެ އާއިލާ މީހުން ކައިރިއަށް ޒިޔާރަތްކޮށް، އެމީހުންނަށް އެރި އޮޅުމަށް މަޢާފަށް އެދިފައެވެ.

މަރޫރީގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ވަނީ މައުލޫމާތު ދީފައެވެ.

އިކްއެޑޯ އިން މިހާތަނަށް 22000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި 576 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭކު

    މިޚަބަރުގެ ޚާއްޞަ ކަމަކީ ކޮބާ؟

  2. ގެރިގުއި

    ތިކަހަލަ ކަންތައް ވަނީ އިންޑިޔާގަ އެއްމެ ގިނައިން.