ރަހުމަތްތެރިންނާއި އެކު ކުޅިވަރު ކުޅޭއިރު ދެފަރާތުގެ ދެމެދުގައި ދެބަސްވުމަކީ ވަރަށް އާއްމުކަމެކެވެ. މިގޮތަށް ދެބަސްވުންތައް އުފެދި ޒުވާބުކޮށް ތަޅާފޮޅާ ހިސާބަށް ބައެއް ފަހަރު ކަންތައް ދިޔަ ނަމަވެސް, ޒުވާބު ގަނޑުގެ ތެރެއިން އެކުވެރިޔާގެ ނޭފަތް ކާލައިފި އޭ ބުނުމުން އެކަން ގަބޫލު ކުރަން ދަތިވެދާނެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ މިޒޫރީގައި ކަންތައް ވީ މިހެންނެވެ. ދެ އެކުވެރިން ގޯލްފު މެޗެއް ނިންމުމަށް ފަހު ދުވަހުގެ ބާކީ ބައި ހޭދަ ކުރީ ކެސީނޯ އެއްގައި ޖުވާ ކުޅުމުގައެވެ. އެކަން ކުރަމުން ދިޔަ ވަގުތު ވެސް ދެމީހުން ދިޔައީ ގޮލްފު މެޗުން މޮޅުވީ ކާކުތޯ ޒުވާބު ކުރަމުންނެވެ.

އެންމެ ފަހުން ޖުވާ ކުޅެ ނިންމާލައި ގެއަށް ދާން އުޅުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ދެމީހުންގެ ޒުވާބު ވަނީ ތަޅާފޮޅުމަކަށް ބަދަލުވެފައެވެ. މިކަންތައް ގަނޑުގެ ތެރެއިން އުމުރުން 51 އަހަރުގެ މާކްސް ވެލް ވަނީ ޓޯބީ ޝްވާޓްސް ނަމަކަށް ކިޔާ އޭނާގެ އެކުވެރިޔާގެ ނޭފަތުގައި ދަތް އަޅައި ނޭފައި ކާލާފައެވެ.

މައްސަލާގައި ހައްޔަރު ކުރި މާކު

މިކަން ކުރުމަށް ފަހު މާކް ވަނީ އޭނާގެ ޓެސްލާ ކާރުގައި އެތަނުން ފިލާފައެވެ. ނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން ފުލުހުން މާކު ހޯދަމުންދާކަމާއި, އޭނާ އަށް މިކަމުން ސަލާމަތް ވެވެން ނެތްކަން އެނގުމުން އޭނާ ވަނީ އަމިއްލަ އަށް ފުލުހަށް ހާޒިރުވެފައެވެ.

މާކުގެ އެކުވެރިޔާ އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު އޭނާގެ ނޭފަތް ފެނިފައެއް ނުވެއެވެ. މި މިއްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މާކް ކަފާލާތުގެ ދަށުން މިހާރު ޖަލުން މިނިވަން ވި ނަމަވެސް, މިޒޫރީގެ ފުލުހުން އަންނަނީ ގަސްތުގައި މީހަކު މަރާލައި, ގައިގެ ގުނަވަންތަކަށް ގެއްލުންދިނުމުގެ ދައުވާ މާކުގެ މައްޗައް އުފުލުމަށް ތައްޔާރުވަމުންނެވެ.

ދައުލަތުން ކުރާ ދައުވާތައް މާކުގެ މައްޗައް ސާބިތު ވެއްޖެނަމަ އޭނާ އަށް އެންމެ މަދުވެގެން 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިފަދަ ހާދިސާ ތަކަކީ މަދުން ނަމަވެސް ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ހިނގަމުން އަންނަ ހިތާމަވެރި ހާދިސާތަކެކެވެ.