މިސްރަށް ނިސްބަތްވާ ލިވަޕޫލްގެ މަޝްހޫރު ފުޓުބޯޅަ ތަރި، މުޙައްމަދު ސަލާހުގެ ސިފަ ރަމްޒުކޮށްދޭ މޫނު މާސްކެއް އަޅައިގެން ތިބި ބަޔަކު، ހަތިޔާރާއެކު މިސްރުގެ ވެރިކަންކުރާ ގާހިރާ (ކެއިރޯ) އިން އަތުލައިގެންފިއެވެ.

މިސްރުގެ ނޫސްތަކުން ބުނާގޮތުން މި މީހުން އަތުލައިގެންފައި ވަނީ، ހަތިޔާރުން ބިރު ދައްކައިގެން ތަނެއް ފަޅާލައި ފޭރުމުގެ ޢަމަލެއް ހިންގަން އުޅުމުގެ ތެރޭގައެވެ. މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު، އެ ހަތަރު މީހުންވެސް ތިބީ ސަލާހުގެ ސިފަ އަށް ހަދާފައިވާ މާސްކު އަޅައިގެންނެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނީ، މި ހަތަރު މީހުން އަތުލައިގަތީ ގޭންގަކުން ފޭރުމުގެ ޢަމަލެއް ހިންގަން އުޅޭކަމަށް އެޤައުމުގެ އިދާރާތަކަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގާހިރާގެ މަދީނަތުއްނަސްރު ނަމަކަށްކިޔުނު ޝަހަރަކުންނެވެ. މި ހަތަރު މީހުން އަތުލައިގަތް އިރު އެމީހުންގެ އަތުން ބަޑި އާއި ދަގަނޑު ކެނޑުމަށް ބޭނުންކުރާ ކަތުރުފަދަ ތަކެތި ފެނިފައި ވެއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި އިތުރަށް ބުނެފައިވާގޮތުން އެ ހަތަރު މީހުން ވަނީ، އެމީހުންނަކީ ފޭރެން އުޅުނު ބައެއްކަމަށް އިއުތިރާފް ވެފައެވެ. އަދި ކުރިންވެސް އެފަދަ ޢަމަލުތައް އެމީހުން ނިސްބަތްވާ ގޭންގުން ހިންގާފައިވާކަން ތަހުޤީޤަށް ކިޔައިދީފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މިއީ މިސްރުގެ މަޝްހޫރު މީހެއްގެ މޫނު މާސްކު އަޅައިގެން އެޤައުމުގައި މިފަދަ ޢަމަލެއް ހިންގަން އުޅުނު ފުރަތަމަ ފަހަރެވެ.