އެމެރިކާގައި އުމުރުން އެންމެ 5 އަހަރުގެ ކުއްޖަކު އޭނާގެ މައިންބަފައިންގެ ކާރު އަމިއްލަ އަށް ދުއްވާފައި ”ލެމްބޮގިނީ“ ކާރެއް ގަންނަން ދަނިކޮށް ފުލުހުން އެ ކުއްޖާ ހިފާއްޓައިފިއެވެ.

ޔޫޓާގެ ހައިވޭ އެއްގެ މަތީގައި ކާރެއް ދާން ޖެހޭ ދުވެއްޔަށް ވުރެން މަޑުން ދާކަން ފާހަގަކުރެވިގެން ހައިވޭ ފުލުހުން ވަނީ އެ ކާރު މަޑުކުރުވާފައެވެ. ނަމަވެސް، ކާރު ދުއްވަން އިނީ ކުޑަކުޑަ ކުއްޖެއްކަން ހާމަވުމުން އެ ފުލުސް މީހާ އަށް ވަނީ ސިހުމެއް ލިބިގެން ގޮސްފައެވެ.

އެ ކުއްޖާ ކައިރީ ކިތައް އަހަރުތޯ އެހުމުން ބުނެފައި ވަނީ 5 އަހަރު ކަމަށެވެ. މިއާއިއެކު ފުލުސް މީހާ އެންމެ ފުރަތަމަވެސް އެހި ސުވާލަކީ ކާރު ދުއްވަން ދަސްކުރީ ކިހިނެތް ކަމެވެ.

އެ ކުއްޖާ އާއި އިތުރަށް ކުރި ސުވާލުތަކުން ހާމަވި ގޮތުގައި އެ ކުއްޖާ ކާރަށް އަރައިގެން އަމިއްލަ އަށް ދިޔައީ މަންމަ އާއި ކުރި ޒުވާބަކަށް ފަހުގައެވެ. އެ ކުއްޖާ މަންމަ ކައިރީގައި ލެމްބޮގިނީ ކާރެއް ގަނެދޭން ބުނުމުން އެ ކުއްޖާގެ މަންމަ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

މިކަމާއި ރުޅި އައިސްގެން އެ ކުއްޖާ ވަނީ މަންމަ ބޭރަށް ދިޔަ ގަޑީގައި ކާރު ނަގައިގެން އަމިއްލަ އަށް ލެމްބޮގިނީ ކާރެއް ގަތުމަށް ދާން ދަތުރު ފަށާފައެވެ. ޔޫޓާ އިން އެ ކުއްޖާ ކާރު ގަންގަން ދާން އުޅުނީ ކެލިފޯނިއާ އަށެވެ. އެއީ އެތައް ގަޑިއިރުގެ ދަތުރެއް ކަމުގައިވާއިރު އެ ކުއްޖާ ލެމްބޮގިނީ އެއް ގަންނަން ދިޔައީވެސް އެންމެ 3 ޑޮލަރު ހިފައިގެންނެވެ.

ލެމްބޮގިނީގެ އަސްލު އަގު ފެށެނީ 200،000 ޑޮލަރުން ފެށިގެންނެވެ. މި ކުއްޖާގެ ވާހަކަ ވައިރަލް ވުމުން އެތައް ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އެ ކުއްޖާގެ މަންމަ ބޭރަށް ދިޔައީ ކުޑަކުއްޖާގެ ބޭބެ އަކާއި ބަލަން ހަވާލުކޮށްފައެވެ. އެހެންކަމުން މިހާރު ޔޫޓާގެ ޕްރޮސެކިއުޓަރުން އަންނަނީ އެ ކުއްޖާގެ މަންމަ އާއި ދެކޮޅަށް ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރަމުންވެވެ.