ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދީ ގޮނޑުދޮށްތައް ރައްކާތެރިކޮށްދޭނެ އުފެއްދުމެއް ސައިންސްވެރިން ރާއްޖޭގައި ޓެސްޓުކޮށްފިއެވެ.

މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ތަޖުރބާކާރުންތަކެއް އުފައްދާފައިވާ މި އުފެއްދުމަކީ ރާޅާއި އެކު ގޮނޑުދޮށްތަކުން ވެލި ދަމައިގަނެ ރަށްގިރުން ހުއްޓުވައި، ގޮނޑުދޮށްތަކަށް ވެލިއެރުވުމަށް ފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ބްލޭޑާއެއް ނުވަތަ ހުރަހެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެމްއައިޓީގެ ތަޖުރިބާކާރުންތަކެއް ރާއްޖޭގައި މިހާރު މި އުފެއްދުން ޓެސްޓުކޮށްފައި ވާއިރު، މިހާތަނަށް ކުރި މަސައްކަތުން އޭގެ ކާމިޔާބުކަން ހާމަވެފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ޓީމުގައި ހަރަކާތްތެރިވާ އިސް ތަޖުރިބާކާރެއް ކަމަށްވާ ސްކައިލާ ޓިބިޓްސް ނޫސްތަކުގައި ބުނެފައިވާގޮތުން، މިއީ ރާއްޖެފަދަ ޖަޒީރާ ރަށްތައް ހިމެނޭ ޤައުމުތަކަށް ވަރަށް އެކަށީގެންވާ އީޖާދެކެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމާއެކު ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތައް ހިމާޔަތްކުރުމަށް މިއީ ކާމިޔާބު އުފެއްދުމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމްއައިޓީގެ ތަޖުރިބާކާރުން ވަނީ ރާއްޖޭގެ ރިސޯޓެއްގައި މި އުފެއްދުމުގެ ފަރުމާއެއް ބޭނުންކޮށްގެން ފާއިތުވެދިޔަ ހަތަރު މަހެއްހައި ދުވަސް ވަންދެން ދިރާސާއެއް ކުރިޔަށް ގެންގޮސްފައެވެ. ސްކައިލާ ޓިބިޓްސް ބުނެފައިވާ ގޮތުގައި މި ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ އައްސޭރިން މޫދުގައި ހަރުކުރި ބްލޭޑާގެ އެހީގައި އެ ސަރަޙައްދުގެ އައްސޭރިން ދޮޅު ފޫޓު އިތުރުވެފައިވާ ކަމަށެވެ. މި މުއްދަތުގައި ގާތްގަނޑަކަށް 10600 ކިއުބިކް ފޫޓުގެ ވެލި އެ ސަރަޙައްދަށް އަރާފައިވާކަން ވެސް ދިރާސާއިން ހާމަވެފައި ވެއެވެ.

އެމްއައިޓީން އުފެއްދި ރަށްގިރުން ހުއްޓުވައި، ގޮނޑުދޮށް ބޮޑު ކުރުމަށް އެހީވެދޭ ބްލޭޑާ އަކީ އެއިރެއްގައި ލޮނުގަނޑު އޮންނަ އުސްމިނަކާއި އެއްވަރަކަށް އެޖެސްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މި ބްލޭޑާތައް ފަރުމާކުރެވިފައިވާ ގޮތުން، ރާޅާއި އެކު ރަށާއިވީ ފަޅިއަށްދާ ވެލި މި ބްލޭޑާ ހުރަސްކޮށް ދިއުމަށްފަހު އަނބުރާ މޫދަށް ދަމައިގަތުމަށް ހުރަހަކަށް ވެއެވެ.

ދިރާސާވެރިން ވަނީ ފާއިތުވެދިޔަ ހަތަރުމަސް ދުވަހުގެ ތެރޭގައި އެފަރާތްތަކުން މި އުފެއްދުން ބޭނުންކޮށްގެން ކުރި މަސައްކަތުން ހޯދި ކާމިޔާބީ ފެންނަ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ. އެ ޓީމުން ދަނީ މި ޓެންނޮލޮޖީގައި ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށް، މި މައްސަލަ ޙައްލުކޮށްދޭނެ ގޮތް އިތުރަށް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއައިޓީން ބުނާގޮތުން، ދުނިޔޭގައި މީހުން ދިރިއުޅޭ 40 އިންސައްތަ ރަށްރަށަކީ ރަށްގިރުމުގެ ނުރައްކަލާއި ކުރިމަތިވެފައިވާ ރަށްތަކެއް ކަމަށެވެ. އެހެންކަމުން އެ ޓީމުގެ އަމާޒަކީ، މި މައްސަލަ މުޅި ދުނިޔޭގައިވެސް ޙައްލު ކުރެވޭނެ އީޖާދެއް ފަރުމާކޮށް އެކަން ޙާސިލްކުރުން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    މަގޭ %100 ޔަގީންކަން ދީފާނަން ތި ވޯރކެެއް ނުކުރާނެކަން. މީރަށް ވާހަކަ.

    13
    7
  2. އުދުހޭ

    ލޮލް

    4
    5
  3. މާމިގިލީ މީހާ

    ތީ ހަމަ ފޭކް އެއްޗެއް. ހަމަ އެންމެ ރަނގަޅީ މާމިގިލީ މީހުން ޖަހާ، ތޮށި.