ފޮޓޯ އިން ތިތަ ފެންނަ ކުޑަ ކުއްޖާ އަށް ބަލާފައި އެއީ އާދައިގެ ކުއްޖެއްހެން ހީވެދާނެއެވެ. ނަމަވެސް އެއީ ވަރަށް އާދަޔާ ޙިލާފް، ތަފާތު ސިފަތަކެއް ލިބިފައިވާ ކުޑަކުއްޖެކެވެ.

އެމެރިކާ އަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ޖެކް ރީކޯ ކެލިފޯނިއާގެ ފުލެޓަން ކޮލެޖުން ދަސްވެނިވުނީ (ގްރެޖުއޭޓް) ވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މީގެ ދެ އަހަރު ކުރިން އެ ކޮލެޖަށް ދާން ފެށި ރީކޯ މި މުއްދަތުގެ ތެރޭގައި ވަނީ 4 ދާއިރާ އަކުން އެސޯސިއޭޓް ޑިގްރީ ހޯދާފައެވެ.

”އަހަރެމެން ކޮލެޖުގެ 107 އަހަރުގެ ދިގު ތާރީޙުގައިވެސް މި ކޮލެޖު ނުދެކޭނެ ރީކޯ ފަދަ ތަފާތު ކުއްޖެއް. އޭނާ މިވަނީ އެންމެ ހަނގު އުމުރެއްގައި މި ކޮލެޖުން ގްރެޖުއޭޓްވި ކުއްޖާގެ ޝަރަފް ހޯދާފަ. އެހެން ބޮޑެތި މީހުން ޑިގްރީ އެންމެ ދާއިރާ އަކުން ހޯދަންވެސް އުނދަގޫވެގެން އުޅޭއިރު ރީކޯ މިވަނީ ދެ އަހަރު ތެރޭ ހަތަރު ޑިގްރީ ހަދާފަ.“ އެ ކޮލެޖުގެ ޓީޗަރެެއް ސީއެންއެން އާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ރީކޯ ބުނާގޮތުން މިކަންކަން ހާސިލް ކުރުމުގައި ބޮޑު ސިއްރެއް ނެތް ކަމަށާއި މިއީ ވަގުތަށް ކަމޭހިތައި، ޓީޗަރުންނަށް ކަނުލައި އަޑުއެހުމުގެ ނަތީޖާ ކަމަށެވެ.

ރީކޯގެ އުމުރުން އެންމެ 3 އަހަރުގައި އޭނާގެ 4ވަނަ އުފަންދުވަހަށް ބޭނުންވަނީ ކޮން އެއްޗެއްތޯ އެހުމުން ރީކޯ ބުނީ ކުޅޭ އެއްޗެހި ގަނެދޭކަށް ނޫނެވެ. ރީކޯ ބުނީ އޭނާ ބޭނުންވަނީ އެމެރިކާގެ ރައީސް ގެކޮޅު، ވައިޓް ހައިސް ބަލައިލަން ބޭނުން ކަމަށެވެ.

 

މިއާއިއެކު ސަމާސާ ރާގެއްގައި އޭނާ މަންމަ ވަނީ އެ ގައުމުގެ ހުރިހާ ރައީސުންގެ ނަންތައް ދަސްކޮށްފިނަމަ އެތަނަށް ގެންދާނެކަމަށް ބުނެފައެވެ. އޭގެ ހަފްތާ އެއް ފަހުން ރީކޯ ވަނީ އެ ގައުމުގެ ހުރިހާ ރައީސުންގެ އިތުރުން ނައިބު ރައީސުންގެ ނަންތައްވެސް ދަސްކޮށް، އޭނާގެ މަންމަ އަށް ކިޔައިދީފައެވެ. އެހައި ހިސާބުން އޭނާގެ މަންމަ އަށް ރީކޯ އަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ ކުއްޖެއްކަން ހާމަވިއެވެ.

ރީކޯގެ މަންމަ އެއަހަރު ވަނީ އޭނާ ވައިޓް ހައުސް ކައިރިއަށް ދައްކައިލުމަށް ގެންގޮސްފައެވެ. އެހެން ކުދިންނާއި ޙިލާފަށް ރީކޯ ސްކޫލަކަށް ނުދެއެވެ. ރީކޯ ކޮލެޖަށް ދިއުމުގެ ކުރިން ހުރިހާ އެއްޗެއް ދަސްކުރީ ގެއިންނެވެ. މައިންބަފައިންނާއި ޓިއުޝަން ނަގައިދޭ މީހުންގެ ފަރާތުންނެވެ.

ދެން ރީކޯ ދާން ނިންމާފައި ވަނީ ޔުނިވާސިޓީ އޮފް ނެވާޑާ އަށެވެ. ބޮޑުވެގެން ކުރަންބޭނުންވަނީ ކޮން ކަމެއްތޯ ރީކޯ އާއި ސުވާލު ކުރުމުން އޭނާ ބުނީ އެނާ އަދި ކުޑަކުއްޖެއް ކަމަށާއި އިހަށް ބޭނުންވަނީ ތަފާތު ދާއިރާތަކުން އިލްމް ހާސިލްކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަޚާނުގެ ޢަލިދީދީ

    ރީކޯ ގަދަ. ތިޔަކަހަލަ ގަޓުހުރިކުދިން މުޖުތަމައަށް ބޭނުންވަނީ.

    20
    3
    • ގަޓު އެކަންޏެއް ނޫން

      ގަޓާއެއްކޮށް ބޭނުންވޭ މުއްސަދިކަން. މިހާރު ރާއްޖެފަދަ ކުރިއަރަމުންދާ ގައުމަކުން އެންމެ ޑިގްރީއަކަށްވެސް ހޭދަވޭ 3 އަހަރު ދުވަހުގެ މަހު މުސާރަ އެއްކޮށް. އަނެއްކޮޅުން މާލޭގައި އުޅެން ކުޅާދާނަ ނުވާވަރަށް ކުލި ދައްކަން ޖެހޭ. ރާއްޖޭގައި ކިޔަވާދޭ ތަނަކަށް އޮންނަނީ މާލެ އެކަނި. ރަށްރަށުގައި ދަނާލްތައް އެއީ ނަމަކަށް ވާ ތަންތަން. ބިޒްނަސް އާއި ޓީޗިންގް ނޫން އެހެން އެއްޗެއް ނުކިޔެވޭ. ރާއްޖޭގެ ކިޔެވުންވެސް އެހާ ދަށް. ބޭރު ގައުމުތަކުގައި 14 އަހަރުގައި ކިޔަވާ އެއްޗެހި ރާއްޖޭގައި ކިޔަވައިދެނީ 16 އަހަރުން(އޯލެވެލް).
      މުގައްރަރުތައް އައުޓްޑޭޓް ވެފައިވާތާ ބައިގަރުނު މިވަނީ. ކިތަންމެ ވަރަކަށް ކިޔަވަން ބޭނުންވިޔަސް ފަގީރުންނަކަށް މިކަމެއް ނުވާނެ. ރާއްޖޭގައި ނިކަމެތިންނަށް އޮތީ ދެރަގޮތް.

  2. ދޮންހަސަންފުޅު

    މަށަށް 2 އަހަރުން 4 ޑިގުރީ ނުނެގުނީ މަ މިކިޔަވާ ޔުނިވާސިޓީގެ ގަވައިދު އޮންނަގޮތުން ކޯސް ހަދަން ޖެހެނީ 6 ސެމިސްޓަރގައި 3 އަހަރު ކިޔަވައިގެން. ސެމިސްޓަަރަކު ނެގެނީވެސް ވަރަށް މަދު މާއްދާތަކެއް. ރީކޯ އާދެބަލަ މަށާއެކު މިތާ ޔުނިވާސިޓީ މީހުންނަށް ލެކްޗަރެއް އަޅާލަދޭން ބްރޯ

  3. ފީކޯ

    ކީއްވެ ގުރުއާން ހިތުދަސްނުކުރީ ކަލޯ. އޭރުން އެހެން އެއްޗެއް ދަސްކުރާނެ ތަނެއް ބޮލުގަ ނުހުންނާނެތީތަ؟

    2
    1