ސިކުނޑީގައި ޓިއުމަރު އުފެދޭ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި އިތުރު ވެއްޖެ ކަމަށާއި މިއީ މޯބައިލް ފޯން ބޭނުންކުރާ މިންވަރު އިތުރު ވުމުން ދިމާވާ ކަމެއް ކަމަށް ވެދާނެ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ޖާނަލް އޮފް އެންވާރްމަންޓް އެންޑް ޕަބްލިކް ހެލްތުގައި ބުދަ ދުވަހު ޝާޢިއު ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި 1995 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު މީހުންގެ ސިކުނޑީގައި ޓިއުމަރު އުފެދުނު މިންވަރު ކޮންމެ އެއްލައްކަ މީހެއްގެ ނިސްބަތުން 2.4 އިން 5.0 އަށް އިތުރުވެފައިވާ ކަމަށެވެ.

ސިކުނޑީގައި ޓިއުމަރު އުފެދެން މެދުވެރިވާ ސީދާ ސަބަބެއް ދިރާސާ ކުރި ފަރާތްތަކަށް ވެސް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މިއީ ދިރިއުޅުމުގެ އާދަތަކަށް އައިސްފައިވާ ބަދަލުތައް ހާއްސަކޮށް މޯބައިލް ފޯން ބޭނުން ކުރުން އިތުރު ވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވުން ގާތް ކަމަށް ބުނެފައެވެ.

މޯބައިލް ފޯން ބޭނުން ކުރުން އިތުރު ވުމުގެ ސަބަބުން ކެންސަރު އިތުރުވާ ކަމަށް މީގެ ކުރިން ވެސް ބައެއް ސައިންސްވެރިން ބުނެފައިވެއެވެ. ނަމަވެސް އިތުބާރު ކުރެވޭ ގޮތައް އަދި އެކަމުގެ އެންމެ ފުރިހަމަ ދިރާސާއެއް ކުރެވިފައެއް ނުވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި މޯބައިލް ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ކެންސަރަށް މަގުފަހިވެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މޯބައިލް ފޯނުން ބޭރު ވަނީ ކެންސަރު ޖެހުމަށް މަގުފަހިވާ ވަރަށް ވުރެ މާކުޑަ މިންވަރެއްގެ ރޭޑިއޭޝަނެވެ.