ފުރަބަންދުގައި ގޭގައި ތިބެން ޖެހުމުން ގިނަ ބަޔަކު ދަނީ އެ މީހުންގެ ސްޓައިލަށް ބޮޑު ބަދަލެއް ގެންނަމުންނެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެންނަ އެއްކަމަކަށް ވާނީ ހަމަ ގައިމުވެސް ބޮލުގެ އިސްތަށިގަނޑެވެ. ފުރަބަންދުގައި ގޭގައި ތިބެން ޖެހުމުން އަމިއްލައަށް ބޮލުގެ އިސްތަށިގަނޑު ކޮށާ މީހުން މަދެއް ނޫނެވެ. އާއްމުކޮށް ވެސް ކަންކަމާ ދެރަވުމުން ނޫނީ، ފޫހިވުމުން އިސްތަށިގަނޑަށް ބަދަލު ގެނައުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ.

މި ފުރަބަންދުގައި ވަރަށް ގިނަ ބަޔަކު ވަނީ ބޯ ބާލާފައެވެ. އަދި ދިގު އިސްތަށިގަނޑު ހުރި އެތައް ބަޔަކު، އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވެެސް ވެއެވެ. ދެން އެންމެ ގިނަ ބަޔަކު ކުރި ކަމަކީ ފްރިންޖް ނުވަތަ ނިއްކުރިން ބައެއް ކުރުކޮށް ކޮށާލާފައި، މޫނުމައްޗަށް ވިހުރާލެވޭ ގޮތަށް ތަންކޮޅެއް ބޭއްވުމެވެ.

ގިނަ މީހުންނަށް ބޯކޮށާލުމުން ހިތްހަމަ ޖެހުމުގެ ބަދަލުގައި ލިބުނީ ހިތްދަތިކަމެވެ. ބޯ ތުނިކޮށް ކޮށާލި މީހުން ބޭނުންވާ ވަރަށް އަވަހަށް އިސްތަށިގަނޑު އަނބުރާ ދިގު ނުވާ އިރު ހީކުރި ގޮތާ ހިލާފަށް ބޯ ކޮށާލުމުން މީހާގެ ފެނުމަށް އައި ބަދަލާއި މެދު ގިނަ މީހުން ހިތްހަމައެއް ނުޖެހެއެވެ. އިސްތަށިގަނޑަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ މުހިންމު ބައެކެވެ. ރީތި، މަޑު އިސްތަށިގަނޑަަކަށް ލޯބި ނުކުރާނީ ކާކުހެއްޔެވެ.

އެެމެރިކާގެ ޓެކްސަސްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޭގައި އިސްތަށިގަނޑު ކޮށާލާފައި އެކަމާ ހިތާމަ ކުރާ މީހުން ނިސްބަތުން ގިނައެވެ. އަދި ގިނަ މީހުން އިސްތަށިގަނޑު ކޮށާލަނީ ބަދަލަކަށް ކަމަށްވީ ނަމަވެސް އެ ބަދަލާއި މެދު ގިނަ މީހުން ހިތްހަމަނުޖެހެއެވެ.

އަދި އިންގްލޭންޑާއި އެމެރިކާގެ ސައިކޮލޮޖިސްޓުންތަކެއް ގުޅިގެން ކުރި އޮންލައިން ދިރާސާއަކުން ފުރަބަންދެއްގައި މީހާ އަށް ވެރިވާ އުދާސްކަމާއި އެކަނިވެރިކަމަށް ބަދަލު ގެނައުމަށް ބޯ ކޮށުމާއި، ބޮލުގައި ކުލަ ޖެއްސުމާއި ހަށިގަނޑުގައި އާ ގަހަނާ އެޅުން ފަދަ ބަދަލުތައް ގެނައުމަކީ ވަރަށް ގާތްކަމެކެވެ. އަދި އެ ކަންކަމާއި މެދު ހިތްހަމަ ނުޖެހުމަކީވެސް ތޮބީއީކަމެކެވެ.

އެކަމަކު ކިތަންމެ ހުތުރުކޮށް އިސްތަށިގަނޑު ކޮށާލުމަށް ފަހު ދެން އަލުން އެ އިސްތަށިގަނޑު ދިގުވާންދެން އިންތިޒާރުކުރުން ފިޔަވައި އިތުރު ގޮތެއް ނުވެއެވެ. ބައެއް ފަހަރު އިސްތަށިގަނޑު ރީތިކުރަން ކޮށަމުން ގޮސް، މީހާ ކާކުކަން ވަކިކުރަން ނޭނގޭ ހިސާބަށް އިސްތަށިގަނޑަށް ބަދަލު އާދެއެވެ. ދެން އޮންނަނީ އިސްތަށިގަނޑު ކޮށާލުމާއި މެދު ދެރަވެ، ހިތާމަ ފާޅުކުރުމެވެ.

މިހާރު މީސްމީޑިއާގައި ވެސް ފެންނަ މިކަހަލަ ޕޯސްޓްތައް ވަރަށް ގިނައެވެ. ވަރަށް ރީތިވާނެ ކަމަށް އިސްތަށިގަނޑު ކޮށާލުމުން، އެކަމުން ލިބުނު ހިތްދަތިކަމުގެ ވާހަކައެވެ. ފުރަބަންދުގައި ސެލޫންތައް ބަންދުވުމުން އަމިއްލައަށް ބޯކޮށުމުން، އެ ބޭނުންވާ ސްޓައިލަށް ނުހުރުމާއި ބޭނުންވާ ވަރަށް ވުރެ ކުރުކޮށް އިސްތަށިގަނޑު ކޮށި، މީހާ ޖޯކަކަށް ވަނީ ވެސް މަދަކުން ނޫނެވެ.

ދެން ކުރާ ކަމަކީ ރައްޓެހިންނާއި އާއިލާ މީހުންނަށް ގުޅާފައި ކުރެވުނު މޮޔަ ކަންތަކާ މެދު ޝަކުވާކުރުމެވެ. ގިނަ ފަހަރު އެ ވާހަކަ ހިއްސާކުރަން ގުޅާ މީހާގެ ހާލަކީވެސް މިއެވެ. އެކަމަކު މިއީ ހާސްވާން ޖެހޭ ކަމެއް ނޫނެވެ. އިސްތަށިގަނޑަކީ އަނބުރާ ދިގުވާ އެއްޗަކަށްވުމާއެކު އަލުން ސްޓައިލްކޮށްލެވޭނެއެވެ. އަދި ފުރަބަންދުގައި އިސްތަސިގަނޑު ހުންނަ ގޮތް ފެންނާނީވެސް މަދު ބަޔަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު