"އެއީ ތެދެއް. ކަލޭ ތީ އެ ރާއިދުގެ ދަރިއެއް." ނިހާދު ވަގުތުން ބުންޏެވެ. ހުއްޓުން އަރާފައި ހުރި ރީޝާއަށް ޤަބޫލުކުރަން ވީ ކާކުގެ ވާހަކައެއް ކަމެއް ވެސް ނޭނގުނެވެ.

އެ އެނގުނު ޙަޤީޤަތެއްގެ ސަބަބުން ރީޝާގެ ހިތަށް ނުބައި ގޮތްތަކެއް ވެއްޖެއެވެ. އެ ހިތް ނުތަނަވަސްކަމުން ފުރިއްޖެއެވެ. ރީޝާ ފަހަރަކު މީހަކަށް ބަލައިލިއެވެ. ފިރާޝާ ހުރީ ފެންކަޅިވެފައެވެ. ނިހާދު އަދިވެސް ހުރީ ކެކިކެކިއެވެ. އެތަނުން އިތުބާރުކުރަންވީ ކާކަށް ކަމެއް ވެސް ރީޝާއަކަށް ނޭނގެއެވެ. ހަމަ ޙަޤީޤަތުގައި ވެސް އޭނާގެ ބައްޕައަކީ ރާއިދު ހެއްޔެވެ؟ އަނެއްކާ ވެސް އެ ސުވާލު އޭނާގެ ހިތުގައި އުފެދިއްޖެއެވެ. ރީޝާއަށް ޤަބޫލުކުރަން ވެސް އުނދަގުލެވެ. އެއީ ގައިމުވެސް އުފާވެރި ޚަބަރެއްނޫނެވެ.

"މަން..މަންމަ..މާ." ރީޝާގެ އަޑު ބޭރު ނުވެގެން ހިންދިރުވައިލިއެވެ. އެ އަޑު ވެސް ވަނީ ފިތިފައެވެ.

"ދަރިފުޅުގެ ބައްޕައަކީ ރާއިދެއްނޫން. މަންމައަށް އިތުބާރުކުރޭ." ފިރާޝާ އަސަރާއެކު ބުނެލިއެވެ.

"އަދިވެސް އޭނައަށް އޮޅުވައިލަންތަ ތި މަސައްކަތްކުރަނީ." ނިހާދު އަޑުގަދަކޮށްލިއެވެ. "އޭނަ ހިތާވެގެން އެ އުޅެނީ އޭނަގެ ބޭބެއަކާއޭ! ލަދެއްނުގަނޭތަ؟ އެކަމަށް ވިސްނައިފަ ވެސް ކަލޭވެއްޖެ ތިކަން ސިއްރުކުރުން ހުއްޓައިލަން. ކަލޭކުރި މުޑުދާރު ފާފަ ކިހައި ދުވަހެއްވަންދެން ސިއްރުކުރާނަމޭ ހިތައިތަ ތިއުޅެނީ؟ ކަލޭ ތިކަން ސިއްރުކޮށްގެން އެ ދެމީހުން ދުރުކުރަން ކިތަންމެ ވަރަށް މަސައްކަތްކުރިޔަސް ތިކަމެއް ނުވާނެ. މަ ގާތަށް ރުޅި އަރުވަންނޫޅެ، ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދީ. ނޫނީ މަގޭ އަތުންފައިން ގޯހެއް ހެދިދާނެ."

ނަވީލާއި ރީޝާގެ ގުޅުމަށް ފިރާޝާ ހުރަސްއެޅި ސަބަބަކީ އެއީ ހެއްޔެވެ؟ ނޫނީ އެކަމުގެ ފަހަތުގައި ފޮރުވިފައި އިތުރު ސަބަބެއް އޮތީ ހެއްޔެވެ؟ އެހެންނަމަ، އެ ސަބަބު ފިރާޝާ ބުނެނުދިނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގައި ޙަޤީޤަތްތަކެއް ނުވާނަމަ ނިހާދު ވެސް އެހާ ރުޅިއެއް ނާންނާނެކަން ރީޝާއަށް ޤަބޫލުކުރެވެއެވެ. ނިހާދު މަނާކުރަމުން ދިޔައިރު ވެސް ރާއިދާއި ފިރާޝާއާ ދެމެދު ގާތް ގުޅުމެއް އޮތްކަން އެއީ ރީޝާއަށް ވެސް އެނގޭ ކަމެކެވެ. ތަފާތު އެކިއެކި ޚިޔާލުތަކުން ރީޝާ ހާސްކޮށްލައިފިއެވެ. ޖަވާބު ނުލިބޭ ސުވާލުތަކާއެކު ވަރުގަދަ ކޮޅިގަނޑެއްގެ ތެރޭގައި މުޅި ޖިސްމު ރަނގަޅަށް ވެސް ހައްޔަރުވެއްޖެއެވެ.

"ދަރިފުޅާ. މަންމަ ދަރިފުޅަކަށް ދޮގެއް ނުހަދާނަން." މާޔޫސްކަމާއެކުގައި ފިރާޝާ ބުންޏެވެ. "ދަރިފުޅުގެ ބައްޕައަކީ ރާއިދެއްނޫން."

"އެހެންވީރު އޭނަގެ ބަފަޔަކީ ކަށްވަޅުގައި އޮތް ކަލޭގެ ބަފާތަ؟" ނިހާދު ފެލިގަތެވެ.

"ހުއްޓާލާ. ހަމަ މިހާރު ހުއްޓާލާ." ރީޝާއަށް ކެތްނުވެގެން ހަޅޭއްލަވައިގަތެވެ. "މަންމަ ވެސް ތީ ދޮގު ހަދާމީހެއް. މި ހުރިހާ ދުވަހު ނަވީލާ ދުރުގައި ހުންނާށޭ ކީ އިރު އެންމެފަހަރަކު ވެސް ސަބަބު ބުނެދިންނަމަ. ނަވީލަކީ އަހަރެންގެ ބޭބެއޭ ބުނެދިންނަމަ."

ފިރާޝާ ދެއަތަށް ބޯ ހޫރުވަމުން ރީޝާއާ ގާތަށް ޖެހިލިއެވެ. ރީޝާ ވަގުތުން ފަހަތަށް ޖެހުނެވެ. އަނެއްކާ ވެސް ފިރާޝާ ކުރިޔަށް ޖެހިލިއެވެ. ރީޝާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އަދި ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕައި ތަޅުވެސް ލިއެވެ. ފިރާޝާ އަންނާނެކަން އެނގޭތީއެވެ. ކަންތައްވީ ވެސް އެހެންނެވެ.

"ދަރިފުޅާ މަންމަ މި ދައްކާ ވާހަކަ އަޑުއަހާބަލަ." ފިރާޝާ ގޮވިއެވެ. އެތައް އިރެއް ވަންދެން ދޮރުގައި ޓަކިޖެހިއެވެ. އެންމެފަހުން ވަރުބަލިވެގެން، ފިރާޝާ ދިޔައީއެވެ.

ރީޝާ އިނީ އެނދުމަތީގައެވެ. ހިލަވެފައިވާ ބުދެއްފަދައިން ގަނޑުވެފައެވެ. ފިރާޝާ ގޮވިއަޑު އިވުނު ވެސް މެއެވެ. އެކަމަކު މަންމައާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. އެހައި ހިތްވަރުގަދަ އަންހެއްކުއްޖަކު ކުއްލިއަކަށް ބަލިކަށިވީ ކީއްވެގެން ހެއްޔެވެ؟ ސަބަބު ބުނެދިނުމަށް މާދުރަށް ނަޒަރު ހިންގާކަށް ނުޖެހެއެވެ. ރީޝާއަށް ނޭނގި ނަމަވެސް ނަވީލްދެކެ ލޯބި ވެވުނީއެވެ. ނަވީލަކީ ބޭބެއަށް ވެދާނެކަމުގެ ބިރު އުފެދުމާއެކު އެ ހިތް ހަލާކުވީއެވެ. ރީޝާއަށް ވެސް އެނގުމެއްނެތި، އެ ދެލޮލަށް ފުނިޖެހެމުން ދިޔަ ކަރުނަތައް އެކަމުގެ ހެތްކަކަށް ފުދެއެވެ. އެ ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ދެމިގެން ދިޔައިރު ވެސް ރީޝާ އިން ގޮތަށް އިނީއެވެ. އިރުކޮޅަކުން އަތް ހިއްލައިލައި ކަރުނަތައް ފޮހެލިއެވެ. އަދި ދެ އިނގިލިކުރި ކާއްތައިލަމުން، އެ ކަރުނަތަކަށް އޭނާ ބަލައިލީ އަޖައިބުވެފައި އިނދެއެވެ. ލޮލުން ކަރުނަ އޮހޮރެން ޖެހުނު ސަބަބު ޚުދު އޭނާއަށް ވެސް ނޭނގޭ ކަހަލައެވެ.

ރީޝާ ފާޚާނާއަށް ވަދެ، މޫނު ދޮވެލައިގެން ނުކުތްއިރު އެނދުމަތީގައި އޮތް ފޯނު ނިވި ދިއްލޭތަން ފެނުނެވެ. ގުޅަނީ ނަވީލެވެ. އެ ކޯލަށް ޖަވާބުދޭން ހިތަށް އެރި ނަމަވެސް ފޯނު ކެނޑެންދެން ބަލަހައްޓައިގެން ހުރީއެވެ. ނަވީލް 03 ފަހަރަށް ގުޅިއެވެ. ދެން އައީ މެސެޖެކެވެ. މަޑުމަޑުން ރީޝާ ފޯނު ނެގިއެވެ.

"ރީޝް! ވަރަށް ސަކަރާތްވެއްޖެ. ބައްޕަ ބުނީ ރީޝްއާ ގުޅުން ކަނޑައިލަން. ސަބަބެއް ވެސް ބުނެ ނުދިން." އެ މެސެޖުގައި އޮތީ އެހެންނެވެ.

މެސެޖު ކިޔައި ނިމުނުއިރު، ރީޝާއަށް އެނދުގައި އިށީނދެވިއްޖެއެވެ. ރާއިދު އެ ގުޅުމަށް ނުޤަބޫލުވުން ބާރު ދެނީ ނިހާދު އެ ބުނީ ތެދުކަމުގައެވެ. ފިރާޝާ ހަދަނީ ދޮގުކަމުގައެވެ. ރީޝާގެ ބައްޕައަކީ ރާއިދެވެ. ކުއްލިއަކަށް ނަވީލްގެ ލޮބުވެތި ސޫރަ ރީޝާގެ ދެލޯ ކުރިމަތީގައި ވިދައިގަތެވެ. އެޔާއެކު އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. އަނެއްކާ ވެސް ހާސްވާން ފަށައިފިއެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަން ފެށުނެވެ. ހިތަށް ހަމަޖެހުމެއް ގެނުވޭތޯއެވެ. އެހެނަސް ގަޑީގެ ސިކުންތު ކަށި ހިނގަމުންދިޔަ ވަރަކަށް އޭނާގެ ހިތްވެސް ދިޔައީ ނުތަނަވަސްކަމުން ފުރި ބާރުވަމުންނެވެ. އޭނާގެ ބޭބެއަކަށް ނަވީލް ވުމަށް އެ ހިތެއް އެއްބަހެއް ނުވެއެވެ. އެންމެފަހުން ޚިޔާލެއް ހޯދުމަށް ފޯނުނަގައި ގުޅައިލީ، ރީޝާގެ ސިއްރުތައް ޙިއްސާކުރާ އެކުވެރިޔާއަށެވެ. ނާޔާއަށެވެ.

****

ނަވީލަށް ރީޝާ ފެނުނުފަހުން، ޝިހާމްގެ ގެއަށް ދިޔުން އޭނާގެ އާދައަކަށް ހެދިއެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ރީޝާ ލޮލަށް ނުފެނުމުން މާޔޫސްވިއެވެ. ދެން އޭނާ ބެލީ ރީޝާ ސުކޫލަށްދާ ގަޑިއެވެ. އެކަމަކު އެ ގަޑިއަކާ ވެސް ދިމައެއް ނުވިއެވެ. ރީޝާ ސުކޫލަށް ނުދަނީބާއޭ ނަވީލްގެ ހިތަށް އެރިއެވެ. އެ ސުވާލު އޭނާ ރިޒްމާއާ ކުރިމަތިކުރުވިއެވެ. ރީޝާ ބަލިވެ އުޅޭކަމަށް ބުނެ ރިޒްމާ ދޮގުހެދިއެވެ. ސުކޫލަށް ދިޔުން މަނާކޮށްފައި އޮތްކަން ސިއްރުކުރަން ރިޒްމާ ބޭނުންވީއެވެ. ޖެހިގެން އައި ދުވަހު ސުކޫލަށް ދިޔުމުގެ ހުއްދަ ރީޝާއަށް ލިބުނެވެ. އެއީ ޝިހާމަށް މަޖުބޫރުވެގެން ނިންމި ނިންމުމެކެވެ.

ރީޝާ ސުކޫލަށް ދާން ފެށުމާއެކު، ރީޝާގެ ހިޔަނި ފަދައިން އޭނާގެ ފަހަތުން ނަވީލް ހިނގަންފެށިއެވެ. ނަވީލް މޮޔަގެރިއަވަލައިގެން އުޅެން ފެށުމުން ރީޝާގެ ބޮޑު ބޮލުގެ ރިހުމަކަށް ވިއެވެ. އެންމެފަހުން އޭނާގެ ކެތްތެރިކަން ކޮޅުން ލިއެވެ.

"ކިހާ ބޮޑު އުނދަގުލެއް މީ." ރުޅިއައިސްފައި ރީޝާ ބުންޏެވެ. "މަގޭ ލޯބިވެރިޔަކު ހުރެޔޭ. އެހެންވެގެންނޭ ކަލެޔާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވަނީ. ކިތައް ދުވަހު ބުނެފިން މިހާރު މަ ބޭނުމެއް ނުވެޔޭ ކަލެޔާ ވާހަކަ ދައްކާކަށް. ދުރަށްދޭ."

"ސޮރީ. ކުރިންވެސް ތިހެން ބުނިނަމަ އުނދަގުލެއް ނުކުރާނަން." ނަވީލް ދެރަވެލައިފައި ބުނިހާވެސް އެއްޗަކީ އެއީއެވެ. އެއަށްފަހު އޭނާގެ އަތުގައި އޮތް އައިނު ލޮލަށް ހެޔޮވަރުކޮށްލުމަށްފަހު ހިނިތުންވެލިއެވެ. ދެން ފެނުނީ ރީޝާ ފަސްދީފައި ހިނގައިގަތްތަނެވެ.

"ސާބަސް. ތި ހެދީ ހަމަ ރަނގަޅަށް." ތަންކޮޅެއް ދުރުގައި މަންޒަރު ބަލަންހުރި ނާޔާ ބުނެލިއެވެ. ނާޔާއަކީ ރީޝާގެ އެންމެ ގާތް އެކުވެރިޔާއެވެ. ރީޝާއަށް ހިތްވަރުދޭ ހަމައެކަނި ފަރާތެވެ.

"އާނ. ބޮޑު އުނދަގުލަކަށް ވެއްޖޭ." ރީޝާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. އެހެނަސް އެ ހިތުގެ ކޮންމެވެސް ހިސާބަކުން ނަވީލާ މެދު ހަމްދަރުދީއެއް އުފެދިފައިއޮތެވެ.

ދެ އެކުވެރިން ގެއަށް ދިޔުމަށް ހިނގައިގަތެވެ. ދިޔަމަގުމަތީގައި ކާވެނީގެ ލިޔުންތައް ހޯދުމަށް ރިޒްމާ މަސައްކަތްކުރޭތޯ ނާޔާ ސުވާލުކުރިއެވެ.

"ދައްތަ އެކަމެއް ނުކުރާނެ." ވަރަށް ޔަޤީންކަމާއެކު ރީޝާ ބުންޏެވެ. "މަސައްކަތެއް ވެސް ނުކުރޭ. އެޔަށްވުރެ ބޮޑަށް ދައްތަ އެ ޝިހާމްދެކެ ބިރުގަނޭ. އަހަރެން އަހައިލާއިރަށް ބުނަނީ އެކަހަލަ އެއްވެސް ލިޔުމެއް އަދި ނުފެންނަކަމަށް. އެކަމަކު އެއީ ހަމަ ބޮޑު ދޮގެއް. އެމީހުން ކޮޓަރީގައި ހުރޭ އަބަދުވެސް ތަޅުލައިފައި ހުންނަ ވަތްގަނޑެއް."

ވޭތުވެދިޔަ ދުވަސްތަކުގައި ރީޝާ ވަރަށް ގިނަ ވަގުތު އެ ކޮޓަރީގައި ހޭދަކުރިއެވެ. ލިބޭ ހަނި ފުރުޞަތުތަކުގައި ތަންތަން ހާވާ ބެލިވެސްމެއެވެ. އެގޮތަށް އުޅުމުގެ ތެރޭގައި އެ ސިއްރު ވަތްގަނޑުވެސް އޭނާއަށް އޮތީ ފާހަގަވެފައެވެ. އަދި އެ ވަތްގަނޑުގެ ތަޅުދަނޑި އޮންނަނީ ޝިހާމްގެ އަތުގައިކަން ވެސް އޭނާއަށް އޮތީ އެނގިފައެވެ.

"ދެން ކިހިނެއް ހަދަން ވިސްނަނީ." ނާޔާ އެހިއެވެ.

"އެ ލިޔުންތައް މިރޭ ހޯދާނަން." ރީޝާ އުންމީދާއެކު ބުނެލިއެވެ.

އެރޭ ޝިހާމް ކޮޓަރިއަށް އައިއިރު ރީޝާގެ ފުށުން ފެނުނީ ކިޔަމަންތެރިކަމެވެ. އޭނާގެ ކޮންމެ ބަހަކަށް ރީޝާ ބޯލެނބިއެވެ. ޖަދަލުކުރުމެއް ގަދަ ދެއްކުމެއް ނެތިއެވެ. ކުއްލިއަކަށް ރީޝާ ބަދަލުވުމުން ޝިހާމްގެ ބޮލުގައި ރިއްސައިލިއެވެ. ޝައްކުގެ ނަޒަރުން ބަލައިލިއެވެ. ކޮންމެވެސް ނުބައި ރޭވުމެއްތެރޭގައި ބެދެން އުޅޭހެން އޭނާއަށް ހީވިއެވެ. އެދިމާއަށް ވިސްނުން ދަތުރުކުރަނިކޮށް މަގު އޮޅުވައިލީ ރީޝާގެ ފުށުން ލިބެންފެށި ހިތްހަމަޖެހުމެވެ. އެރޭ ޝިހާމަށް ނިދުނުގޮތް ވެސް ނޭނގުނެވެ. އެނދުގައި ބުރަކަށި ޖައްސައިލާނެ ވަގުތެއް ލިބުމާއެކު އެ ދެލޮލަށް ބަރުވެ، ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. ރީޝާ އިންތިޒާރުކުރަމުން ދިޔަ ވަގުތު ޖެހުމާއެކު އެނދުން ތެދުވީ ޝިހާމަށް ބަލަމުންނެވެ. އެނދު ކައިރިއަށް ވެއްޓިފައި އޮތް ޖީންސު ނެގިއިރު އޭގައި ޝިހާމްގެ ތަޅުދަނޑިފަތި އޮތެވެ. ތަޅުދަނޑިފަތި އަތުތެރޭގައި ބޮނޑިކޮށްލެވުނުއިރު، އެ ތުންފަތްމަތިން ކެހިވެރި ހިނިތުންވުމެއް ފާޅުވިއެވެ.

ރީޝާގެ ފިޔަވަޅު އަޑުވެސް ނީވޭހާ މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް އޭނާ ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ދޮރު ކައިރިކޮށްލުމަށްފަހު ރިޒްމާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ރީޝާ އެ ކޮޓަރީގެ ދޮރުވެސް ހުޅުވައިލީ މަޑުމަޑުންނެވެ. ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. ރިޒްމާއަށް އޮތީ ނިދިފައެވެ. ނަމަވެސް ރީޝާ އަލަމާރީގެ ދޮރުފަތް ހުޅުވައިލި ވަގުތު، އިވުނު އަޑާއެކު ރިޒްމާއަށް ހޭލެވިއްޖެއެވެ.

"މި ކޮޓަރީގައި ކީއްކުރަނީ." ރިޒްމާ އެހިއެވެ.

"މިއުޅެނީ ދައްތައަށް ނުފެނުނު ލިޔުންތައް ހޯދަން." ރީޝާގެ ޖަވާބު އިވުމާއެކު ރިޒްމާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ދުވެފައި ގޮސް ހުޅުވައިފައި ހުރި އަލަމާރީގެ ދޮރުފަތް ލައްޕައިލިއެވެ. އެ ސިއްރުކަބަޑުގައި ހުރީ ރީޝާ ހޯދަން ބޭނުންވެގެން އެއުޅޭ ލިޔުންތައްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ރީޝާއަށް ޔަޤީންވީ ދެނެވެ. އަދި ކުރިންވެސް ރިޒްމާއަށް އެކަން އެނގޭކަން ރޭކައިލިއެވެ.

"ދައްތަ ގަސްތުގައި މަށަށް އެހީނުވަން ތި ހުންނަނީ." ހިސާބަކަށް ޚައިރާންވެފައި ރީޝާ ބުންޏެވެ. "ދައްތަ ތީ ހާދަ ދޮގުހަދާ މީހެކޭ."

"ވަރިހަމައޭ. ނުކުމޭ މިކޮޓަރިން." ރިޒްމާ އަމުރުކުރިއެވެ.

ރިޒްމާގެ ފުށުން އާ ކުލައެއް ފާޅުވުމުން ރީޝާ ހުއްޓުން އެރިއެވެ. ރިޒްމާއަކީ ދުވަހަކު ވެސް އޭނާއާ ދިމާއަށް އަޑުގަދަކުރި މީހެއް ނޫނެވެ.

"އަހަރެންގެ ދަރިން ބައްޕައެއްގެ ލޯބިން މަހުރޫމްވިޔަކަ ނުދޭނަން. ހަމަ މިހާރު ނުކުމޭ." ރީޝާގެ އަތުގައި ހިފައި ދަމައިގަންނަމުން ރިޒްމާ ބުންޏެވެ. އަދި ރީޝާގެ ބުރަކަށީގައި ރިޒްމާ ދެއަތް އަޅައި ކޮށްޕައިލަމުން، ރީޝާ އެ ކޮޓަރިން ބޭރުކުރިއެވެ.

އަދިވެސް ރީޝާއަށް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ރޭވި މޮޅު ރޭވުންގަނޑު ފެނަށް ވާންއުޅޭކަމުގެ އިޚްޞާސް އޭނާއަށް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. ރީޝާ ވިސްނައިލިއެވެ. މިރޭ އެކަން ނުވެއްޖެނަމަ އެ ދޮރު އަބަދުގެއަބަދަށް ބަންދުވާނެކަން މުޖައްރިބެވެ. އިރުއެރުމާއެކު ރިޒްމާ އެ ޚަބަރު ޝިހާމަށް ދޭނެއެވެ. އޭރުން ލަހެއްފަހެއްނެތި ޝިހާމް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެއެވެ. އޭގެކުރިން ރީޝާ ޖެހޭނީ އެ ލިޔުންތައް ހޯދާށެވެ. ރީޝާއަށް އޮތީ އެންމެ ގޮތެކެވެ. ރިޒްމާއާ ހަނގުރާމަކޮށްގެން ނަމަވެސް އެ ލިޔުންތައް ހޯދުމެވެ. އިރުއެރުމުގެ ކުރިން އެކަން ކުރުމަށް އޭނާ ވަގުތުން އަޒުމު ކަނޑައެޅިއެވެ.

****

ނާޔާއަށް ގުޅައިގެން ވާހަކަ ދައްކައިލެވުމުން، ރީޝާގެ ސިކުނޑިއަށް ލުއިލިބުނެވެ. އޭރުވެސް ހިތް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަސްތޮޅު އެޅިފައެވެ. ޙަޤީޤަތަށް ފިލަން އުޅެގެން، އެ ހިތަށް ހަމަޖެހުމެއް ހޯދައި ނުދެވޭނެކަން ރީޝާއަށް ވިސްނެއެވެ. އެހެންކަމުން ފިރާޝާއާ ކުރިމަތިލުމަށް އޭނާ ނިންމިއެވެ. އެއީ ނާޔާ ވެސް ދިން ޚިޔާލެވެ.

ގަރުދިޔަ ތެލި ބޮކިޖަހާފައި ކެކެންފެށިއެވެ. މަތީގައި ހުރި ފޮނަތައް ތުޅަލުން ނަގައި، ސިންކަށް އަޅައިލުމަށްފަހު، ފިރާޝާ އުނދުން ނިއްވައިލިއެވެ. ގަރުދިޔަ ތެލީގައި މަތިޖެހިއެވެ. އޭނާ ބަދިގެއިން ނުކުންނަން ހިނގައިގަތް ވަގުތު ރީޝާ އެތަނަށް ވަނެވެ.

"ދަރިފުޅު. ކާނަންތަ؟ މަންމަ ހުރިހާ އެއްޗެއް ހޫނުކުރީ މި." ފިރާޝާ ވާހަކަ ދެއްކީ އާދައިގެ ރާގެއްގައެވެ.

ރީޝާ ގޮނޑިއެއް ދަމާލައިފައި މޭޒުކައިރީ އިށީނެވެ. އަދި ފިރާޝާ ގާތުގައި އިށީނުމަށް ބުނެލިއެވެ. ފިރާޝާ އިށީނީ ރީޝާ ކުރިމައްޗަށް ވާގޮތަށް މޭޒުގެ އަނެއް ފަރާތުގައެވެ.

"ދަރިފުޅުގެ ބައްޕައަކީ ރާއިދެއްނޫން." ރީޝާ އެއްޗެއް ބުނުމުގެ ކުރިން ފިރާޝާ ވާހަކަދެއްކިއެވެ.

ފިރާޝާ ކޮންމެފަހަރަކު ވެސް އެއްޖަވާބެއް ދެމުންދާތީ، އެ ބަހަށް އިތުބާރުކުރަން ރީޝާ ބޭނުންވެއެވެ.

"ދެން ކީއްވެގެން މަންމަ އަހަރުމެންގެ ގުޅުމަށް ހުރަސް އަޅަނީ." ރީޝާ އެހިއެވެ.

"އެއީ ނިހާދުގެ ސަބަބުން. މަންމަގެ ސިއްރު ދަރިފުޅަށް ފަޅާއަރުވައިލައިފާނެތީ މަންމަ އެ ގޮތަށް ކަންތައްކުރީ." ފިރާޝާ އޮޅުންފިލުވައި ދިނެވެ.

ސިއްރުކަމަށް ފިރާޝާ އެ މާނަކުރި ވާހަކައަކީ، ރީޝާއަކީ ނިހާދުގެ ދަރިއެއްނޫންކަމަށް ބުނާ ސިއްރެވެ. އެ ހަޤީޤަތް ރީޝާއަށް އެނގުނުފަހުން ވެސް އެމީހުންގެ ގުޅުމަށް ހުރަސް އަޅަން ފިރާޝާ މަސައްކަތްކޮށްފައިވެއެވެ. ވާހަކަ ނުދެއްކުމަށް ވެސް ބުނެފައިވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ރީޝާގެ ހިތުގައި އުފެދުނު އެ ސުވާލު ވެސް އޭނާ ކުރިއެވެ.

"ވަރަށް ކުރިންސުރެ ބައްޕަ ވަރަށް ރުޅިއަންނާނެ ރާއިދުދެކެ." ފިރާޝާ ބުންޏެވެ. "ދެން ދަރިފުޅު ނަވީލާއި ގުޅުން ބާއްވާކަން އެނގުނީމަ، އެ ރޯޅި ބޭލުވީ މަންމައަށް. މަންމައަށް އަންގަން ވެސް އެންގި އެކަން ހުއްޓުވަން. މަންމަ ބޭނުންނުވީ ދަރިފުޅުކުރާ ކަމެއްގެ ސަބަބުން މަންމައަށް އަދި ދަރިފުޅަށް ވެސް ގެއްލުމެއް ލިބެން. ނިހާދަކީ އެއްވެސް ކަމެއްކުރަން ޖެހިލުންވާނެ މީހެއްނޫން. އެހެންވެގެން މަންމަ ތި ގުޅުމަށް ނުޤަބޫލުވީ. ދަރިފުޅުގެ ބޭބެއަކަށް ނަވީލް ވާތީއެއް ނޫން."

ރީޝާގެ ހިތުގައިވާ ނުތަނަވަސްކަން އޮބިގެން ހިނގައްޖެއެވެ. އެހެނަސް އެ ހިތުގައި އަދިވެސް ސުވާލެއް ތަކުރާރުވޭވޭ ހުއްޓެވެ.

"ދެން އޭނަ އަޑަށް ބާރުލައިފައި، އަހަރެންގެ ބައްޕައަކީ ރާއިދުއޭ އެ ގޮވަނީ ކީއްވެގެން؟" ރީޝާ އެ ސުވާލުގެ ޖަވާބު ވެސް ބޭނުންވެއެވެ.

"އެއީ ނިހާދަށް ހީވެފައި އޮތް ކުށްހީއެއް." ފިރާޝާ މަޑުމަޑުން ޖަވާބުދިނެވެ.

"މިހައި ދުވަސްވީއިރު ވެސް އެ ކުށްހީ މަތީގައި އެ ހުންނަނީ؟" ރީޝާ އެހިއެވެ. "އަހަރެންމީ ކާކުގެ ދަރިއެއްކަން ވެސް އޭނާއަށް ނޭނގެނީތަ؟ އަހަރެންގެ ޙަޤީޤީ ބައްޕައަކީ ކާކު؟"

ފިރާޝާ ނުތަނަވަސްވެއްޖެއެވެ. ރީޝާ ހީވަނީ މައްސަލައެއް ތަޙްޤީޤުކުރާ ހެންނެވެ. ސުވާލަކަށްފަހު ސުވާލެކެވެ. މިހާރު ފިރާޝާއަށް އެ އިނދެވެނީ ތަޙްޤީޤްކުރާ ކޮޓަރިއަކަށް ވަދެ ހެން އޭނައަށް ވެސް ހީވާންފަށައިފިއެވެ. އެންމެފަހުން އޭނާއަށް ޖަވާބުދޭން އުނދަގުވާ ސުވާލު ވެސް ރީޝާ ކުރީއެވެ.

"ދަރިފުޅު އަދި މާ ކުޑަ." ފިރާޝާ އުޒުރުދެއްކިއެވެ.

އެ ވާހަކަތައް ދެއްކުމަށް ފިރާޝާ އުޒުރުވެރިވުމުން، ރީޝާގެ ސިކުނޑީގައި ޝައްކުގެ ޓަކި ދީފިއެވެ. އޭނާ ޝައްކުގެ ނަޒަރުން ފިރާޝާ އަށް ބަލައިލިއެވެ.

"މަންމަ ތި ދައްކަނީ ތެދުވާހަކަތަކެއް ކަމަށް ޤަބޫލުކުރެވޭނީ އަހަންނަށް ހުރިހާ އެއްޗެއް އެނގިގެން." ރީޝާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

ރީޝާގެ އިތުބާރު ލިބޭނީ އެ ހުރިހާ ސުވާލުތަކެއްގެ ސާފު ޖަވާބުތައް ދީގެންކަން ފިރާޝާއަށް އެނގެއެވެ. އެހެނަސް ބައެއްކަހަލަ ވާހަކަތަކަކީ ދަރިންގެ ކުރިމަތީގައި ހާމަކުރަން އުނދަގޫ ވާހަކަތަކެކެވެ. އެއީ ލަދުވެތި ވާހަކަތަކެއްކަމުގައި ވީތީއެވެ. އެހެނަސް ރީޝާއަށް އަލިފުން ޔާއަށް ކިޔައިދިނުން ފިޔަވައި، އިތުރު އެއްވެސް ގޮތެއް ފިރާޝާއަކަށް ނެތެވެ.

"ދަރިފުޅުގެ ބައްޕަ މިހާރު ދުނިޔެއަކު ނެތް. އެއީ މަންމައަށް ކުރެވުނު ކުށެށް. ފާފައެއް. އެ ކުށުގެ ސަޒާ މަންމައަށާއި ދަރިފުޅަށް ލިބެމުން މިދަނީ." ފިރާޝާއަށް ރޮވިއްޖެއެވެ. "ދަރިފުޅު ތީ ޒުބޭދާ ބޮޑުދައިތައަށް މާމަ ކިޔާ ކުއްޖެއް. އޭނަގެ ދަރި ޒައިދުގެ ދަރިއެއް."

ނިހާދާއި އިނދެގެން ފިރާޝާ އެރަށަށް ދިޔައިރު، ނިހާދުގެ ގޭގައި ޒުބޭދާއާއި އޭނާގެ ދަރިފުޅު ޒައިދު ވެސް އުޅުނެވެ. އޭރު ނިހާދަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމުން އޭނާއަށް ރަށަށް އާދެވެނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. ޒުބޭދާގެ ދަރި ޒައިދަކީ ނިހާދާއި އަޅާބަލާއިރު އެތައް ގޮތަކުން ރީތި ފިރިހެނެކެވެ. ހަށިގަނޑު ބިޔަ ދޮން މީހެކެވެ. އެ ރީތިކަމުގެ ދަލުގައި ފިރާޝާއަށް ވެސް ޖެހެވުނީއެވެ. ވަގުތީ އަރާމާއި ލައްޒަތުގެ ބޭނުމުގައި އޭނާއަކީ މީހެއްގެ އަނތްބެއްކަން ވެސް ހަނދާންނެތުނީ ސަބަބެއް ނެތިއެއް ނޫނެވެ. ޒައިދުގެ ފަރާތުން އެފަދަ އިޝާރާތްތައް ކެނޑިނޭޅި ލިބެންފެށުމުން ފިރާޝާގެ ހިތް ނިޔަތް ގޯސްވީއެވެ. ޒައިދުގެ އެދުމަށް ބޯލަނބައި، އެ ފާފައަށް އަރައިގަނެވުނީއެވެ. އެ ދުވަހުގެ ފަހުން ޒައިދު ހުންނަނީ ފިރާޝާއާ ހެދި މޮޔަވެފައެވެ. އެންމެފަހުން ޒުބޭދާއަށް އެކަން ފަޅާއެރިއެވެ. ނިހާދު ރަށަށް އައުމުން، ނިހާދު އެންމެ ރުޅިއަރާ މީހާ ރާއިދާއި ފިރާޝާއާ ދެމެދު ގުޅުންތަކެއް އޮންނަކަމުގެ ތުޙުމަތު ފިރާޝާގެ ބޮލުގައި ޒުބޭދާ އެޅުވިއެވެ. ނިހާދުގެ ހިތުގައި ޝައްކުތަކެއް އުފެދުނު ނަމަވެސް އެ ވާހަކަތައް އޭނާ ޤަބޫލުކުރިއެވެ. އެކަމުގެ އަދަބެއްގެ ގޮތުން ފިރާޝާއާއި އަނބިފިރިކަމުގެ ގުޅުން ނުހިންގައި ދުވަސްތަކެއް ވޭތުކުރިއެވެ. ކުއްލިއަކަށް ފިރާޝާ ބަނޑުބޮޑުވުމުން ނިހާދުގެ ހިތުގައި އޮތް ޝައްކުފިލައި ގޮސް، ޒުބޭދާގެ ވާހަކަތައް އެއީ ތެދުކަމުގައި އޭނާ ޔަޤީންކުރީއެވެ. ނިހާދުގެ ޖަނަވާރު ސިފަތައް ފާޅުވާން ފެށީ އެ ދުވަހުގެ ފަހުންނެވެ.

"ދަރިފުޅު އުފަންވުމުގެ މާ ކުރިން، ކުއްލިއަކަށް ހިތްހުއްޓިގެން ޒައިދު މަރުވީ." ފިރާޝާ ރޮމުންރޮމުން ބުންޏެވެ. "މަންމައަށް މާފުކުރޭ. މަންމައަށް ކުރެވުނު ކުށެށް އެއީ. މަންމަ ވަރަށް ލަދުގަނޭ މި ވާހަކަ ދައްކަންވެސް. އެކަމަކު ދަރިފުޅަށް ޙަޤީޤަތް އެނގެންޖެހޭނެތީ މި ކިޔައިދިނީ. މަންމަ ކުރި އެ ފާފައިގެ ސަޒާ މިއަދު ވެސް ލިބެމުން މިދަނީ."

"އިންސާނުންނަށް ކުށް ވެސް ކުރެވޭނީ. ކުށެށް ކުރެވުނަސް ތިވަރު ކުރަންޖެހޭނެކަމަކަށް އަހަރެން ނުދެކެން." ރީޝާ ވެސް އިނީ ފެންކަޅިވެފައެވެ. އެ އެނގުނު ޙަޤީޤަތެއްގެ ސަބަބަކުންނެއް ނޫނެވެ. ނަވީލް އޭނާގެ ބޭބެއަށް ވާނެ އެއްވެސް ފުރުޞަތެއް ނެތްކަން ޔަޤީންވީތީއެވެ.

"ދަރިފުޅު ކުޑަކޮށްވެސް މަންމަދެކެ ރުޅިއެއް ނާދޭތަ؟" އެއީ ފިރާޝާ ޚައިރާންވާވަރުގެ ކަމެކެވެ.

"އެ ނިހާދުގެ މުޑުދާރު ލެއަށް ނުވީތީ، އަހަރެން ފަޚުރުވެރިވޭ. ޒައިދުގެ ބަދަލުގައި އެ ނިހާދުގެ ދަރިއަކަށް ވީ ނަމަ، އަހަރެން މާ ރުޅި އަންނާނެ." ރީޝާ ބުނީ ހިތުގައި އޮތް ގޮތަށެވެ. ފިރާޝާގެ މައްޗަށް ކުޑަވެސް ނަފުރަތެއް އެ ހިތަކުނުވެއެވެ.

ރީޝާ ފުންނޭވާއެއް ދޫކޮށްލަމުން، ގޮނޑިން ތެދުވިއެވެ. ބޮލުން ބޮޑު ބަރެއް ހިއްލައިލުމުން ލިބޭ ފަދަ ހަމަޖެހުމެއް އެ ނަފުސަށް ލިބިފައިވެއެވެ. ކުއްލިއަކަށް ނަވީލްގެ މަތިން ހަނދާންވިއެވެ. އެޔާއެކު އެ ތުންފަތް މައްޗަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުން ފިރާޝާއަށް ފެނުނެވެ. ފިރާޝާގެ ނުތަނަވަސްކަން ވެސް ފިލައިގެން ދިޔައީ އެ ހިނިތުންވުން ފެނިފައެވެ.

"ތި ގުޅުމަށް ބައްޕަ އެއްބަހެއް ނުވާނެ." ފިރާޝާ ވާހަކަ ދެއްކި އަޑަށް ރީޝާ ބަލައިލިއެވެ. އޭނާ ދެބުމަ ގޮއްޖަހައިލިއެވެ.

"އެއީ އަހަރެންގެ ބައްޕައެއް ނޫން." ރީޝާ ހަނދާންކޮށްދިނެވެ. "އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔުމުގެ ޙައްޤެއް އޭނައަކަށް ނޯންނާނެ."

އެރޭގެ ހަމައެވަގުތެވެ. ރީޝާއަށް ހުރިހާ ޙަޤީޤަތެއް އެނގި ސާފުވެގެން ދިޔައިރު، ނަވީލްގެ ދިރިއުޅުމުގައި ވެސް ވަންހަނާވެފައިވާ ބޮޑު ސިއްރެއް ފެންމަތިވެއްޖެއެވެ. މާމަގެ ދުލުން އެ ޙަޤީޤަތްތައް ހާމަވަމުން ދިޔައިރު ނަވީލްގެ ދެލޮލަށް ބޮނޑިވަމުން ދިޔައީ ހޫނު ކަރުނައެވެ. ތުންފަތުގައި އުފެދެމުން ދިޔައީ ތުރުތުރުލުމެވެ. ހިތުގެ ހިނގުންވެސް އަވަސްވެ، އޭނާގެ ހަށިގަނޑުގައިވާ ހުރިހާ ހަތާ (ސެލް) އަކަށް އެ ހިތާމައިގެ އަސަރު ފޯރިއެވެ.

"ބުނޭ ތީ ދޮގެކޭ. މާމާ ތި ނުވާނެ ތެދަކަށް." ނަވީލްގެ އަޑު ވެސް ވަނީ ކުރެހިފައެވެ.

"މީ ތެދެއް ދަރިފުޅާ." މާމަ ނަވީލްގެ ބުރިކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. "މާމަ ދުވަހަކު ވެސް ހިޔެއްނުކުރަން ދަރިފުޅަށް މި ވާހަކަތައް ކިޔައިދޭން ޖެހިދާނެކަމަކަށް. އެކަމަކު މިއަދު ދަރިފުޅަށް މިކަން އެނގުން މަޖުބޫރުވީ. ދަރިފުޅަކަށް ދުވަހަކު ވެސް ރީޝާއަކާ ނީނދެވޭނެ. މީ ޙަޤީޤަތް. މިކަން ޤަބޫލުކުރުން ނޫންގޮތެއް ނެތް."

ރިއްސަމުން ދިޔަ ހިތާއި ދިމާގައި އަތް އަޅައި ބާރުކޮށްލަމުން ނަވީލް ބާރުބާރަށް ރޮއެގަތެވެ. އިރުކޮޅަކުން ދެކަކޫ މައްޗަށް ތިރިވިއެވެ. ދެފައިކޮޅުގައި ވެސް ކޮޅަށް ހުންނާނެހާ ވަރުވެސް ނެތުނީއެވެ. މާމަ ވަރަށް ހިތްވަރުދިނެވެ. ކެތްތެރިވުމަށް އެދުނެވެ. އެހެނަސް އޭނާ ދުށް ހުވަފެން ބިލާހަކަށްވުމުން ކެތްކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟

ބޭރުން ސަލާން ގޮވައިލި އަޑު އިވިގެން މާމަ ބޭރަށް ނުކުތެވެ. އޭރު ރީޝާ ގޭ ދޮރުމަތީގައި ހުއްޓެވެ.

"ނަވީލް އެބަ އުޅޭތޯ؟" ރީޝާ އެހިއެވެ. ނަވީލް ފޯނަށް ޖަވާބުނުދޭތީ ރީޝާއަށް އެގެއަށް އަންނަން މަޖުބޫރުވީއެވެ. މާމަ ޖަވާބެއް ނުދީ އިރުކޮޅަކު ވިސްނައިލަން ހުއްޓެވެ.

"މަޑުކޮށްލާ." މާމަ ބުންޏެވެ. "މި ގޮވައިލަނީ."

ރީޝާ މަޑުކުރީ ބޭރު ޖޯލިފަތީގައެވެ. ނަވީލް ނުކުންނާނެ އިރަކަށް ކެތްތެރިކަމެއް ނެތި އޭނާ އިންތިޒާރުކުރިއެވެ. ދުވަހަކު ވެސް އެހައި ދިގު އިންތިޒާރެއް އޭނާ ނުކުރެއެވެ. އޭނާ އިރުއިރު ކޮޅުން ޖޯލިން ތެދުވެގެން ގޮސް، އެ ގޯތި ތެރެއަށް ބޯ ދިއްކޮށްލައެވެ. އެހެނަސް އެނބުރި ގޮސް ޖޯލީގައި އިށީންނަން ޖެހެނީ މާޔޫސްކަންމަތީގައި ހުރެއެވެ. ލޯތްބަކީ އޭނާއަށް މުޅިން އައު ޖަޒުބާތެކެވެ. އެނގުމެއް ވެސް ނެތި އެ އިޙްސާސް ހިތުގައި އުފަންވެއްޖެކަން އޭނާއަށް ރޭކާލީ ވެސް މިރެއެވެ. ދިމާވި ހާދިޘާގެ ސަބަބުންނެވެ. އެކަން އެނގުނު ހިސާބުން، ނަވީލް އިންތިޒާރެއްގައި ބެހެއްޓުމަށް ހިތެއް ނޭދުނެވެ. ނަވީލަށް އޭނާގެ މާޒީ އޮޅުންފިލުވައި ދިނުމަށްފަހު، އެ ގުޅުމަށް ފުރުޞަތެއް އޮތްތޯ ބަލަން ބޭނުންވިއެވެ.

ރީޝާގެ ކަންފަތުގައި ފިޔަވަޅެއްގެ އަޑު ޖެހުމާއެކު ތެދުވެވުނެވެ. ނަވީލް އިސްޖަހައިގެން ހުރެ މަޑު ހިނގުމެއްގައި އަންނަތަން ރީޝާއަށް ފެނުނެވެ. އޭނާގެ ހިތް އަވަސްވާ ގޮތްވިއެވެ. ނަވީލް އިސްއުފުލައިލުމާއެކު ހުރި ފިޔަވަޅު މައްޗަށް ގާވިއެވެ. ރީޝާ ހޯދަން އައިސް ހުރިކަން އެނގުމުން، އޭނާ އެ ނުކުތީވެސް ރީޝާ ދާނެހާ އިރު ކޮށްފައެވެ. ރީޝާ ބާރަށް ހިނގާލައިފައި ގޮސް ނަވީލްގެ އިޒުނަވެސް ހޯދުމެއްނެތި، އެ ދެއަތުގައި ހިފައިލިއެވެ.

"އައި ލަވް ޔޫ." ހިތްގައިމު އަޑަކުން ލަދުވެތިކަމާއެކު ރީޝާ ބުނެލިއެވެ. އެހެނަސް ނަވީލްގެ ކަންފަތުގައި އެ މަޑު މިޔުޒިކީ އަޑު ޖެހުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު ރީޝާގެ އަތުން ދޫކޮށްލެވުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެޔާއެކު އިސްޖައިގެން ހުރި ރީޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުމަ

    ވ.ރީތި

  2. ޏަމްޏަމް

    ކިހިނެއްތަ މި ވަނީ؟